މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ: ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

ހިބާ އެއްފައި މައްޗަށް އަނެއް ފައި އެއްލުމަށް ފަހު، ދަތްދޮޅީގައި އަތްވިއްދައިލާފައި ހިނިތުންވެލިއެވެ. ނާސިފު ފޮޓޯ ނެގިއެވެ.

"ލޯބިތަ؟" ހިބާ އެހިއެވެ.

ނާސިފު ވަކި ޖަވާބެއް ނުދެއެވެ. ދެތިން ފޮޓޯ ނެގިއެވެ.

"ވަޓްސްއެޕް ކޮށްލައްޗޭ!" ހިބާ އެދުނެވެ. "ވައިބާ ކުރިޔަސް ވެސް އޯކޭ! ނަންބަރު އެބަ އޮތް؟"

ނާސިފު ނޫނެކޭ ބުނުމުން ނަންބަރު ދިނެވެ. ނަންބަރު ޖަހައި، ފޮޓޯ ފޮނުވުމުގެ މަސައްކަތް ނާސިފު ފެށިއެވެ.

"އެނގޭތަ؟ ދެންމެ މަންމަ ގުޅި،" ހިބާ ބުންޏެވެ. "ނާސިފަށް ވަރަށް ތޭންކްސް ބުނި."

"ކޮން ކަމަކާ؟" ނާސިފު ސުވާލު ކުރިއެވެ.

"އެއާޕޯޓުގަ އަހަންނަށް ހެލްޕުވީމަ،" ވަރަށް އުފާވެފައި ހިބާ ބުންޏެވެ. "އައި ސެޑް، ތީ އަހަންނަށް ފެނުނު އެންމެ ނައިސްމީހާއޭ! ހަމަ ޖެންޓްލްމޭންއެކޭ! ނާސިފް ހެލްޕު ނުވި ނަމަ..."

"ތޭންކްސް އެކަމަކު މަ ބުނީމެއްނު އެ ވާހަކަ ނުދައްކައްޗޭ!" ނާސިފު ހަނދާން ކޮށްދިނެވެ.

"އައި ނޯ! އެކަމަކު މަންމައަށް ޖެހޭނެ އެނގެން. އެނީވޭ.." ހިބާ މައުލޫ ބަދަލުކޮށްލިއެވެ. "ހިނގާބަލަ ޑިނާ ނަގަން. ރެސްޓޯރަންޓް ބަލާލާފަ މި އައީ. ހާދަ ބޮޑޭ! ފުރިފަ އޮތީ! އެކަނި ދާކަށް ނުކުރޭނެ."

"ނެތް ދާހިތެއް،" ނާސިފު އެއްބަހެއް ނުވިއެވެ. "ރޫމަށް އޯޑަރު ކުރޭ! އޮންނާނެ މެނޫ ވެސް."

"އޭރުން ފުޑްގެ ވަސް ދުވާނެ،" ހިބާ އެއްބަހެއް ނުވިއެވެ. "އަހަރެން ވަރަށް ފޫހިވޭ އެކަނި ކާން."

"އަހަރެން ވަރަށް ފޫހިވޭ ރެސްޓޯރަންޓްގަ ކާން،" ނާސިފު ބުންޏެވެ. "ލުކް! ވިންޑޯސީޓް އަތުލިހެން ހުރިހާ ކަމެއް ނުކުރެވޭނެ. ހިބާ ދަންޏާ ދޭ!"

ހިބާ ވަރަށް އެހެން ކަހަލަ ގޮތަކަށް ނާސިފުއާ ދިމާއަށް ބަލައިލިއެވެ. ހީވާ ކަހަލައެވެ. ނާސިފު އެހެން ބުނެފާނެ ކަމަކަށް ހިބާ ހިއެއް ނުކުރެއެވެ. ކުއްލިއަކަށް ތެދުވި ގޮތަށް ހިބާ ނުކުމެގެން ދިޔައީއެވެ. ނާސިފު ވިސްނައިލިއެވެ. ބުނެވުނީ ގޯސް އެއްޗެއް ކަމަކަށް ނާސިފަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ރެއަކު ދެނެއް ހިބާގެ ޚަބަރެއް ނުވެއެވެ. ނާސިފު ވެސް ހިބާއަކަށް ނުގުޅައެވެ. ނާސިފު ނެގި ފޮޓޯތައް ވެސް، ހިބާއަށް ފޮނުވައިފައިވާތީ ނާސިފުގެ ފޯނުން ފުހެލިއެވެ.

