މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިއެއްގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް ވަނީ އަޕްޑޭޓްކޮށްފައި،
ރައީސް ޑރ. މުހައްމަދު މުއިއްޒު: ބިދޭސީންގެ އިންސާނީ ހައްގުތައް ވަނީ ނިގުޅައިގެންފައި ކަމަށާއި އެމީހުންނަށް ހައްގުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި.
01 މެއި 2025 - 12:00
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އެ މީހުންގެ އިންސާނީ ހައްގުތައް ވަނީ ނިގުޅައިގެންފައި ކަމަށާއި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުން މަސައްކަތް ކުރުމުގެ ނަތީޖާއަކީ އެ މީހުންގެ އަސާސީ އަދި އިންސާނީ ހައްގުތައް ވެސް ނިގުޅަތުން ކަމަށެވެ. އެހެންވެ، އެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމަށްޓަކާ ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.
މި ސަރުކާރުން އެ މަސައްކަތް ފަށައިގެން ކުރަމުން އަންނައިރު ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިއެއްގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް ވަނީ އަޕްޑޭޓްކޮށްފައި ކަމަށެވެ.
އެހެންވެ، މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާ ބޮޅެއް އިތުރުވި ދުވަހެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވަނީ އެ ބުރަ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް. 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފަ. މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން! މިއަހަރުގެ…
— Dr Mohamed Muizzu (@MMuizzu) May 1, 2025
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުން ނުވަތަ އައިޑެންޓިފައި ކުރަން ސަރުކާރުން ކަނޑައަޅާފައި ވަނީ ތިން އަހަރެވެ. އަދި ދެ ވަނަ އަހަރާއި ތިން ވަނަ އަހަރު ކުރާނެ ކަމަކީ އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމެވެ.
ތިން އަހަރު ތެރޭގައި، ރާއްޖޭގައި މި އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އެއްކޮށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެހެންވެ، މާލެ އާއި ރަށްރަށުގައި ވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ޕްރޮގްރާމުތައް އަންނަނީ ހިންގަމުންނެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރު ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަ ކުރުމަށްޓަކައި މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެ އެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހެ އެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެފަހެ
02 May 2025
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރަންވީ. ގަވާއިދަށް ފައްތަން ވީކީނޫން. މީ ވާ ގައުމެއް.
ކޮރަލް
02 May 2025
ދިވެހީންނަށް ވުރެ ބިދޭސީންގެ ހައްގުތައް މި ގައުމުގައި ގިނަ އެވެ. އެތައް ހާސް ދިވެހި ޒުވާނުން ގެ ބަޔަކު ވަޒީފާ ނެތިފަ އެވެ. ރިސޯޓް ތަކުގަ އެތައް ހާސް ބިދޭސީން ގަވާއިދާ ހިލާފް ވަޒީފާ އަދާ ކުރަމުން އެބަ ދެ އެވެ. ރާއްޖޭގެ 99 ޕަސެންޓް ވިޔަފާރި ތަކުގަ ހުރީ ބިދޭސީންނެވެ. ދަރުމާރުކޭޓް ގަ ހުސް ބިދޭސީންނެވެ. ވިޔަފާޜި ނިންމާފަ ވަތްގަނޑޫގަ ހުރި ފައިސާ ކޮޅު ހިފައިގެން އެދަނީ އެވެ. ޑޮލަރަށް ހަދާ ހުރިހާ ފައިސާ ގައުމަށެވެ.
ގެދޮރޭ
02 May 2025
ކޮބާހޭ ބޮޑުކުރަން ބުނި ސިވިލްސާރވަންޓުންގެ މުސާރަ.
ސަންސައްދީން ބަދީއު
02 May 2025
މެއިޑު ޑޭގައި ތިއީ ދެން ކޮން ވައްތަރު ވާހަކަ
އަސް
01 May 2025
ދުލުގަ ނުހުންނާނެ ކައްޓެއް ބޭނުން އެއް ބޭނުން ގޮތަކަށް ބުނެވޭނެ. ރައީސް އަޅުގަޑުމެންނަށް ޑުބާއިންނާ ތައިލެންޑުން ބޭސް ކޮށްވެސް ދިން.
އަސްލު.....
01 May 2025
ބޭރުމީހުންގެ ގައްގާއި ދިވެހިންގެ ހައްގުތަށް ވެސް ހޯއްދަވައި ދެއްވާ، އަޅުގަޑު މިއަދު އުޅުނީ އުމުރަށް ކާންޖެހޭ ތައިރޮއިޑު ބޭސް ލިޔެފައިން ސިޓީއެއް ހިފައިގެން މުޅިމާލޭގަ 5 ބޭސް އިންއިރު 4ބޭހުގެ އަގަކީ1150 ވަރަކަށް ރުފިޔާ، އެއްބޭސް ނުލިބިގެން މާލޭގެ ގިނަ ބޭސްވިއްކާތަންތަނަށް ދިއައިން އޭޑީކޭ ފުރަގަހުގައި އިންްނަ އެސްޓީއޯ ތަނާވެސް އެކު އާސަންދަ ލިބޭ އެއްވެސް ފިހާރައެއްގައިނެތް،އާސަންދަ ނުލިބޭ ބައެއް ފިހާރަތަކުން ލިބޭ އެކަމަކު /2750 އަށް ހައްގެއްނޫންދޯ؟
ބިދޭސީންގެ ރާއްޖެ
01 May 2025
ދަރިންނޭ ކިޔަވާނެ ކަމެއްނެތް. ދިވެހި ދަރިން ކިޔަވައިގެން ވެސް ވަޒީފާއެއް ކަށަވަރުނުވޭ. ބިދޭސީން ގަޔަށް ވެކްސިންތައްޖަހާ ސްކޫލަށް ފޮނުވާ ކިޔަވާދީބަލަ. އެމީހުން ނުކިޔަވާ ތިއްބަސް ވަޒީފާ އާއި ހުރުމާ ކެއުމާ ހުރިހާއެއްޗެއް ލިބޭނެ. މީ ބިދޭސީންގެ ޤައުމަކަށްވެ ނިމިއްޖެ.
އެންމެންއާދޭ އުދުހިފައާދޭ ސުވަރުގެއަށް
01 May 2025
ބިދޭސީން ވޯޓުލައިގެންތަ ދިވެހިރާއްޖޭގެ ހުރިހާ ރައީސުން ގެންނަނީ.. ކިޔަވައިގެން ތިބި ޒުވާނުން ބާކީކޮށް، ބިދޭސީންނަށް ހުރިހާ ވަޒީފާއެއް. ކެފޭތަކާއި ފިހާރަތަކުގެ ކައުންޓަރުތަކުގަވެސް ބިދޭސީން. ޑްރައިވަރުންނަށްވެސް އެމީހުން، ނުވިތާކަށް ޓުވަރިޒަމްގެ ވަޒީފާތައްވެސް އެމީހުނަށް. އަހަރުމެންގެ ޅަދަރިން ކިޔަވަންދާ ސްކޫލުތަކުގެ ގާރޑުންނަށްވެސް ބިދޭސީން. މީ ދުނިޔޭގައި ނެތްވަރުގެ އެއްވަނައިގެ ގައުމެއް. މުސްތަޤުބަލްގައި ވެރިކަން ކުރާނީވެސް ބިދޭސީން ތޯއްޗެ
އައިމިނާ
01 May 2025
އަދިވެސް ބިދޭސީންގެ ޙައްގުތޯ މުހިއްމީ. ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްގުތައް ކޮބައިތޯ؟ އެ މަސައްކަތްތެރިންގެ ކިތައް ޢާއިލާތޯ ނިކަމެތިވަނީ. ސަރުކާރުގެ ކުންފުނިތަކަށް ހުރިހާ މަސައްކަތެއް ދީފަ.ކުންފުނިތައް ބަނގުރޫޓުވެއްޖެ. ކޮބައިތޯ ޙައްގުތައް.
ހަލިސް
01 May 2025
ގަވައިދާ ހިލާފަށް އެތެރެވެފަ ގަވައިދަށް ރުޖޫއަވެވޭ ގައުމެއްނޯނާނެ މިނޫނިއްުޔާ ދެން ދިވެހިންނަށް ވަޒީފާލިބޭނީ ކިހިނެއް. ކައުންޓަރުތަކުގަ ބިދޭސީން ތިބުން ގާނޫނުގަ އޮންނަނީ މަނާވެފަ އެކަމަކު ތަންފީޒެއްނުވޭ. ހުރިހާ ގޯހެއްް ހަދަނީ ސިޔާސީވެރިން.