ލިވަޕޫލުގެ ކުޅުންތެރިން މިރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
27 އެޕްރީލް 2025 - 22:59
ޓޮޓެންހަމް ހޮޓްސްޕާސް 5-1 އިން ބަލިކޮށް ލިވަޕޫލުން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.
މިއީ އެ ޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ. އެއާ އެކު އެ ޓީމު ވަނީ، އެންމެ ގިނައިން ޗެމްޕިއަންކަން ހޯދައިގެން މެންޗެސްޓާ ޔުނައިޓެޑް ހަދާފައިވާ ރެކޯޑާ ހަމަހަމަކޮށްފަ އެވެ.
ނަމަވެސް މިއީ، 1992 ވަނަ އަހަރު އިނގިރޭސި މަތީ ޑިވިޝަން، ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން ލިވަޕޫލުން ތަށި ހޯދި ދެ ވަނަ ފަހަރެވެ.
ބާކީ ހަތަރު މެޗު އޮއްވާ ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ 82 ޕޮއިންޓާ އެކު އެވެ. އެންމެ ކައިރީގައި އޮތް އާސެނަލަށް ބާކީ އޮތް ހަތަރު މެޗުން އެންމެ ގިނަ ވެގެން ހޯދޭނީ 79 ޕޮއިންޓެވެ.
ލިވަޕޫލުން މި ނިންމާލީ މެންޗެސްޓާ ސިޓީގެ ހަތަރު އަހަރުވީ ރަސްކަން ވެސް މެ އެވެ. ލިވަޕޫލުން 2020 ވަނަ އަހަރު ލީގު ކާމިޔާބުކުރި ފަހުން މިވޭތުވެދިޔަ ހަތަރު ސީޒަނުގައި ޗެމްޕިއަންކަން ހޯދީ ވެސް ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ސިޓީ އެވެ.
ލިވަޕޫލުން ލީގު މި ކާމިޔާބުކުރީ އަހަރުތަކެއް ވަންދެން އެ ޓީމަށް ކޯޗުކޮށްދިން ޔާގެން ކްލޮޕް މަގާމުން ވަކިވުމުން، އެ މަގާމު ފުރަން ގެނައި އާން ސްލޮޓުގެ ފުރަތަމަ ސީޒަނުގައި ވެސް މެ އެވެ. ނެދަލެންޑްސްގެ ފެޔަނޫޑަށް ކުރިން ކޯޗުކޮށްދިން ސްލޮޓަށް، ފުރަތަމަ ސީޒަނުގައި މިވަރުގެ ކާމިޔާބެއް ހޯދިދާނެ ކަމަށް ގިނަ ބަޔަކު ލަފައެއް ނުކުރެ އެވެ.
މީގެ ކުރިން އަލަތު ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރެވުނީ ހަތަރު ކޯޗުންނަށެވެ. އެއީ ޗެލްސީއާ އެކު ހޯސޭ މޮރީނިއޯ އާއި، ކާލޯ އަންޗެލޮޓީ، އަދި އެންޓޯނިއޯ ކޮންޓޭ އަށް އަދި، މެންޗެސްޓާ ސިޓީއާ އެކު މެނުއަލް ޕެލެގްރީނީ އެވެ.
ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ޑޮމިނިކް ސޮލަންކޭގެ ގޯލުން ޓޮޓެންހަމް ކުރި ހޯދި އެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލުއިޒް ޑިއާޒް ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެލެކްސިސް މެކް އެލިސްޓާ އާއި، ކޯޑީ ގަޕްކޯގެ ލަނޑުތަކުން ބޮޑު ލީޑަކާ އެކު އެވެ. ލިވަޕޫލުގެ ހަތަރު ވަނަ ގޯލް ދެ ވަނަ ހާފުގައި ޖެހީ އެ ޓީމުގެ ކޮންޓްރެކްޓް ދާދި ފަހުން އާކުރި މުހައްމަދު ސަލާހެވެ. ފަސް ވަނަ ގޯލަކީ ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ސީޒަނުގައި ލިވަޕޫލް ދެން ވާދަކުރި ޗެމްޕިއަންސް ލީގުންނާއި، އެފްއޭ ކަޕުން ވަނީ ކަޓައިފަ އެވެ. ލީގު ކަޕުގެ ފައިނަލަށް ދިޔަ ނަމަވެސް ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން ބަލިވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯންގޭ
28 April 2025
20 ނޫނީ 02؟
ހަސީނާާ
28 April 2025
ރާއްޖޭގެ އިޝްތިހާރު ހުންނަނީ ޖަރޒީގެ ފަތިފުށުގައި
އެޑްމުންޑޯ
28 April 2025
ޗެމްޕިއަންކަން ލިބި މުބާރާތް ނިމިގެންދާ އިރުވެސް ހީކުރިވަރުގެ އިސްތިހާރެއް ލިވަޕޫލްގެ ފަރާތުން ނުފެނެޭ
ރަދީފްއޮފިޝަލް / ފޭންސް
28 April 2025
ލިވަޕޫލް ޓްރޭނިން ގްރައުންޑަ ކުޑަ ފިލާގަނޑެއްގަ މޯލްޑިވްސް ޖަހާފަ.ލޮލް
ޕާޕާ ޕެރޭޒް
28 April 2025
މަރުހަބާ ލިވަޕޫލް. ތަށި ނުލިބުނަސް ދެވަނަގައި އޮތް އާސެނަލަށް ވެސް މަރުހަބާ
ރަދީފްއޮފިޝަލް / ވަރަށް ވިއްސާރަ
28 April 2025
ލިވަޕޫލްގެ ހުރިހާ ފޭނުންނަށް މަރުހަބާ.
ލަނގޮނޑި ހަސަނު
27 April 2025
ކޮބައިތަ ރާއްޖޭގެ އިސްތިހާރު؟