އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
05 ޖޫން 2025 - 06:30
އެމެރިކާއަށް 12 ގައުމެއްގެ މީހުން ވަނުން މަނާކޮށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރެއްގައި ސޮއިކުރައްވައިފި އެވެ.
އޭނާ ވިދާޅުވީ މިގޮތަށް ނިންމީ ކޮލޮރާޑޯގައި ޔަހޫދީންގެ މުޒާހަރާއަކަށް ދިން ހަމަލާއާ ގުޅިގެން ކަމަށެވެ. އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި އެއީ ގާނޫނާ ހިލާފަށް އެ ގައުމުގައި އުޅޭ މީހަކު ދިން ހަމަލާއެކެވެ.
ވެރިކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕު ކަންތައް ކުރެއްވި ގޮތާ ހަމަ ދާދި އެއްގޮތަކަށް އެޅި މި ފިޔަވަޅާ އެކު އަފްޣާނިސްތާން، މިއަންމާ، ޗާޑް، ރިޕަބްލިކް އޮފް ދަ ކޮންގޯ، އިކުއިޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުން މަނާވާނެ އެވެ.
ވައިޓް ހައުސް އިން ބުނީ މި ނިންމުމަށް އަމަލުކުރަން ފަށާނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ވައިޓް ހައުސްއިން ބުނީ ޓްރަމްޕް ވަނީ ބުރުންޑީ، ކިއުބާ، ލާއޯސް، ސިއެރާ ލިއޯން، ޓޯގޯ، ތުރުކުމެނިސްތާން އަދި ވެނެޒުއޭލާގެ ބައެއް މީހުންނަށް ވެސް އެމެރިކާއަށް ނުވަދެވޭ ގޮތް ހަދާފައި ކަމަށެވެ.
"ދާދި ފަހުން ކޮލޮރާޑޯގެ ބޯލްޑާގައި ދިން ޓެރަރިސްޓް ހަމަލާއިން، އެކަށީގެންވާ މިންވަރަށް ސްކްރީން ކޮށްފައި ނުވާ ބިދޭސީންގެ ފަރާތުން ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތައް ފާހަގަކުރެވިއްޖެ،" އޯވަލް އޮފީހުން އެކްސްގައި ޕޯސްޓްކުރި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެން އެ މީހުން ބޭނުމެއް ނޫން."
ޓްރަމްޕް ވަނީ އަލަށް އެޅި ފިޔަވަޅުތަކަކީ އޭނާގެ ފުރަތަމަ ދައުރުގައި، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގިނަ ގައުމުތަކަކަށް އެޅި "ވަރުގަދަ" ފިޔަވަޅުތަކާ އެއްހަމަކޮށްފަ އެވެ. އޭނާ ވިދާޅުވީ ޔޫރަޕްގައި ހިނގި ފަދަ ހާދިސާތައް އެމެރިކާގައި ނުހިނގައި ސަލާމަތްވީ އެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
"ޔޫރަޕްގައި ހިނގި ފަދަ ހާދިސާތައް އެމެރިކާގައި ހިނގަން ފުރުސަތެއް ނުދޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ވަކި ވަކި ފަރުދުން ދެނެގަނެ، އެއީ ކޮންކަހަލަ ބައެއްކަން ޔަގީން ނުކުރެވޭ އެއްވެސް ގައުމަކުން ހިފެހެއްޓުމެއްނެތި ހިޖުރަކުރުމުގެ ފުރުސަތެއް ނުދެވޭނެ. އެހެންވީމާ، ޔަމަނާއި، ސޯމާލިއާ އާއި ހައިޓީ އާއި ލީބިޔާ އަދި އެނޫންވެސް އެތައް ގައުމަކަށް ދަތިކަން ކުރިމަތިވާ ގޮތަށް އާ އެގްޒެކެޓިވް އޯޑަރެއް އަޅުގަނޑު މިއަދު ނެރެނީ."
ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރަން ގޮވާލައި އާދީއްތަ ދުވަހު އެއްވި ބައެއްގެ ގަޔަށް "އަލިފާން ބޮމެއް" އެއްލައި އެތަނަށް ޕެޓްރޯލް އެޅި މައްސަލައާ އެކު ޓްރަމްޕުގެ މި ނިންމުން އަންނާނެ ކަމަށް އޮތީ އަޑު ފެތުރިފަ އެވެ. މިކަން ކުރި ކަމަށް ބުނާ މުހައްމަދު ސަބްރީ ސޮލިމާން އަކީ ގާނޫނާ ހިލާފަށް އެމެރިކާގައި އުޅޭ މީހެއް ކަމަށާއި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ އެސައިލަމް އަށް އެދި ހުށަހަޅާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
06 June 2025
"އަފްގަނިސްތާން، ބަރުމާ، ޗެޑު، ކޮންގޯ، ގިނީ، އެރިޓްރިއާ، ހައިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނު" މިލިޝްޓުން އުނިވެފަ އޮތީ ހަމަ އެކަނި ދިވެހިރާއްޖެ.
ޢަހް
08 June 2025
ކޮއިފުޅާ ލިޝްޓު އެއީ ކޯޗެއްތަ؟ އެހެން ކިޔާ ބަހެއް އިނގިރޭސި އަދި ދިވެހި ބަހުގައި ވެސް ނޯންނާތީ ހަމަ އަހާލީ