ހެނދުނު ނާސިފަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ޓަކިޖަހަނީ ވަރަށް މަޑުންނެވެ. ނާސިފު ގަޑިބަލައިލި އިރު ހެނދުނު އަށެއް ޖަހަނީއެވެ. އާފުރެމުން ތެދުވެ ޓީޝާޓެއް ލައިގެން ގޮސް ދޮރުކަޅީގައި ލޯ ޖަހައިލިއެވެ. ދޮރުމަތީގައި ހުރީ ހިބާއެވެ. ނާސިފު ހިތަށް އެރިއެވެ. އަނެއްކާ ވެސް އައީ ހެއްޔެވެ؟ ރުޅި އައިސްގެން ވެސް ނައި ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ ނާސިފު ދޮރު ހުޅުވައިލިއެވެ. ހިބާ ލައިގެން ހުރީ ހޫނު މޫސުމަށް އެކަށޭނަ، ކޮނޑު ވެއްޓިފައިވާ ހެދުމެކެވެ. ތުން ދަމައިގެން ނުވަންނަން އިރުކޮޅަކު ހިބާ ހުއްޓެވެ.

"ވަންނަންޏާ ވަންނަންވީނު؟" ނާސިފު އެދުނެވެ.

ދޮރުން އެތެރެއަށް ވަދެފައި ފާރުގައި ހިބާ ލެނގިލިއެވެ. އޭރު ހެދުމުގެ ކޮނޑު ހުރީ ކުރިޔަށް ވުރެ ބޮޑަށް ވެއްޓިފައެވެ. ވީމާ ކޮނޑު ރަނގަޅު ކޮށްލިއެވެ. ނާސިފު ދޮރު ލެއްޕިއެވެ.

"ތި ތުންގަނޑު ކުރުކޮށްބަލަ!" ހިނގައިގަންނަމުން ނާސިފު ބުންޏެވެ. "ބިންމަތީ ހޭކިދާނެ. ކިހިނެއްތަ ވީ؟"

"ހަންގްރީ!" ހިބާ ދިނީ ކުރު ޖަވާބެކެވެ. "ރޭގަ ޑިނާ ނުކެވުނީމަ ވަރަށް ބަނޑުހައި."

"ކީއްވެތަ ނުކެއީ؟" ނާސިފު އެހިއެވެ. "މިހާރު ބްރޭކްފާސްޓް ރެޑީވެފަ ހުންނާނީ. ނަގައިގެން އައި ނަމަ.."

"ޓައިމް ނުވީއޭ،" ހިބާ ޖަވާބު ދިނެވެ. "ރޭގަ ބުނި ރޭގަ ވާނޭ! ދަންވަރު ކިޔައިފި މާދަމާއޭ! ފަތިހު ގުޅައިގެން ދެންމެ މި ޗޭންޖުވީ! މި ރޫމާ ޖެހިގެން ހުރި ރޫމަށޭ މި އައީ. މި ރޫމްހާ ބޮޑެއް ނޫން. ހިނގާބަލަ ބަލާލަން."

ހިތްހަމަނުޖެހުނުކަން މޫނުމަތިން ފާޅުވިޔަ ނުދޭން ކުރެވުނުހައި ކަމެއް ނާސިފު ކުރިއެވެ. ދެން ކުރިޔަށް ވުރެ ގިނައިން ހިބާގެ އުނދަގޫ ޖެހޭނެކަން ނާސިފަށް ޔަގީނެވެ. އެއްޗެއް ނުބުނެ ނާސިފު އައިސް ސޯފާގައި އިށީނުމުން ހިބާ ވެސް އިށީނެވެ.

