ޓީސީގެ އެކަޑަމީގެ ޒުވާން ކީޕަރު އަޝްހަމް: އެ ކްލަބްގެ ސީނިއާ ޓީމުން އޭނާ އަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ --- ފޮޓޯ: ޑީވައިއެލް
30 އެޕްރީލް 2025 - 13:33
މިދިޔަ އަހަރު މުޅިން އަލަށް ފެށި ދިވެހި ޔޫތު ލީގުގައި ޓީސީގެ އެކަޑަމީ ޓީމުން ވިދާލި ކީޕަރު އަޝްހަމް އާތިފް އެ ކްލަބްގެ ސީނިއާ ޓީމުގައި ހިމަނައިފި އެވެ.
ޔޫތު ލީގުގެ 14 އަހަރުން ދަށުގެ މުބާރާތުގެ ތަށި ޓީސީ އަށް ހޯދައިދިނުމުގައި އަޝްހަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެފްއޭއެމުން އަންނަ ހަފުތާގައި ފަށާ، ލީގު ކަޕުގައި ވާދަކުރާ ޓީސީގެ ޓީމު ކުޅޭ މެޗުތަކުން އަޝްހަމް އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.
ކުރީގެ ކީޕަރު އަހުމަދު އާތިފުގެ ދަރިފުޅު އަޝްހަމް އަށް ޓީސީގެ އެކަޑަމީގައި ތަމްރީނު ދެނީ ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު ޓްރޭނަރު އަސްލަމް އަބްދުރަހީމެވެ.
ޔޫތު ލީގުގައި ޓީސީގެ ޓީމާ އެކު ދެއްކި ކުޅުމާ އެކު އެ އުމުރުފުރާގެ ޑްރީމް ޓީމުގައި އަޝްހަމް ހިމެނުނެވެ.
ޔޫތު ލީގުގައި ދެއްކުނު މޮޅު ކުޅުމުގެ ސިއްރަކީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ދަރިފުޅު މުއާން މޫސާ މަނިކު ކަމަށް އަޝްހަމް ބުނެފައި ވެ އެވެ.
މޯލްޑިވްސް ސޮކަ މޭޓްސްގެ ދަށުން ހިންގާ އެކަޑަމީގެ ހެޑް ކޯޗަކީ ކުޑަ މޫސަ އެވެ. އަދި އޭނާ އަށް އެހީވުމަށް އޭނާގެ ދަރިފުޅު މުއާން ވެސް ބައިވެރިވެ އެވެ.
އަޝްހަމް ބުނީ މޫސަގެ ދެބަފައިންނަކީ އޭނާ ކުރިއަށްދާން އެންމެ ބޮޑު ހިތްވަރެއް ދޭ ދެ ކޯޗުން ކަމަށެވެ.
"މޫސަ ކޯޗާއި މުއާން ކޯޗު އަޅުގަނޑަށް ފުރުސަތު ދިނީ. މޫސަ ކޯޗު ވަރަށް ރަނގަޅަށް ކިޔައި ދޭނެ. ވަރަށް ހިތްވަރު ދޭނެ،" އަޝްހަމް ބުނެފައި ވެއެވެ.
މޫސަ އާއި މުއާންގެ ދެބަފައިންނަށް އަޝްހަމްގެ ކުޅުން އަޅައިގަތީ މިދިޔަ އަހަރު ސޮކަ ވެޓަރަންސުން ބޭއްވި 13 އަހަރުން ދަށުގެ އެކަޑަމީ މުބާރާތުގައި ވިލިމާލޭ ޔުނައިޓެޑްގެ އެކަޑަމީ ޓީމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy