ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މި އަހަރު އަމިއްލަ ބަޔަކު ބޭއްވި ގޯލްޑް ކަޕުގެ މެޗަކަށް ފަހު ކުޅުންތެރިޔަކު ސަޕޯޓަރުންނާ ސަލާމްކުރަނީ: ފުޓްބޯޅައިގެ ފޯރި ގެނެވޭނީ ރަށްރަށަށް ފުރުސަތު ދީގެން ކަމަށް ތަޖުރިބާކާރުން ބުނޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އެޕްރީލް 2025 - 19:16
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން ހަދައި، މުޅި ރާއްޖެ ޝާމިލުވާ ލީގު ސިސްޓަމެއް ގާއިމްކުރަން ޓީސީ ސްޕޯޓްސް އިން 10 ކްލަބެއްގެ ތާއީދާ އެކު އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އިސްކޮށް ހުންނަވައި އެކުލަވާލި މި އިސްލާހުތައް އަންނަ މަހު އޮންނަ އެފްއޭއެމްގެ ކޮންގްރެސް އިން ފާސްވެއްޖެ ނަމަ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލާމަރުކަޒީކޮށް ފުޓްބޯޅަ ހިންގަން ފުރުސަތު ލިބޭނެ އެވެ.
މިއީ ފީފާ އިން ވެސް ވަރަށް ބޮޑަށް ބޭނުންވާ، އަދި ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅަ އަލުން ދިރުވެން އޮތް ހަމައެކަނި ގޮތް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތް ވެސް މެ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ޓޮމް ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ 17 މެމްބަރު ކްލަބުގެ ތެރެއިން 10 ކްލަބެއްގެ ސޮޔާ އެކު ހުށަހެޅި ނަމަވެސް، ބާކީ ކްލަބްތަކުން ވެސް ރުހުން ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި އިސްލާހުތައް ހުށަހަޅަން ސޮއިކުރި 10 ކްލަބުގެ ތެރޭގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަނުން މަހިބަދޫ އާއި ޖޭޖޭ ސްޕޯޓްސް، އަދި ޓެންޓް ސްޕޯޓްސް ހިމެނެ އެވެ.
އަންނަ މަހު އޮންނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ފަހު ދެން އޮންނާނީ އާ އެގްޒެކެޓިވް ކޮމިޓީ ހޮވާ އިންތިހާބީ ކޮންގްރެސް އެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ ޖުލައި 23 ގައި ދައުރު ހަމަވުމުގެ ކުރިން އެ މަސައްކަތް ނިންމުމެވެ. އެހާތަނަށް އެކަންކަން ނުނިމިއްޖެ ނަމަ ފީފާ އިން ރާއްޖެ ސަސްޕެންޑްކުރުން ގާތެވެ. ފީފާ އިން ވަނީ އެކަންކަން ކުރަން ވަގުތު ދިނުމަށްޓަކައި ދިވެހި ޕްރިމިއާ ލީގު ފަސްކުރަން ވެސް އަންގައިފަ އެވެ.
ކުރީގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރުގައި އެފްއޭއެމް ކޮރަޕްޝަނުގެ ހާއްޔަކަށްވެ، މުބާރާތްތައް ނުބޭއްވޭ ހިސާބަށް ދިއުމުން ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރި މައިގަނޑު ސަބަބަކީ ވެސް އަސާސީ ގަވާއިދު އިސްލާހުކުރުމެވެ. މިހާރު އޮންނަ އަސާސީ ގަވާއިދަކީ، ހަމައެކަނި މާލޭ ޒޯނަށް މައިގަނޑު ބާރުތައް ލިބޭ، އަދި މަރުކަޒީކޮށް އެފްއޭއެމް ހިންގަން ފަހިވާ ގޮތަށް އޮތް އެއްޗެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ޓޮމް އިސްވެ ހުރެ ޓީސީން ހުށަހެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ މިހާރުގެ އެފްއޭއެމް ބަދަލުވާނީ ގައުމީ ފެޑެރޭޝަނަކަށެވެ. އޭގެ ދަށުން ރީޖަނަލް އެސޯސިއޭޝަން ހަދަން ހުށަހަޅާފައިވަނީ އަންނަނިވި އުސޫލުންނެވެ.
ޓޮމް ވިދާޅުވީ މި އިސްލާހުތައް ފާސްވެއްޖެ ނަމަ ހުސް މާލޭ ޒޯނުގެ ކްލަބްތަކުގެ ބަދަލުގައި، ހަތަރު ސަރަހައްދުގެ ކްލަބްތަކަށް ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ ވޯޓްލުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ގައުމީ ފެޑެރޭޝަނުގައި 64 ވޯޓުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެއީ ކޮންމެ ރީޖަނަލް އެސޯސިއޭޝަނަކަށް 11 ވޯޓު، އަދި ދިވެހި ޕްރިމިއާ ލީގަށް 20 ވޯޓުގެ ފުރުސަތު ކަމަށެވެ.
މި އިސްލާހުތައް ފާސްވެއްޖެ ނަމަ އެއް އަހަރުގެ ތެރޭގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދައި، ދެ އަހަރުގެ ތެރޭގައި ރީޖަނަލް ލީގު ފަށާއި، އެ ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ކްލަބްތައް ޕްރޮމޯޓްވެ، ރެލިގޭޓްވާ އުސޫލުން ފުޓްބޯޅަ ސިސްޓަމް އަލުން އެކުލަވާލަން ޖެހޭނެ އެވެ.
ޓޮމް ވިދާޅުވީ ވަރަށް ގިނަ ޓެކްނިކަލް މީހުންގެ ލަފާ ވެސް ހޯދި ކަމަށާއި، ރާވާފައި އޮތީ ކޮންމެ އަތޮޅެއްގައި މުބާރާތެއް ކުޅެ އޭގެ ޗެމްޕިއަން ޓީމު އެ ޒޯނެއްގެ ރީޖަނަލް ލީގަށް ކޮލިފައިކުރަން ކަމަށެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެ، ރެލިގޭޓްވާނީ ރީޖަނަލް ލީގުންނެވެ.
"މި އަހަރު ފަށާ ދިވެހި ޕްރިމިއާ ލީގު ނިމުމުން އިރާދަކުރެވިއްޔާ ދެން ފަށާ ލީގު އޮންނާނީ އާ ސިސްޓަމަށް،" ޓޮމް އުއްމީދާ އެކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 April 2025
ނަމުގެކުރިއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ Football Association of Maldives އުވާލާފައި ލާމަރުކަޒީއުސޫލުން ކުޅިވަރުތަށްވެސް ޑިސެންޓްރްލައިޒް ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންހަދާ ރީޖަންތަކުގެ އެސޯސިއޭޝަން ބައިވެރިވާ ޤައުމީ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަންޖެހޭ ވަގުތު ޖެހިއްޖެ.
އޮނަރަބްލް އަފީފު ދީދީ
23 April 2025
މިދެންނެވިގޮތަށް 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަން ތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓް ދީގެން އިންތިޙާބު ކުރާ ބަޔަކު ތިބޭ National Football Federation އުފައްދައިގެން ނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކުރެވިފައިއޮތް ކުޅިވަރު ސަލާމަތްކޮށް ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ
ޓޮމްއަދިޓީސީ
22 April 2025
ލީގުކުޅޭނެ ގޮތް ނިންމާނީ ޓެކްނިކަލީ ބަލާފައި، މިހާރު ހުށަހަޅާފައިވަނީ ބާރުތައް އަތޮޅުތަކަށް ފުޅާކުރަން. ވަރަށް ރަގަޅު އިސްލާހްތަކެއް. މިނޫންގޮތަކަށް މިކަމެއް ދެންނުވާނެ
މުލޭ
22 April 2025
ވަރަށް ރަނގަޅު ބަދަލެއް. ނަމަވެސް މާލޭ ރީޖަނަށް ކ، އއ، އދ ހިމަނައި، ސެންޓްރަލް ރީޖަން އަށް ތ، ލ އިތުރު ކުރަންފެނޭ. ރީޖަނަލް ފުޓްބޯޅައިގައި ވެސް ހޯމް އެންޑް އަވޭ ކުޅެން ފަސޭހަވާނީ ދަތުރު ފަތުރު ކުރަން ފަސޭހަ ގޮތަކަށް ރީޖަންތައް ބަހާލައިގެން. ތ،ލ އިން އެންމެ ދެކުނަށް ދަތުރު ކުރުމާއި ދެކުނުން ތ،ލ އަށް ދަތުރު ކުރުން އެހާ ފަސޭހައެއްނޫން. މި އިސްލާޙް ގެނައުން ކިހިނެއްވާނެބާ.
ަވަސް ދަތުރު.
22 April 2025
ދަތުރު ފަތުރު ނިޒާމަކީ އުފައްދަން ޖެހޭ އަބަސް ދަތުރު ކުރެވޭނެ ވަސީލަތް ޤާއިމް ކުރަން ޖެހޭ އެއްޗެއް. ބަހާލާފައިއޮތް ގޮތް މުޅިއަކުން ގޯހެއްނޫން. އާބާދީއާއި ވަސީލަތް ތަކާއި އެއަރޕޯޓް ހުރިގޮތަށް ބަލައިގެން ބަހާލުން ހަމަ ރަނގަޅު. އެހެންވީމާ މިހާރު ބަހާފައި އޮތްގޮތް ގޯހެއްނޫން.
ސާބަހޭސް
22 April 2025
ޓޮމް މީ މޭންއެއް
ޓީސީބޯއިސް
22 April 2025
ހުރިހާ އެންމެންނަށް ފުޓްބޯޅަ ރާވަން ނޭނގިދާނެ، ކޮމެންޓްކުރެވޭނެ. ޓީސީ އާއި 10 ކުލަބުވެގެން ތި ކުރަނީ ޤައުމީ މަސައްކަތެއް.
ރަށޭމޮޅި
22 April 2025
ތިއީ މިދައްކާ ވާހަކަ، ޤައުމީ ޓީމުގައި ތިބީ ހުސް ރަށްރަށުގެ ކުޅުންތެރިން. މާޒިޔާ އެކަޑަމީއިން އެރި ކިތައް ކުޅުންތެރިން ޤައުމީޓީމަށް އަރާތަ؟
ޓީސީމޭން
22 April 2025
ވަރަށްވެސް އުފާވެރި ހަބަރެއް. ޝުކުރިއްޔާ ޓީސީ ސްޕޯޓްސް
ދަރަނިބޯބައްސާމު
22 April 2025
ކޮބާ އެއްކަލަ މުފާ އާއި ބައްސާމު. 8 އަހަރުވީ އިރު މިފަދަ ހިޔާލުވެސް ނައި، މުޅިތަން ދަރުވާލީ
ޓޮމްބެސްޓް
22 April 2025
ޝުކުރިއްޔާ ޓޮމް ވަރަށް ރަގަޅު ނިންމުމެއް. މިފަހަރު ތިކަން ކުރަންވާނެ. މުޅިރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤްބަލް ތިވަނީ ކުރަހާލާފައި