"ނޮޓް ހެޕީ؟" ހިބާ އެހިއެވެ.

"ހިބާއެއްނު އަދިވެސް ހެޕީ ނުވެވިގެން ތި އުޅެނީ." ނާސިފު ބުންޏެވެ.

"ނުވާނެއްނު! އަދިވެސް ސިމްއެއް ނުލިބެޔޭ!" ހެދުމުގެ ކޮނޑު ރަނގަޅު ކޮށްލަމުން ހިބާ ބުންޏެވެ. "ވައިފައި ސަކަރާތް ކަމުން ވައިބާއާ ވަޓްސްއެޕް ވެސް ފާޑެއްގެ ގޮތެއް ވެފަ ހުންނަނީ. މި ފްލޯ އަށް އައީމަ މިހެން މި ވީ! ނުގުޅޭތީ މަންމަ ހުންނާނީ ވަރަށް ހާސްވެފަ. ގުޅާލާފަ ހުރިހާ ކަމެއް އޯކޭއޭ ބުނެލީމަ އޯކޭވާނެ. ތި ފޯނުން ގުޅޭތަ؟"

ނާސިފު ގުޅަނީ ވައިބާ ނުވަތަ ވަޓްސްއެޕަކުން ނޫނެވެ. އެ ވާހަކަ ނުބުނަން އިރުކޮޅަކު އިނދެލައިފައި ހިބާއަށް ފޯނު ދިއްކޮށްލިއެވެ. ހިބާ ވީމަކާ ނޫނެވެ. މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައެވެ.

"ޑައިރެކްޓުކޮށް ގުޅާލާ!" ނާސިފު އެދުނެވެ. "ކަންޓްރީކޯޑު ޖަހާތި."

ފޯނުގައި ނުހިފަން އިނދެފައި ހިބާ ހިފިއެވެ. މަންމައަށް ގުޅިއެވެ. އޯކޭއޭ ބުނެލައިފައި ފޯނެއް ނުބޭއްވުނެވެ. ފަސް މިނިޓު ވިއެވެ. ދިހަ މިނިޓު ވިއެވެ. މުޅީން ވެސް ދެއްކުނީ ބޭކާރު ވާހަކައެވެ. އެއީ ވެދާނެހެން ނާސިފަށް ހީވި ގޮތެކެވެ. ހިބާއަށް ފޯނު ބޭއްވުނު އިރު އެކާވީހަކަށް މިނިޓު ހިނގައިފިއެވެ.

"ސޮރީ އިނގޭ!" ކުޑަކޮށް އުނދަގޫވެފައި ހިބާ ބުންޏެވެ. "ގުޅައިފިއްޔާ މަންމައަކަށް ނޭނގޭނެ ބާއްވާކަށް. މާދަމާ ދޯ ކޯސް ފެށެނީ؟ މީ ޓޫ! ދެން ރޫމްގަ ނޯވެ ލެޓްސް ގޯ އައުޓް!"

"ނުދެވޭނެ!" ނާސިފު އިންކާރު ކުރިއެވެ. "އެއާރ ކޮލިޓީ ވަރަށް ސަކަރާތް."

"ހޫނ!" ހިބާ ރާގުލާފައި ބުންޏެވެ. "މީ ދެން ހާދަ ބޯރިންގް މީހެކޭ! އަހަރެން ބަނޑުހައިވެގެން މަރުވެއްޖެއްޔާ ބުނާނަން ނާސިފުއާ ހެދިޔޭ! ހުވާ!"

"މަރުވެފަ ތިބޭ މީހުން ވާހަކަ ދައްކާތަ؟" ނާސިފު އެހިއެވެ.

"ވަޓްއެވަރ! ދެން އަޅެ ހިނގާބަލަ! ޕްލީޒް!" ހިބާ އާދޭސްކުރިއެވެ. "އަހަރެން ދުވަހަކު ވެސް އެކަނި ރެސްޓޯރަންޓަކަށް ނުދަން. ނުވެސް ކެރޭނެ ދާކަށް. ކީއްވެތަ އަހަންނާ އެއްކޮށް ނުދާން ތި އުޅެނީ؟ ކޮން ކަމަކާ ބިރުން ތި އުޅެނީ؟ އޮފީސް މީހަކަށް ފެނިދާނެތީ؟ ނޫނީ މީހަކު ރުޅި އައިއްސާނެތީތަ؟"

ވިސްނައިނުލައި ހިބާއަށް އެހުނީ އަހަން ނުވާ ކަހަލަ، ވަރަށް ހައްސާސް ސުވާލެކެވެ. ޔަގީނުން ވެސް ހިބާއަށް ނާސިފުގެ ސަމާލުކަން އަތުލެވުނެވެ. ނާސިފު ހިތަށް އެރިއެވެ. އަހަރެންގެ އަންބެއް ނުހުންނަކަން ހިބާއަށް ނޭނގެނީ ހެއްޔެވެ؟ ނޭނގޭ ކަމަށް ހެދެނީ ހެއްޔެވެ؟ ނާސިފު ހުސްހަށިބައިކަން ނޭނގޭ މީހަކު އޮފީހުގައި އުޅެފާނެ ކަމަކަށް ނާސިފަކަށް ގަބޫލެއް ނުކުރެވެއެވެ.

"ހޫނ ހިނގާ!" ނާސިފު ބުންޏެވެ. "އަންނާނަން ފްރެޝްވެލައިގެން."

ނާސިފު ފުރަތަމަ ފަހަރަށް ރެސްޓޯރަންޓަށް ދިޔައެވެ. ބޮޑު ތަނެކެވެ. މީހުން ގިނަ ވަގުތެކެވެ. އެންމެން ތިބީ ޓީވީއަށް ބަލަހައްޓައިގެންނެވެ. ޓީވީން ފެންނަނީ ޚަބަރު ޗެނަލެއް ކަމުގައިވާ އެންޑީ ޓީވީއިން ދައްކާ ލައިވް ޕުރޮގުރާމެކެވެ. ރެސްޓޯރަންޓުގެ ގޮނޑީގައި އިށީންނަމުން ނާސިފު ޓީވީއަށް ކަޅި އެއްއެއްލިއެވެ. ދައްކަނީ ބެންގަލޫރު އެއާޕޯޓެވެ. މުޅި ތަނުގައި ހުރީ ދިދަ ޖަހައިފައެވެ. ރަސްމީ ކަމެއް ނަމަވެސް އޭރަކު އަދި އެ ރަސްމިއްޔާތެއް ނުފެށެއެވެ. ނާސިފުގެ ސަމާލުކަން ހުއްޓުނީ ޖޯޑަންގެ ދިދައަށެވެ. އެ ވަގުތު ނިކަން ބާރަށް ނާސިފުގެ ހިތްތެޅިގަތެވެ.

"ހާދަ ނާވަސްވެފަ؟" ހިބާ ބުނެލިއެވެ. "މި ތާކު ނެތޭ ދިވެއްސެއް."

ވެއިޓަރު އައެވެ. ކޮޓަރީގެ ނަންބަރު އަހައިލިއެވެ. ނާސިފަށް ވުރެ ކުރިން ހިބާ ޖަވާބުދިނެވެ.

"ކޯޗެއް މި ދައްކަނީ؟" އިނގިރޭސިބަހުން ނާސިފު އެހިއެވެ.

"ޖޯޑަންގެ ރަސްގެފާނުގެ ރަސްމީ ޒިޔާރަތް،" ވެއިޓަރު ހިނިތުން ވެލާފައި ބުނެލިއެވެ. "ވަރަށް އޯގާތެރި ރަސްކަލެއް."

އޭރު ވެސް ނާސިފު އިނީ ޓީވީއަށް ބަލަހައްޓައިގެންނެވެ. ބޯޓު ޖައްސަން އަންނަ ތަނާއި، ކޯޓު ލައިގެން ތިބި މީހުންތައް އެތުރޭ ތަން ފެނެއެވެ. ނާސިފު ހިތަށް އެރިއެވެ. މީ ކޮން ފަދަ އިންތިފާގެއް ހެއްޔެވެ؟

"އޯގާތެރިކަން ކިހިނެއް އެނގެނީ؟" އެ މޮޔަ ސުވާލުކުރީ ހިބާއެވެ.

