ހަމަލާއަށް ފަހު ކަޝްމީރުގައި ސިފައިން ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ
24 އެޕްރީލް 2025 - 15:45
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި 26 މީހަކު މަރާލި ހަމަލާތަކަށް ފަހު ކަޝްމީރުގެ ދަރިވަރުންނަށް އިންޑިއާގެ އެކި ހިސާބުތަކުގައި ބިރު ދެއްކުމާއި ފުރައްސާ އާއި އަނިޔާއާ ކުރިމަތިވާން ފަށާފައިވާ ކަމަށް ދަރިވަރުންގެ ޖަމިއްޔާއަކުން ބުނެފި އެވެ.
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި އަންގާރަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު 26 މީހަކު މަރާލާފައި ވާއިރު ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
މި ހަމަލާއިން ސަލާމަތްވި މީހުން ބުނެފައިވަނީ ހަތިޔާރު އަޅައިގެން ތިބި މީހުންގެ އަމާޒަކީ ފިރިހެނުން ކަމަށާއި، ޝަހާދަތް ކިޔަން އެނގޭ މީހުން ނުމަރައި ދޫކޮށްލި ކަމަށެވެ.
އެންމެ އާބާދީ ބޮޑު ގައުމަށް މި ހަމަލާއާ އެކު ސިހުން ލިބިފައި ވާއިރު ހިންދޫ ވަތަނީ ގްރޫޕްތައް ވަނީ މި ކަމުގައި ރުޅި ގަދަވެފަ އެވެ.
ޖަމްމޫ އެންޑް ކަޝްމީރު ދަރިވަރުންގެ އިސް މެންބަރެއް ކަމަށްވާ ނަސީރް ޚުއޭހަމީ ބުނީ އުއްތަރާކަންދް، އުއްތަރް ޕްރަދޭޝް އަދި ހިމާޗަލް ޕްރަދޭޝް ހިމެނޭހެން ބައެއް ސްޓޭޓްތަކުގައި ކަޝްމީރުގެ ބައެއް ދަރިވަރުންނަށް އެ ކުދިން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުތަކުން ނުވަތަ ޔުނިވާސިޓީ ހޮސްޓަލްތަކުން ނުކުންނަން އަންގާފައިވާ ކަމަށެވެ.
ހިމާޗަލް ޕްރަދޭޝްގެ ޔުނިވާސިޓީއެއްގައި ހޮސްޓަލްގެ ދޮރުތައް ތަޅާލުމަށް ފަހު ދަރިވަރުންނަށް ފުރައްސާރަކޮށް ޖިސްމާނީގޮތުން ހަމަލާދީފައިވާކަމަށް ޚުއޭހަމީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިވަރުންނަށް ނިސްބަތްކޮށް "ޓެރަރިސްޓުން" ނޭ ވެސް ގޮވާފައިވެ އެވެ.
"މިއީ ހަމައެކަނި ސަލާމަތީ މައްސަލައެއް ނޫން،" އޭނާ ބުންޏެވެ. "ވަކި ސަރަހައްދަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްވާ ދަރިވަރުންނަށް ރޭވިގެން ހިންގާ ނަފްރަތާއި ބަދުނާމުކުރުމުގެ ކެމްޕޭނެއް،"
އުއްތަރާކަންދުގެ ވެރިރަށް ޑެހްރާޑޫންގައި ހިންދޫ ހަރުކަށި ގްރޫޕަކުން ދިން އިންޒާރުތަކާ ހެދި 20 ވަރަކަށް ދަރިވަރުން ބުދަ ދުވަހު ވަނީ ސަލާމަތްވާން އެއާޕޯޓަށް ވެސް ގޮސްފަ އެވެ. އެ ދަރިވަރުން ބުނީ މި ގްރޫޕުން ކަޝްމީރުގެ މުސްލިމް ދަރިވަރުން ފުރައިގެން ނުދާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ބިރުދެއްކި ކަމަށެވެ.
ކަޝްމީރަކީ 1947 ގައި އިންޑިއާ އާއި ޕާކިސްތާނު މިނިވަންވުމަށް ފަހު އެ ދެ ގައުމުގެ މެދުގައި ބެހިފައިވާ ސަރަހައްދެކެވެ. އެ ދެ ގައުމުން ވެސް މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރެ އެވެ.
ކަޝްމީރުން އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި 1989 އިން ފެށިގެން ހަނގުރާމަވެރި ގްރޫޕްތަކުން އެ ސަރަހައްދަށް ވަކިން މިނިވަންކަން ދިނުމަށް ނުވަތަ ޕާކިސްތާނާ އެ ސަރަހައްދު އެއްކޮށްލުމަށް ޑިމާންޑުކޮށް ގެންދަނީ ހަމަލާތައް ދެމުންނެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ ކަޝްމީރުގައި ހަމަލާ ދިން މީހުން ހޯދަން ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި މިއޮޕަރޭޝަންގައި ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ބުދަ ދުވަހު، އިންޑިއާއިން ވަނީ ޕާކިސްތާނުން ކަޝްމީރުގައި ޓެރަރިޒަމްގެ ހަރަކާތްތަކަށް ތާއީދުކުރާ ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އެކަމަކު ޕާކިސްތާނުން ދަނީ ހަމަލާއާ އެ ގައުމާ ގުޅުވައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy