ޓެން ހާގް އަދި އަލޮންސޯ: އަލޯންސޯ ޓީމު ދޫކޮށްލާނަމަ ލެވަކޫސަނުން ބެނުން ވަނީ ޓެން ހާގް
05 މެއި 2025 - 14:34
ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ މި ސީޒަނަށް ފަހު މަގާމު ދޫކޮށްލާތީ އެ ކްލަބުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގަށް ފާރަލާން ފަށައިފި އެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފަ އެވެ.
ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އެއްބަސްވެފައިވާ ކަމަށް ޓްރާންސްފާގެ ހަބަރުތައް ބުނެ އެވެ.
އޭނާގެ ބަދަލުގައި ރެއާލުން ގެންނަން މަސައްކަތް ކުރަނީ އެ ކްލަބްގެ 15 އަހަރުންދަށުގެ ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރި އަލޮންސޯ އެވެ.
އަންޗެލޮޓީގެ ކޯޗުކަމުގެ ދަށުން 2014 ގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލްގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ މިޑްފީލްޑަރު ޒަބީ ވަނީ ކޯޗެއްގެ ގޮތުގައި ލެވަކޫސަންގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.
އޮކްޓޯބަރު 2022 ގައި ލެވަކޫސަންއާ އަލޮންސޯ ހަވާލުވި އިރު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ކައިރީގަ އެވެ. އެކަމަކު އޭނާ ހަވާލު އެ ޓީމުގެ ފެންވަރުމަތިކޮށް އެ ފަހަރު ލީގު ނިންމާލީ ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމަށް ފަހު އެވެ.
ބެޔާން މިޔުނިކް އެކަނި ޑޮމިނޭޓްކުރާ ލީގެއްގެ ގޮތުގައި މިދިޔަ 11 އަހަރު ފާހަގަވި ބުންޑެސްލީގާގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި އަލޮންސޯ ވަނީ ލެވަކޫސަނަށް ހޯދައި ދީފަ އެވެ. މި ސީޒަނުގައި ލީގު ގެއްލުނަސް އެ ޓީމު އެ ޓީމު އޮތީ ބެޔާންގެ ފަހަތުން ދެ ވަނައިގަ އެވެ.
އަލޮންސޯ: އޭނާ ރެއާލަށް ބަދަލުވާނެ ކަމަށް ބެލެވޭ
އޭނާ ބަހައްޓަން ލެވަކޫސަނުން ބޭނުން ވިޔަސް ރެއާލަށް ދާން އަލޮންސޯ ބޭނުންވާނަ އޭނާ ދޫކޮށްލަން ލެވަކޫސަނަށް ޖެހޭނެ އެވެ.
އެ ކްލަބްގެ ސީއީއޯ ފެނާންޑޯ ކާރޯ ބުނީ އަލޮންސޯއާ އެކު ހެދި އެއްބަސްވުމުގައި އޭނާ ދޫކޮށްލަން ވަކި މާއްދާއެއް ހިމަނާފައިވާ ކަމަށެވެ. އެއީ އޭނާ ކުރިން ކުޅުނު ނުވަތަ މަސައްކަތް ކުރި ޓީމަކަށް އޭނާ ދާން ބޭނުންވެއްޖެނަމަ އޭނާ ދިއުމުގެ އިހްތިޔާރު ލިބިދިނުމަށް އޮތް މާއްދާއެއްކަމަށް ކާރޯ ބުންޏެވެ.
މި މަހު 17 ގައި ބުންޑެސް ލީގާ ނިމެނެ އެވެ. އެއަށް ފަހު އޭނާގެ މަސައްކަތް ލެވަކޫސަންގައި ނިމޭނެ ކަމަށް ބަލައިގެން އެ ކްލަބުން ދަނީ ތައްޔާރީތައް ވަމުންކަމަށް ޖަރުމަނުގެ މިޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެ ގައުމުގެ ކުޅިވަރު ނޫސް "ކިކާ" އިން ބުނީ އަޔެކްސް އާއި ޔުނައިޓެޑްގައި ޓެން ހަގް ކޮށްފައިވާ މަސައްކަތާ މެދު ލެވަކޫސަން ހިތްހަމަޖެހޭ ކަމަށެވެ.
ނެދަލެންޑްސްގެ ކޯޗު ވަނީ އަޔެކްސް އާ އެކު ޑަޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ޔުނައިޓެޑްގެ އެންމެ އުނދަގޫ ދުވަސްވަރު ވެސް އެ ކްލަބާ އެކު އިނގިރޭސި ލީގު ކަޕާއި އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވެސް ޓެން ހާގް ހޯދި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ އޮކްޓޯބަރުގައި އޭނާ ވަކި ކުރި ފަހުން އެއްވެސް ޓީމަކާ އޭނާ ހަވާލެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy