ފަލަސްތީނުގެ ޣައްޒާގައި އާންމުން ބޯފެން ހޯދަން ކިއޫގައި: ޔޫއޭއީން މިއަދު އިއުލާނުކުރި ގޮތުގައި ޣައްޒާއަށް އެހީވާން އިޒްރޭލާ އެކު ވަނީ އެއްބަސްވުމަކަށް އާދެވިފައި. -- ފޮޓޯ: އޭއެފްޕީ
21 މެއި 2025 - 12:04
އިޒްރޭލުގެ ހިސާރުކޮށްފައިވާ، ފަލަސްތީނުގެ ޣައްޒާއަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އިޒްރޭލާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން މިއަދު ބުނެފި އެވެ.
ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިޒްރޭލުން މަނާކޮށްފައި ވާއިރު ޣައްޒާގައި ވަނީ ހައިހޫނުކަން އާންމުވާން ފަށައިފަ އެވެ. އަދި ކާނާގެ އިތުރުން ބޭސް ފަދަ އެންމެ އަސާސީ ތަކެތި ވެސް މިހާރު ވަނީ ގާތްގަނޑަކަށް ހުސްވެފައި ކަމަށް އެހީގެ ޖަމާއަތްތަކުން ބުނެ އެވެ.
އެހީ ފޯރުކޮށްދިނުމަށް އިޒްރޭލާ އެކު އެއްބަސްވުމަކަށް އާދެވިއްކަން ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވާއިރު އިޒްރޭލުން ވަނީ ކުޑަކުދިންގެ ކާނާ އާއި އެހެން ބައެއް އަސާސީ ތަކެތި ވަކި މިންވަރަކަށް ޣައްޒާއަށް ވައްދަން ހުއްދަ ދީފައިވާކަމަށް އިއްޔެ ބުނެފަ އެވެ. އެއާ އެކު 93 ޓްރަކެއް އެހީގެ ސާމާނާ އެކު ޣައްޒާއަށް އިއްޔެ އެތެރެވި ނަމަވެސް އދ. އިން ބުނީ އެހީ ބެހުމުގެ މަސައްކަތް ފަށަން އިޒްރޭލުން އަދިވެސް ހުއްދަ ނުދޭ ކަމަށެވެ.
ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދުއާ ހަވާލާދީ ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ ޑަބްލިއުއޭއެމް އިން ބުނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުއްދަ ދޭން އިޒްރޭލުން ނިންމީ އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރްއާ ފޯނުން ކުރި މަޝްވަރާއަކަށް ފަހުގައި ކަމަށެވެ.
"މި އެހީ، ފުރަތަމަ މަރުހަލާގައި ޣައްޒާގައި ދިރިއުޅޭ ގާތްގަނޑަކަށް 15،000 އާންމުންނަށް ފޯރުކޮށްދޭނެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޣައްޒާގައި ހިންގަމުން އައި ބޭކަރީތައް އަލުން ފެށުމަށް މި އެހީގެ ސަބަބުން މަގު ފަހިވާނެ އެވެ. އަދި ތުއްތު ކުދިންނަށް ބޭނުންވާ މުހިންމު ތަކެތި ލިބޭނެ ކަމަށާއި މިގޮތަށް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތް އިންތިޒާމްކުރާނެ ކުރާނެ ކަމަށް ވެސް ޔޫއޭއީގެ ބަޔާނުގައިވެ އެވެ.
ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި އޮންނަ މައްސަލަ ބޮޑުވެ މުޅި ދުނިޔޭގެ ޕްރެޝަރު އިޒްރޭލަށް ބޮޑުވާން ފެށުމުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެހީ ވެއްދުމުގެ ހުއްދަ ދޭން ޖެހިފައިވަނީ ޑިޕްލޮމެޓިކް ސަބަބުތަކާ ހެދި ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy