ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާގެ ޔޫތު ކޮންގްރެސްގެ މެންބަރުން އެ ހަމަލާ ކުށްވެރިކޮށް ޕާކިސްތާނާ ދެކޮޅަށް އިއްޔެ ނިއު ދިއްލީގައި އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ
24 އެޕްރީލް 2025 - 09:35
ކަޝްމީރުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއާ ޕާކިސްތާ ގުޅުވުމަށް ފަހު އިންޑިއާ އިން ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް އިންޑިއާއިން އަބަދުވެސް ކުރާ ތުހުމަތު ތަކުރާރުކުރުމަށް ފަހު އިންޑިއާއިން ވަނީ ފެނުގެ ވަސީލަތްތައް ހިއްސާކުރުމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި ބޯޑަރު ހުރަސްކޮށް ދެ ގައުމުގެ މެދުގައި ދަތުރުކުރާ މައި މަގު ވެސް ބަންދުކޮށް އިތުރު ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއްޔެ އިއުލާނުކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި 1960 ވަނަ އަހަރު ސޮއިކޮށްފައިވާ، ހިމާލަޔާ ސަރަހައްދުގައި ފެނުގެ ވަސީލަތްތައް ހިއްސާކުރުމުގެ މުހިންމު އެއްބަސްވުން ސަސްޕެންޑްކުރުން ހިމެނޭއިރު މިސްރީ ވިދާޅުވީ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ޕާކިސްތާނުން އެކަށީގެންވާ ގޮތެއްގައި ކުށްވެރިކޮށް އެ ކަންކަމަށް ދެކޮޅުހެދުމުން ކަމަށެވެ.
މީގެ އިތުރުން އިންޑިއާގައި ތިބި ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓުން ފޮނުވާލުމާއި ޕާކިސްތާނުން އިންޑިއާގެ ޑިޕްލޮމޭޓުން މަދުކުރުން ވެސް ހިމެނެ އެވެ.
ކަޝްމީރުގައި އާންމުންގެ 26 މީހަކު މަރާލި ހަމަލާ ކުށްވެރިކޮށް އެ ސަރަހައްދުގެ މުސްލިމުން އިއްޔެ އެއްވުމެއްގައި ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ތުހުމަތަށް ޕާކިސްތާނުން އިންކާރުކުރުމަށް ފަހު ޕާކިސްތާނުގެ ޑެޕިއުޓީ މިނިސްޓަރު އިސްހާގު ދާރް ވަނީ ރައްދުގައި ޕާކިސްތާނުން ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ނުތަނަވަސް ގުޅުން ހޯމަ ދުވަހުގެ ހަމަލާއަށް ފަހު މިހާރު ވަނީ ފަހުގެ ތާރީހެއްގައި ނުވާހާ ބޮޑަށް އަނެއްކާވެސް ގޯސްވެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލްކުރާ ފަޅީގައި، ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތަކުގައި 26 ފިރިހެނުން މަރާލާފައި ވާއިރު އެންމެ މީހަކު ފިޔަވައި އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ނޭޕާލް މީހެކެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަރަހައްދެއްގައި ދިން މި ހަމަލާ އަކީ އެ ސަރަހައްދުގައި ހަނގުރާމަވެރިން މީގެ ކުރިން ދީ އުޅޭ އާދައިގެ ހަމަލާތަކާ ތަފާތު ހަމަލާއެކެވެ. އަދި މިއީ އާންމުންނަށް ހަމަލާތައް އަމާޒުކުރި މި ބާވަތުގެ ފުރަތަމަ ހަމަލާ އެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ޕާކިސްތާނާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޕާކިސްތާނުގެ ދިދަ އަންދަނީ. -- ފޮޓޯ: އޭއެފްޕީ
މީގެ ކުރިން އާންމުންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ 2000 ވަނަ އަހަރު އިންޑިއާގެ 36 މީހުން މަރާލި ހަމަލާ އެވެ. ފާއިތުވި އަހަރުތަކުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ 2019 ވަނަ އަހަރު ޕުލްވާމާގައި ހަނގުރާމަވެރިން ބަޔަކު ކާރެއްގައި ގޮވާތަކެތި ހަރުކޮށް ފުލުހުންގެ ވެހިކަލްތަކަކަށް އަމާޒުކޮށް ގޮއްވާލައިގެން ދިން ހަމަލާ އެވެ. އެ ހަމަލާގައި 40 މީހުން މަރުވެ 35 މީހުން ޒަހަމްވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ލާއިންސާނީ އަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރު.
24 April 2025
އަބަދުވެސް އިންޑިއާ ފަޅިއަށް ހަމަލަދީ ބަޔަކު މަރާލިވާހަކަ އަޑުއިވެނީ. ޕާކިސްތާނު ފަޅިއަށް އަރާ ހަމަލަދޭނެ ސަލަފީ މުޖާހިދުން ނެތީބާ. މިއީ ދީން ސިޔާސީކުރީމަ ވާގޮތް.
ރަދީފްއޮފިޝަލް / ބިންފޭރޭ އިންޑިޔާ
24 April 2025
''އޭޝިޔާގެ ސްވިޒަރލޭންޑް'' އެއީ ޕާކިސްތާނުގެ ބިމެކޭ ، އެއީ އިންޑިޔާގެ ތަނެއް ނޫނޭ.އިންޑިޔާއެއީ އަބަދުވެސް ބިން ފޭރޭ ބައެކޭ.
ވަﷲއަޢުލަމް
24 April 2025
ވަޤުފު ބިލުގެ މައްސަލާގަ އިންޑިޔާގެ މުސްލިމުންނާއި ވ.ގިނަ ޣައިރުމުސްލިމުންވެސް މުސްލިމުންނާ އެއްބައިވެފަވާ ވަގުތެއްގަ އެކަން ހަޖަމު ނުވެގެން އެ ދެބައިމީހުންގެ މެދުގަ އޮތް އެކުވެރިކަން ނިމުމަކަށް ގެނައުމަށްޓަކާ ބީޖޭޕީގެ ސިޔާސީ ބާރުގަދަ މީހުން އަޑީގަ ތިބެގެން ދިން ހަމަލާއަކާ ވައްތަރީ..ތިޔަ ކަހަލަ މަކަރުވެރި އުކުޅުތައް ބޭނުންކޮށްގެން މީހުން މެރުމުގެ ހާދިސާތައް އެމެރިކާގެ ސިފައިން އަފްގާނިސްތާނާ ޕާކިސްތާނު ގަވެސް ހިންގާލި..އެކަމަކު ނަންވީ މުސްލިމުން.
އަފްރާސިޔާބު
26 April 2025
100 ޕަސެންޓް ރަނގަޅު.
ރަދީފްއޮފިޝަލް / 26 މީހުން ދޯ މަރުވީ
24 April 2025
އިންޑިޔާ އަދި ޕާކިސްތާނުގެ މަސްރަހު ގޯސްވުން އެއީ އަހަރުމެން އެދޭ ކަމެއް ނޫން.އިންޑިޔާގެ ޑިފެންސް މިނިސްޓަރ ވަނީ ވަރަށް ނުރައްކާތެރި އިންޒާރެއް ޕާކިސްތާނަށް ދީފަ.ތިމަންނަމެން ރައްދު ހަމަލަ ދޭނެކަމާއި ނޭނގެނީ ހަމަލަ ދޭނެ ވަގުތެއްކަން ބުނެ ނުރައްކާތެރި ރަނގަބީލެއް ޖަހާފަ.މިކަން މިގޮތަށް ކުރާނަމަ ސަރަހައްދުގެ އަމާނަކަމެއް ނޯންނާނެ.އެހެންވީމަ މަޝްވަރާކޮށް މައްސަލަ ހައްލުކުރުން އެއީ އެންމެ ރަނގަޅުގޮތް.ވ.ވެދުން