އިންޑިއާ ސިފައިންގެ މީހަކު ކަޝްމީރުގެ މަގެއްގައި ހަތިޔާރާ އެކު: ރައްދު ހަމަލާ ދިނުމުގައި ސިފައިންނަށް މިހާރު ވަނީ ބާރުތައް ދީފައި. -- ފޮޓޯ: އޭއެފްޕީ
29 އެޕްރީލް 2025 - 22:24
ކަޝްމީރުގެ އިންޑިއާ ފަޅީގައި އެތައް ބަޔަކު މަރާލި ހަމަލާގެ ރައްދު ދިނުމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާ ސިފައިންނަށް "އޮޕަރޭޝަނަލް ފްރީޑަމް" ދެއްވާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން ފާއިތުވި އަހަރުތަކުގައި ގޯސް ނުވާ ހިސާބަށް މިހާރު ގޯސްފައި ވަނިކޮށް މޯދީ މިއަދު ވަނީ އަސްކަރިއްޔާ އާއި ސަލާމަތީ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން ނަން ސިއްރުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ "ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަމަލުކުރާނެ ގޮތާއި، އަމާޒުތަކާއި، ވަގުތު ކަނޑައެޅުމުގެ ފުރިހަމަ އޮޕަރޭޝަނަލް މިނިވަންކަން ސިފައިންނަށް ލިބިގެންވާ" ކަމަށް ސިފައިންނަށް މޯދީ އެންގެވި ކަމަށެވެ.
އަސްކަރިއްޔާގެ އިސްވެރިންގެ އިތުރުން ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި މޯދީ ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ވީޑިއޯ އާންމުކޮށްފައި ވާއިރު މޯދީގެ މޫނުމަތިން ހަރުކަށިކަމާއި ނުރުހުމުގެ ނިޝާން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.
މިދިޔަ ހަފްތާގައި ކަޝްމީރުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ އެކު ޕާކިސްތާނުން ވެސް ރައްދުގައި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އަދި ހަމަލާ ދިން ފަހުން ކޮންމެ ރެޔަކު ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެ ގައުމުގެ ސިފައިން ހަމަލާތައް ބަދަލުކުރާ ކަމަށް ރިޕޯޓްކުރެ އެވެ. ނަމަވެސް ލުއި ހަތިޔާރުން ދޭ މި ހަމަލާތަކުގައި ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނެތެވެ.
އިންޑިއާ ސިފައިން ކަޝްމީރުގައި އާންމުންގެ މައުލޫމާތު ބަލައި ފާސްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު 26 މީހަކު މަރާލާފައި ވާއިރު ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ކަޝްމީރަކީ 1947 ގައި އިންޑިއާ އާއި ޕާކިސްތާނު މިނިވަންވުމަށް ފަހު އެ ދެ ގައުމުގެ މެދުގައި ބެހިފައިވާ ސަރަހައްދެކެވެ. އެ ދެ ގައުމުން ވެސް މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރެ އެވެ. ކަޝްމީރުން އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި 1989 އިން ފެށިގެން ހަނގުރާމަވެރި ގްރޫޕްތަކުން އެ ސަރަހައްދަށް ވަކިން މިނިވަންކަން ދިނުމަށް ނުވަތަ ޕާކިސްތާނާ އެ ސަރަހައްދު އެއްކޮށްލުމަށް ޑިމާންޑުކޮށް ގެންދަނީ ހަމަލާތައް ދެމުންނެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް.
29 April 2025
އެއްކަމެއް ވެސް ނުކުރެވޭނެ.
އަލި
29 April 2025
ކަޝްމީރަށް މިނިވަންކަން ދޭންވީ ވަގުތު.ކަޝްމީރަކީ އިންޑިއާގެ ސަރަހައްދެއްނޫން.
މުހަންމަދު ޖަލީލު އަލީ
30 April 2025
އާނ ކަލެއައް އެންމެ ރަގަޅައް އެގޭނީ! ކަޝްމީރަކާ ދިވެހިންނާ ބެހޭ ކަމެއްނޫން! އިންޑިޔާ މީހަކު އައިސް ކުޅުދުއްފުއްޓަކީ ދިވެހިރާއްޖޭގެ ބައެއްނޫނޭ ބުނީމަ އެއީ މޮޔަމީހަކައް ހަދާފަ، ގިނަ ދިވެހިން ކަހެރުވަކޭވެސް ހިތައްނާރާނެ! އެކަމު ދެބުރާންތިންނައް އެވާނީ ބޮލުރޮދި ބުރިވާ ކަހަލަ. އެދެ މީހުންނާހުރެ ދެގައުމު ޒާތީ ވެގަނެ އަތްފައި އިސްކުރަންފަށާނެ! ނުބެހޭ ކަންކަމާ ބޯނުބާނާ ތިބެން ދަސްކޮއްބަލަ!