21 އެޕްރީލް 2025 - 10:47
ލަނޑު ނުޖެހޭ ނަމަ ދަނޑުމަތީ ކުރެވެނީ ބޭކާރު މަސައްކަތެއް ކަމަށާއި އަބަދު ވެސް އެންމެ މުހިއްމު ކަމަކީ ނަތީޖާ ނެރުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޔުނައިޓެޑް ރޭ 1-0 އިން ވުލްވްސް އަތުން ބަލިވި މެޗުގައި 12 ހަމަލާ ފޮނުވާލި އެވެ. އެކަމަކު ގޯލާ އަމާޒުވީ އެންމެ ދެ ހަމަލާ އެވެ. މެޗުން ވުލްވްސް މޮޅު ކޮށްދިން ގޯލު ޖެހީ 77 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. މި ހިލޭޖެހުން ފޮނުވާލީ އޭގެ ތިން މިނިޓު ކުރިން ކުޅެން ނުކުތް ޕަބްލޯ ސަރާބިއާ އެވެ.
"އަހަރެމެންނަށް ގޯލު ނުޖެހޭ ނަމަ ދަނޑުމަތީގައި ކުރާ ކަންކަމުގެ ހަގީގީ މާނައެއް ނެތް. އެއީ ނިމޭއިރު ފެންނަން އޮންނާނީ ނަތީޖާ،" ޔުނައިޓެޑަށް ގޯލު ނުޖެހުމުގެ މައްސަލައާ ގުޅިގެން އަމޯރިމް ބުންޏެވެ.
މިއީ އެރިކް ޓެން ހާގް ގެ ބަދަލުގައި މިދިޔަ ނޮވެމްބަރު މަހު ކޯޗުކަމާ ހަވާލުވި އަމޯރިމް ލީގުގައި ޔުނައިޓެޑް މެނޭޖް ކުރި 22 މެޗުގެ ތެރެއިން އެ ޓީމު ލަނޑެއް ނުޖަހައި ނިންމާލި ނުވަވަނަ މެޗެވެ.
މިދިޔަ ހަފްތާގައި ޔޫރޮޕާ ލީގުގައި ކުޅުނު މެޗުން ޔުނައިޓެޑް ވަނީ ހަތްވަރަކަށް މިނިޓުތެރޭ ތިން ގޯލު ޖަހައިގެން ފަހަތުން އަރައި ފްރާންސްގެ ލިޔޯން ބަލިކޮށް ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ. ނަމަވެސް އެއަށް ފަހު ކުޅުނު މެޗުން މިވަނީ ލަނޑެއް ނުޖެހި ބަލިވެފަ އެވެ.
ރޭ ކުޅުނު މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ 33 މެޗުން ލިބުނު 38 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. ވުލްވްސް ވެސް އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން 15 ވަނައިގަ އެވެ. ލީގުގެ 13 ވަނައިގައި އޮތް އެވަޓަން އަށް ވެސް ވަނީ ހަމަ މި އަދަދަށް ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑް މިވަނީ މި ސީޒަންގައި ލީގުގައި އަމިއްލަ ދަނޑުގައި އަށް މެޗުން ބަލިވެފަ އެވެ. މިއީ 1962/1963 ސީޒަނަށް ފަހު އެ ޓީމުގެ އެންމެ ދަށް ހޯމް ރެކޯޑެވެ. އެ ސީޒަންގައި ޔުނައިޓެޑް ވަނީ ހޯމް ގައި ނުވަ މެޗުން ބަލިވެފަ އެވެ. އަދި 21 ޓީމު ވާދަކުރި ލީގުގައި ނިންމީ 19 ވަނައިގަ އެވެ. ނަމަވެސް އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ވަނީ ޖެހިގެން އައި ސީޒަންގެ ކަޕް ވިނާސް ކަޕުން ޖާގަ ހޯދައިފަ އެވެ.
މި ސީޒަންގައި ވެސް ޔުނައިޓެޑަށް ޔުނައިޓެޑަށް ތައްޓެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ހޮވިފަ އެވެ. ސެމީގައި އެ ޓީމު ނުކުންނާނީ ސްޕެނިޝް ލީގުގެ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފި ނަމަ، ލީގުގެ މަގާމަށް ނުބަލައި ޔުނައިޓެޑަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅެވޭނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުން ގަދަ ފަސް ޓީމު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވާނެ އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތް އިރު، ލިވަޕޫލް އެއްވަނައިގައި އޮތީ 79 ޕޮއިންޓާ އެކު އެވެ. އަދި ދެވަނައިގައި އޮތް އާސެނަލް އަށް ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި 59 ޕޮއިންޓް ހޯދައިގެން ނިއުކާސަލް ޔުނައިޓެޑް އޮތް އިރު ހަތަރުވަނައިގައި އޮތީ 58 ޕޮއިންޓް ލިބިފައިވާ މެންޗެސްޓާ ސިޓީ އެވެ.
ޗެލްސީ ވަނީ ރޭ ފަހު ވަގުތު ކާމިޔާބު ކުރި ދެ ގޯލުން 2-1 އިން ފުލަމް ބަލިކޮށް 57 ޕޮއިންޓާ އެކު ފަސްވަނައަށް ޖެހިލައިފަ އެވެ. އެލެކްސް އިވޯބީ ފުރަތަމަ ހާފުގައި ޖެހި ގޯލުން ފުލަމް މޮޅުވާން ދަނިކޮށް ޗެލްސީ އަށް އެއްވަރު ކޮށްދިނީ ތައިރީގް ޖޯޖް އެވެ. އަދި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި މޮޅު ކޮށްދިނީ ޕެޑްރޯ ނެޓޯ އެވެ.
ފަސްވަނައަށް ޖެހިލެވުނަސް، ހަވަނައިގައި އޮތް ނޮޓްނަމް ފޮރެސްޓާއި ހަތްވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ ޗެލްސީއާ އެއްވަރަށް 57 ޕޮއިންޓް ލިބިފަ އެވެ. އޭގެ ތެރޭން ފޮރެސްޓް އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. މިރޭ ޓޮޓްނަމް އާ ދެކޮޅަށް ފޮރެސްޓް ކުޅޭއިރު، ޓޮޓްނަމް މިވަގުތު އޮތީ ފޮރެސްޓަށް ވުރެ 20 ޕޮއިންޓް މަދުކޮށް، ލީގުގެ 16 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy