ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ
26 މެއި 2025 - 21:56
އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތައް ފައިނޭންސް ކުރުމުގައި ހަރުދަނާ ޓެކްސް ނިޒާމެއް ވަރަށް މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިއަދު ފެށި އޭޝިޔާ އިނީޝިއޭޓިވްގެ އަށް ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވި ގޮތުގައި، ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ، ޓެކްސް ނިޒާމު ހަރުދަނާކޮށް، ހަމަހަމަކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައި ވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ރާއްޖެ ވަނީ ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. ނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ،" ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ
އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރާއްޖޭން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާކުރުމަށް ރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީން އޭނާ ދެއްވި އެވެ. އަދި ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ގާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ޒަމީރު ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިގުތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް އޭނާ އަލިއަޅުވާލެއްވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ޓޫރިޒަމްގެ މައްޗަށް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފަ އެވެ.
މިގޮތުން ވޭތުވެދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ ޖީޑީޕީގެ 13.8 ޕަސެންޓު ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެ އެވެ.
ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ
ޒަމީރު ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އާމްދަނީއާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައިފަ އެވެ. މި ސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ އާމްދަނީގެ ސިޔާސަތުތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްހަތު އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަދި ޓެކްސް ނުދެއްކުމާއި، ގާނޫނާ ހިލާފަށް ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
27 May 2025
މިހާރު މިއޮތް ޓެކްސް ނިޒާމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ބުރައެއް. އިގްތިސާދު ކުރިއަރުވަން އޮތް ގޮންޖެހުމެއް. ބޭނުންވަނީ ދައުލަތުގެ ޙަރަދުތަށް މެނޭޖު ކުރާނެ ހަރުދަނާ ނިޒާމެއް. ނުވަތަ ސީދަލަށް ބުނާނަމަ ޕޮލިޓިކަލް ވިލް. މުހިއްމު ކަންކަމަށް އިސްކަންދީ ކޮންމެހެން ކުރަން ނުޖެހޭ ޙަރަދުތަށް ނުކުރުން. އަދި ލިބޭ އާއްމުދަނީ އިން އުޅެން ދަސްކުރުން. ލޯނު ނަގަންވާނީ ލޯނު ދެއްކޭނެ ވަރަކަށް. ޙިޔާލީ އާއްމުދަނީ ލިބޭނެ ކަމަށް ބަޖެޓް ހެދުން ހުއްޓަން ޖެހޭ.
ސެމި
27 May 2025
މިސަރުކާރުން ނަގާޓެކްސްގެ 90% ހަަރަދުކުރަނީ މުސާރަތަކާއި އިނާޔަތްތަކަށް. ވަރަށް ބޭކާރު އިސްރާފު މިހާވަރަށްކުރި ބައެއްނެތް.
މާޝް ހަމީދު
27 May 2025
އިގްތިސާދެއް އިގްތިސާދެއްގެ ގޮތުގައި ކުރިޔަށް ދާނީ މި މަގުން ގެންގޮސްގެން. މިދަނީ އިގްތިސާދު ކުރިޔަށް. އިންޝާﷲ ކާމިޔާބްކަމާއެކު ގައުމުގެ އިގްތިސާދު ކުރިއަރާނެ
އަފާފް ސައީދު
27 May 2025
ރައީސް މުއިއްޒް މިކަން މިކުރަނީ ރަނގަޅަށް. ރައްޔިތުންނަށް ބުރަ ނުޖައްސާ ޓެކްސް ނިޒާމް މިދަނީ ރަނގަަޅަށް ބާރަށް ކުރިޔަށް.
ޝަހުމް އާދަމް
27 May 2025
އަސްލުވެސް. މިކަމަކީ ދުނިޔޭގެ އެއްމެ ތަރައްގީވެފައިވާ ގައުމު ތަކުގައިވެސް މިކަން ކުރާ ގޮތް. ހަރުދަނާ ކޮށްގެން މިކަން ވާނީ.
އީމާން ސޯލިހް
27 May 2025
ރައީސް މުއިއްޒް ހަވާލުވެ މިގައުމުގެ އިގްތިސާދު މިއަދު ވަރަށް ބޮޑަށް ހަމަޔަކަށް އަޅުވައިފި. މިކަން އަހަރެން ފާހަގަކޮށްލަން.
ސެމި
27 May 2025
އިގްތިސާދު އަދަވަޅަކަށް ވެއްޓިފަ އޮތީ
ވްޓް ނޮ
27 May 2025
ޗީޑި. އެހެންވެ ނު ކިއު އެ އޮންނީ ހާހުން ޖޮބު ނުލިބިގެން
އައްބާސް އަލީ
27 May 2025
މިއަދު މިގައުމު ހިނގާނީ ސީދާ މިހެން މިކަން ކޮށްގެން. ގައުމުގަ އިގްތިސާދުން ފައިސާ ހޯދައި އެ ބޭނުން ކޮށްގެން.
މޫސާ ސަނީހް
27 May 2025
ވަރަށް ރަނގަޅު ވާހަކައެއް. އޭރަށް ގައުމު ހިންގޭނީ.
ކޮރަލް
27 May 2025
ސަރުކާރުން މަސައްކަތް ނަގާ މީހާ އަށް ލިބޭ އެއްޗަކުން ވަނީ ކިރިޔާ އެވެ. މަސައްކަތް ދޭމީހާ އުޅެނީ ވ މުއްސަނދި ކޮށެވެ. ސަރުކާރު ބައެއް މީހުން ކުންފުނިތައް ހަދައިގެން އޮފީހުގަ އިނދެގެން ބިދޭސީން ލައްވާ އޮފީސް މަސައްކަތް ކުރުވާ މުއްސަނދި ވަނީ އެވެ. ބިލިއަން ރުފިޔާގެ ވައްކަން ކުރީމަ ވެސް 10 އަހަރުން މައްސަލަ ބަލާ ނުނިމެ އެވެ.
އެކްސްް
27 May 2025
ޓެކްސް ގޮތުގައި ލިބޭލާރި މަދެއްނޫން. ވައްކަމާއި އިސްރާފުކުރުން ގިނައީ. މިކަން ނުހުއްޓެނީސް ދެކޮޅެއްނުޖެހޭނެ.
ސަލާމަތް
27 May 2025
120 ބިލިއަނުން ދަަރަނި ކޮއްލީމަ އަސްލު މިއުޅެނީ ސަލާމަތް ނުވެވިގެން