އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާގެ ނިންމެވުމާ އެއްގޮތަށް، ވިސާގެ އުސޫލު ހަރުކަށިކޮށް މި ވަގުތަށް ވަނީ ބޭރުގެ ދަރިވަރުންނަށް ވިސާ ދިނުން މެދުކަނޑާލާފައި. -- ފޮޓޯ: އޭއެފްޕީ
28 މެއި 2025 - 05:57
އެމެރިކާގެ ވިސާ ދިނުމުގެ ކުރިން އެ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލުން ހަރުކަށި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު ދަރިވަރުންނަށް ވިސާ ދިނުމުގެ މަސައްކަތް މެދުކަނޑާލަން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގަވައިފި އެވެ.
އެތައް ސަތޭކަ ވިސާއެއް ކެންސަލްކުރުމާއި ހާވާޑް ޔުނިވާސިޓީން އެމެރިކާ ނޫން އެހެން ގައުމުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކުރުމުގެ ފިޔަވަޅަށް ފަހު މިއީ އެމެރިކާގެ ޔުނިވާސިޓީތަކުގެ އާމްދަނީގައި ބޮޑު ހިއްސާއެއް އަދާކުރާ ބައިނަލްއަގްވާމީ ދަރިވަރުންނަށް އަމާޒުކޮށް ޓްރަމްޕްގެ ސަރުކާރުން އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.
ރޫބިއޯ ސޮއިކުރައްވައި އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް ފޮނުއްވާފައިވާ ލިޔުމެއް އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައި ވަނީ ސްޓޫޑެންޓް ނުވަތަ އެކްސްޗޭންޖް ވިސާއަށް އިތުރު އެޕޮއިންޓްމަންޓެއް ދިނުން، އެކަމާ މެދު ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލުމަށެވެ. އަދި މިފަދަ ވިސާތައް ދިނުމުގެ ކުރިން، ވިސާއަށް އެދޭ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަންޖެހޭ ގޮތުގެ އާ އިރުޝާދެއް ދޭނެ ކަމަށް ވެސް އޭގައިވެ އެވެ.
އެމެރިކާގެ މިޝަންތަކުން އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގައި އާންމުކޮށް ވެސް ވަރަށް ބޮޑަށް ލަސްވާއިރު ރޫބިއޯގެ އެންގެވުމުން ބޮޑަށް ބެލެވެނީ ވިސާ ދިނުން މެދުކަނޑާލުމަކީ މާ ގިނަ ދުވަހުގެ ކަމެއް ނޫން ކަމަށެވެ. އޭގައި ބުނެފައިވަނީ ލަސްތަކެއް ނުވެ އާ އިރުޝާދެއް ދޭނެ ކަމަށާއި އޭރުން ކުރިއެކޭ އެއްގޮތަށް އެޕްލިކޭޝަންތައް ބަލައިގަނެވޭނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް މި ލިޔުމާ ބެހޭ ގޮތުން ސީދާ އެއްޗެއް ވިދާޅުނުވި ނަމަވެސް "ގައުމަށް އެތެރެވަނީ ކޮން ބައެއްތޯ ބެލުމުގެ މަރުހަލާ ވަރަށް ސީރިއަސްކޮށް ނަގާ" ކަމަށް ވިދާޅުވެ އޭއެފްޕީއަށް ޖަވާބު ދެއްވި އެވެ.
އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ކުރިއަށް އޮތް ޓާމް ފެށުމުގެ ކުރިން ވިސާއަށް ހޯދަން ބޭނުންވާ ދަރިވަރުންނަށް އެކަން ހަމަޖެހޭނެތޯ ސުވާލުކުރުން ބްރޫސް ވިދާޅުވީ "ވިސާއަށް އެދެން ބޭނުންވާ ނަމަ، އާންމު ޕްރޮސެސް އާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގޮސް، ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް ތައްޔާރުވާންވީ" ކަމަށެވެ.
ސެނެޓުގައި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި ރޫބިއޯ ވިދާޅުވީ ޖެނުއަރީ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން "އެތައް ހާސް" ވިސާއެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި، އިޒްރޭލުން ފަލަސްތީގެ ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލާ ދަރިވަރުން ގިނަ އެވެ. އެމެރިކާއިން ބަލަނީ އެއީ ޔަހޫދީންނާ މެދު ނަފްރަތު އުފައްދާ މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޭސް 9871
28 May 2025
މީހަމަ ޔަހޫދިން ރުއްސަން ކުރާހާ މަސައްކަތް ، މީނާ އެމެރިކާ ގުރޭޓު ކިޔައިގެން ދުނިޔޭގެ ކުރިމަތީ އަގު ވެއްޓެނީ
އިސްމާލި
28 May 2025
މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ޔަހޫދީން ހިންގާ ގަތުލުއާއްމު ގެ ހިމާޔަތުގައި.
ޖަލީލީ
28 May 2025
އެމެރިކާ މީހުން އައިސް އަހަރެމެންނަށް ޑިމޮކުރަސީ އާއި އިންސާނީ ހައްގާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ކިޔައިދީފައި މި މީހުން ދިމާ އިދިކޮޅަށް އަމަލުކުރާތަށް މި ފެންނަނީ. ހަގީގަތުގައި މި ހީލަތްތެރި ޝިއާރުތަކަކީ ގައުމުތަކަށް ޔަހޫދީ ހަންފެތުރުމަށް ބޭނުންކުރާ ކަންތަށްތަކެއް ކަން.