"އެ ރަސްގެފާނުގެ މީހުންނަށް ހެޔޮފުޅުކަމުން،" ވެއިޓަރު ޖަވާބުދިން އަޑު ނާސިފަށް އިވުނެވެ. "ކުއީން އަދި މާ ހެޔޮފުޅުވާނެ. ފެންނަ ކޮންމެ މީހަކަށް ހިނިފުޅުވަޑުވާނެ."

"އަހަންނަކަށް ދުވަހަކު ވެސް ހިޔެއް ނުލާ!" ސަމާސައިގެ ރާގެއްގައި ހިބާ ބުންޏެވެ.

"ހާސްނުވޭ! މި ރަށަށް ކުއީން ވަޑައިގެންފިއްޔާ މި ރެސްޓޯރަންޓަން ކޮންމެހެން ވެސް ވަޑައިގަންނަވާނެ،" ވަރަށް ފަރިތަ އިނގިރޭސިބަހަކުން ވެއިޓަރު ބުންޏެވެ. "ކުއީންއަށް އެންމެ މަގުބޫލު ޝެފް ހުންނަނީ މި ތާ! ޑިޝް ވެސް ހުންނަނީ މި ތާ! އަޅުގަނޑުމެން ވަރަށް ތައްޔާރުވެގެން މި ތިބީ."

ވެއިޓަރު ދިޔައެވެ. ދެން ވެސް ނާސިފުގެ ކަޅި ހުއްޓިފައި ހުރީ ޓީވީއަށެވެ. ހިތަށް އެރިއެވެ. އޭނަ މިހާރު ހުންނާނީ ކިހިނެއް ބާއެވެ؟ ނާސިފު ފެނިއްޖެއްޔާ އެނގޭނެ ބާއެވެ؟

"ހަލޯ!" ހިބާ ގޮވައިލިއެވެ.

ނާސިފު ބަލައިލުމުން ހިބާ ދައްކައިލީ ބުފޭ މޭޒެވެ. ދެ މީހުން ތެދުވެގެން އެ ދިމާއަށް ހިނގައިގަތެވެ. ދެން ވެސް ނާސިފަށް ބެލެނީ ޓީވީއަށެވެ. ނަތީޖާއަކަށްވީ ކުރިމަތީގައި ހުރި ވެއިޓަރެއްގެ ގައިގައި ޖެހިފައި އޭނަގެ ތަބަކުގައި ހުރި ތަށި ވެއްޓި ތެޅުމެވެ. ދެ މީހުން ދެ މީހުންނަށް މާފަށް އެދުނެވެ.

"ތިހާ ނާރވަސްވާ ވަރުގެ ކަމެއް އަދި ނުވެއެއްނު!" ހިބާ ބުންޏެވެ.

ކާއެއްޗެހި އަޅަން ބުފޭ މޭޒު ކައިރީގައި ތިއްބައި، ކޯޓު ލައިގެން ތިބި ތިން މީހަކު އެ ތަނަށް ވަނެވެ. އެ މީހުންނާ އެކުގައި ސާޅިލައިގެން ހުރި އަންހެނަކު ވެސް ވަނެވެ. އަންހެންމީހާގެ ހެދުމުގައި "މެނޭޖަރ" ޖަހާފައިވަނިކޮށް ނާސިފަށް ފެނުނެވެ. ހުއްޓައި ނުލައި ހިބާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކަށް ބޯ ޖަހައި، ޖަވާބު ދިން ނަމަވެސް ނާސިފު ސަމާލުކަންދިނީ މެނޭޖަރާއި އޭނަގެ ކައިރީގައި ތިބި މީހުން ދެއްކި ވާހަކައަށެވެ. އެ މީހުން ރޭވީ މޭޒެއް ބަހައްޓާނެ ދިމާއަކާއި ތަން ބަންދު ކޮށްލަން ރާނީ ބޭނުންފުޅު ނުވާތީ، ތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ގޮތެކެވެ. ރަސްގެފާނު އެ ވަގުތު ވަޑައިގަންނަވާނީ ނުރަސްމީ ބައްދަލުވުމަކަށް ކަމަށާއި ރާނީ ވަޑައިގަންނަވާނީ ރައްޓެހިންނާ އެކުގައޭ ބުނިހެން ވެސް ނާސިފަށް ހީވިއެވެ. އެހެނަސް، މެންދުރު ކަމެއް ރޭގަނޑު ކަމެއް އެ މީހުން ނުބުނެއެވެ.

"ނޫންތަ އަޅެ؟" ނާސިފަށް އިވުނީ ހިބާ އެހެން އެހި އަޑެވެ.

އެ ސުވާލުގެ ކުރިން ހިބާ ކިއީ ކީކޭ ކަމެއް ނާސިފަކަށް ނޭނގެއެވެ.

"ވެދާނެ." ކޮންމެވެސް ޖަވާބެއް ދިނުމުގެ ނިޔަތުގައި ނާސިފު ބުނެލިއެވެ.

ތަށި ހިފައިގެން ނާސިފު އިށީންނަން އުޅުނީ ޓީވީ ފެންނަ ގޮތަށެވެ. އެހެނަސް، ފުރަތަމަ އިށީނީ ހިބާއެވެ. ނާސިފު ޖެހުނީ ޓީވީއަށް ފުރަގަސްދޭށެވެ. ސައިބޮމުންދިޔަ އިރު، ޓީވީގެ އަޑު ނާސިފަށް އިވެއެވެ. ދެ ގައުމުގެ ގައުމީ ސަލާން ކުޅެވުނެވެ.

"ވާއޮ!" ހިބާ ބުނެލި އަޑުއިވުނެވެ. "ހާދަ ލޯބި ކުއީން އެކޭ!" ނާސިފު ޓީވީއަށް ބަލައިލިއެވެ. (ނުނިމޭ)

6 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 9%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއީ ހަޤީޤީ ވާހަކައެއްތަ

01 May 2025

ޖޯޑަން ރަސްގެފާނުގެ ބައްޕަ ކުރީގެ ރަސްގެފާނު ހުސައިން ކައިވެނި ކުރި ޝާހީ އާއިލާގެ ކުއީން މުނާ އަކީ މެލޭޝިއާގައި ކިޔަވައިގެން ހުރި އިނގިރޭސި ޝާހީ އާއިލާގެ ރާނީއެއް. އަނެއްކާ މިއީ ހަޤީޤީ ވާހަކަ އެއްތަ؟ ކޮބާތަ އަސްލު ނާސީފް އަކީ؟

The name is already taken The name is available. Register?

ކާކު

30 April 2025

ކޮބާތަ މިތާ ކޮމެންޓް ކުރާ "ބޮއިހަލާކު" އަދިވެސް ހޭވެރިކަން ނުވަނީތޯޗެ×

The name is already taken The name is available. Register?

މަބަލްދީބް

30 April 2025

ހިބާ އުޅޭ ގޮތުން މަގޭވެސް ބޯފަޅައިގެން އެބަދޭ. ނާސިފު ކަލޯ އަވަހަށް ފިލާ

The name is already taken The name is available. Register?

ހިބާއަށް ނަސޭހަތެއް

30 April 2025

ބުފޭއިން ޓްރޭއެއް ނަގާ ނަސީފުގެ ބޮލުގެ ނިކަން ރަނގަޅަށް ފިރުމާލަ ބަލަ ، ހޭލާތޯ. ބޮޑުވެއްޖެކަމެކޭދޯ

The name is already taken The name is available. Register?

ސަސި.

30 April 2025

ބިންމާދެން ހާދަ އިއްތިފާގޭދޯ

The name is already taken The name is available. Register?

އާޝޯހު

30 April 2025

އެންމެ އަސަރުގަދަ ހިސާބުން އެ ހިފީ ކަރުގަ. ބިންމާބޭ ހެޔޮ ނުވާނެ ތިހެން ހަދާކަށް !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454