ޖެނެރޭޝަނަލް ބޭންގެ ބިލްގެ ރައީސް ތަސްދީގު ކުރައްވަނީ: އެ ބިލުގެ ދަށުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާވާނެ --- ފޮޓޯ/ރައީސް އޮފީސް
21 މެއި 2025 - 11:51
ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގުކުރައްވައިފި އެވެ.
އެ ތާރީހީ ބިލް ރައީސް ތަސްދީގު ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ޖެނެރޭޝަނަލް ބޭން"އަށް އަމަލުކުރަން ފަށާނެ އެވެ.
ބިލް ރައީސް ތަސްދީގުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުރި މި ކަހަލަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހުތައް ތަންފީޒުކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވުމުން އަލަށް ގެނައި އިސްލާހުގައި އެ ހުރަސްތައް ކުޑަކުރުމަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ގާނޫނު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެންފޯސްމަންޓަށް ވަރަށް ހާއްސަ ކަންތައްތަކެއް ހިމެނިފައިވާނެ، ކުރީގައި އެންފޯސްކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފާހަގަކޮށްފައި އޮތީމަ،" ރައީސް ވިދާޅުވި އެވެ.
"އެންފޯސްކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިއުމާލްކުރުމާ ބެހޭ ތަކެތި ގެންގުޅުމާއި އެތެރެކުރުމާއި ބެހެއްޓުމާއި ނައްތާލުމާއި މި ތަކެތި އަތުލުމަށް ފަހު އެ ތަކެތި ބަލަހައްޓާ ނައްތާލުމާ، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާއަތްތައް ވަރަށް ފުރިހަމަކޮށް ބަޔާންކޮށްފައި މިހާރު އޮންނާނެ."
ދެހާސް ހަތްވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރު ކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ، އެމީހެއްގެ އައިޑީކާޑު ނުވަތު އެމީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
21 May 2025
ތިޔަ ވީގޮތުން މިރާއްޖޭގައި 2007ވަނަ އަހަރު އުފަންވީ އިންސިއެ ނުހުންނާނެ ދެން ނޭގެ ޖިންނީންގެ ގޮތެއް…
އަޅި އަލީ
21 May 2025
2007 ވަނަ އަހަރުނެ ފެށިގެން އުފަންވެފާ ތިބި މީހުން ވައްކަން ކުރަން މަނާކުރާނެ ބިލެއް ފާސްކޮއްބަލަ!
އަޒްނީނާ މުހައްމަދު
21 May 2025
އިންޝާﷲ 2 ވަނަ ދައުރެއް ހޯދަދޭން މަނިކުފާނަށް މީގެ ފަހުން މަސައްކަތް ކޮށްދޭނަން. ނިކަން ބޭނުންވެފަ ހުރި ކަމެއް ތިކޮށްދެއްވީ
އަސްނާ މުހައްމަދު
21 May 2025
އެތައް ޖީލެއް ތި ސަލާމަތް ކޮށްދިނީ ރައީސް. ހުވާ ވަރަށް މުހިއްމު ނިންމުމެއް.
ނައްބަތް އަޒީޒް
21 May 2025
ރައީސް މުއިއްޒް މިއީ މޭންއެއް ހަމަ. ގަދަ ރައީސްއެއް
ކޮރޮކަލި
21 May 2025
ވަގު ވިޔަފާރި އަދި ގޭންގް ތަކުގެ ވިޔަފާރި ވަރަށް ކުރިއަރާނެ. ޑްރަގާ އެއްވަރުގެ ކަޅު މާކެޓެއް ތި އުފެއްދެވީ. ތި ވިޔަފާރިން މުއްސަނދިވާ ޔުނިފޯމް ލީ ބޭފުޅުން ވަރަށް ގިނަވާނެ މިގައުމުގައި. އަޅުގަނޑުގެ ރައްޓެއްސެއްގެ ދަރިފުޅު ސިނގިރޭޓް އެއް ނުބޮއޭ. ނުބޮނީ ޖެނެރޭޝަނަލް ބޭން އެއް އޮވެގެނެއް ނޫން. ނުބޮނީ ވިސްނައިދީގެން.
މިސްބާހް މުހައްމަދު
21 May 2025
ފަށްފަށުން ޝުކުރިއްޔާ ރައީސް. ތީ އެތައް ޖީލެއްގެ ހަލާކުން ސަލާމަތް ކުރުން
އޭރުގެ ސޮރު
21 May 2025
ހަނދާންވަނީ ހުމްހޫރީ މައިދާނުގައި ތިޔަށް ވުރެ މާ ގިނަ ސްކޫލްކުދިން ބައިވެރިކޮށްގެން ރ. މައުމޫން ތިޔަފާޑެއްގެ އެއްޗެއްގައި އަހަރުތަކެއް ކުރިން އިގުރާރެއް ކަންނޭގެ އެއްޗެއްގައި ސޮއިކުރުވި ހަނދާނެވެ! އެއަށް ފަހު ޖެހިގެން އައި އަހަރުތަކުގައި އިގުރާރާއި އިދިކޮޅަށް ހީވީ ގިއަރުތަކެއް މަތީގައި ފަށައިގަތްހެނެވެ! މިފަހަރު ކިހިނެއް ވާނެބާ؟
ޑރ ވާންޗޯ
21 May 2025
އަޅުގަނޑުގެ ޚިޔާލަށް އަންނަނީ ޑްރަގްސްގޮތަށް ދުންފަތްވެސް ވަކިބައެއްގެ ވިޔަފާރިއަކަށް ބަދަލުކޮށްލަދެއްވީބާއޭ؟.
ޑރ ވާންޗޯ
21 May 2025
ރާއްޖޭގަ ބަޑިބޭސް މަނާކުރެވިއްޖެ، ދުންފަތް މަނާކުރެވިއްޖެ، ފްރީޑެލިވެރީގަ ޑްރަގްސް އުޅޭއިރު ގެންގުޅޭމީހުނާ ތަނާ ޑެލިވެރީގަ އުޅޭމީހުނާ ކެފޭހަދައިގެން ބޯންދޭމިހުނާ ވަރަށްރަނގަޅަށް އެގޭ، އެކަމަކު މަނާނުކުރެވޭ. އެކަމަކު ޑްރަގްސްގަ މިގައުމުގެ ބޮޑެއްގެ އަތެއް ކީއްކުރަން ފައެއްވެސް ނުވާކަން މަށަށް ޔަގީން.