ސްރީ ލަންކާގައި ހިނގި ބަސް އެކްސިޑެންޓުގައި ބަސް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
11 މެއި 2025 - 14:43
ސްރީ ލަންކާގައި މިއަދު ބުޑިސްޓުންގެ އަޅުކަމަކަށް ދިޔަ ބަޔަކު ދަތުރުކުރި ބަހެއް އުސް ސަރަހައްދަކުން ދަނިކޮށް ތިރިއަށް ވެއްޓި 21 މީހަކު މަރުވެ 24 މީހަކު ޒަހަމްވެއްޖެ އެވެ.
ސްރީ ލަންކާއަކީ މަގުމަތީގެ ނުރައްކާތެރިކަން އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭއިރު މިއަދު މި ހިނގި ހާދިސާ އަކީ ފަހުގެ ތާރީހެއްގައި އެ ގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާ އެވެ.
މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ ދެ ފަރާތާއި މަތިން ވެސް ވަނީ އެއްކޮށް ނެއްޓިފަ އެވެ. އަދި ގިނަ ސީޓުތައް ވެސް ވަނީ ނެއްޓި ވިއްސައިގެން ގޮސްފަ އެވެ. ބަސް ވެއްޓިފައި އޮތީ ފުރޮޅުތައް މައްޗަށްވާ ގޮތަށް، ސައިފަތް ދަނޑެއްގެ ތެރެއަށެވެ.
ސަރުކާރުން އޮޕަރޭޓްކުރާ މި ބަސް އެކްސިޑެންޓުވި އިރު އޭގައި 70 ވަރަކަށް ފަސިންޖަރުން ތިބި ކަމަށްވެ އެވެ. އެއީ އޭގެ ޖާގައަށްވުރެ ވިއްސަކަށް މީހުން ގިނަ އަދަދެކެވެ. ބަސް ވެއްޓުނީ ލަންކާގެ މެދުތެރޭގައި އޮންނަ ކޮޓްމަލޭ ސަރަހައްދުގެ އުސް ހިސާބަކުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި، ބަސް އަނބުރާލުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެން ކަމަށް އޭއެފްޕީއަށް ވާހަކަ ދެއްކެވި ޓްރާންސްޕޯޓް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ސްރީ ލަންކާގައި ހިނގި ބަސް އެކްސިޑެންޓުގައި ބަސް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
"މިއީ މެކޭނިކަލް މައްސަލައެއްގެ ސަބަބުންތޯ ނުވަތަ ޑްރައިވަރަށް ނިދިގެން ދިމާވި ކަމެއްތޯ ޔަގީންކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" ނަން ހާމަ ނުކުރަން ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.
ހާދިސާ ހިނގި ތަނުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޒަހަމްވި މީހުން ވަނީ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭ، ކައިރީގައި ހުރި ދެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
އާންމުން އެހީ ނުވި ނަމަ، މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީ ލަންކާގައި ހިނގި ބަސް އެކްސިޑެންޓުގައި ބަހުގެ ސީޓުތައް ނެއްޓިފައި. -- ފޮޓޯ: އޭއެފްޕީ
ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި ބަސް ވެއްޓުނީ ވާތްފަރާތަށް އަރިއަށް އޮވެގެން ދުއްވަމުން ގޮސް އަނބުރާލަން އުޅުމުގެ ތެރޭގަ އެވެ.
ސްރީ ލަންކާގައި އަހަރަކު އެވްރެޖްކޮށް 3،000 މީހުން މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވެ އެވެ.
މިއަދު ހިނގި ބަސް އެކްސިޑެންޓަކީ 2005 ވަނަ އަހަރުގެ އޭޕްރީލް މަހު ޕޮލްގަހަވެލާ އަވަށުގައި ބަސް ޑްރައިވަރަކު ރޭލެއް އަންނަނިކޮށް އެއަށްވުރެ ކުރިން ހުރަސްކޮށް ދާން އުޅެނިކޮށް ހިނގި އެކްސިޑެންޓަށް ފަހު އެންމެ ގިނަ މީހުން މަރުވި އެކްސިޑެންޓެވެ. ބަސް ދުއްވަން އިން ޑްރައިވަރު ކުދި އަނިޔާތަކާ އެކު ސަލާމަތްވި އެ އެކްސިޑެންޓުގައި 37 ފަސިންޖަރުން މަރުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނަމް
11 May 2025
މަރޔވާން ހުރި ގޮތަކަށް މަރުވާނެ.