މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ: ހިބާ

(ބުދަ ދުވަހާ ގުޅޭ)

"އަހަންނާ އެއްކޮށް ކަނޑުމައްޗަށް އަރަން ކެރޭނެ؟" އެލިޒަބަތު ސުވާލުކުރިއެވެ. "ބުރެއް ޖަހާލަން."

އެލިޒަބަތަކީ، އޭނަ ކަމަކަށް އެދުމުން ކުރިމަތީގައި އިންކާރު ކުރަން އުނދަގޫ ކަހަލަ، ރީތި ކުއްޖެކެވެ. އޭނަގެ ބަލައިލުމާއި އަޑާއި ހިނިތުންވުން އެކުވުމުން ނާސިފުގެ ފަޔަށް ނާސިފަކަށް އަމުރެއް ނުހިނގައެވެ. ބައެއް ފަހަރު ނާސިފު ހިތަށް އަރައެވެ. އެލިޒަބަތުގެ ހިތް އެހައި ފަސޭހައިން ނާސިފުއާ ދިމާއަށް އެނބުރުނީ ކީއްވެގެން ހެއްޔެވެ؟ ނާސިފު އަރަން އުޅުނީ ކާރުގެ ފަހަތަށެވެ.

"އާދެބަލަ ކުރިޔަށް،" އެލިޒަބަތު އެދުނެވެ. "ވަރަށް ބޮޑު ވާހަކައެއް ބުނަން އެބަ އޮތް."

ނާސިފު އެންމެ ބޭނުންވާ ގޮތަކީ ހޮޓަލަށް ގޮސް އެނދުގައި އޮށޯވެލައިގެން އޮތުމެވެ. އަރާމުކޮށްލުމެވެ. އެލާޖިކުގެ ސަބަބުން ނާސިފުގެ ހަށިގަނޑު ލޮޑުވެއްޖެއެވެ. ބަލިކޮށްލައިފިއެވެ. އެހެނަސް، ދެފައި ގެންގޮސް ނާސިފު ކުރީ ސީޓުގައި ބޭންދިއެވެ. ދެއަތް ސީޓުބެލްޓު އަޅުވައި، ގޮނޑީގައި ނާސިފު ހައްޔަރުކޮށްލިއެވެ.

ނާސިފު ހިތަށް އެރިއެވެ. އެލިޒަބަތުގެ ވެސް ކުރު އިސްތަށިގަނޑެއް އޮތް ނަމައެވެ. އެއީ ކުރިން ނާސިފު ދެކޭ ގޮތާ ފުށުއަރާ ވިސްނުމެކެވެ. އެލިޒަބަތު ކާރު ދުއްވައިލުމަށް ފަހު ގިއަރު ބަދަލުކޮށްލިއެވެ. ގިއަރުގައި ހިފޭއްޓި އަތް ނާސިފުގެ އަތް މަތީގައި ބާއްވައިލިއެވެ.

"ކޯސް ނިންމާފަ ކިހާ ދުވަހަކު މި ކޮޅުގަ މަޑުކުރާނަން؟" އެލިޒަބަތު އެހިއެވެ.

"އެއީ ކީއްކުރަން މި ކޮޅުގަ މަޑުކުރަނީ؟" ނާސިފު ހައިރާންވެފައި އެހިއެވެ.

"އަހަރެން ބުނީތީ،" ދުލަށް ވުރެ ލޮލުން މާ ފުން މާނައެއް ފާޅުކުރަމުން އެލިޒަބަތު ބުންޏެވެ. "އަހަރެން ހިޔެއްނުކުރަން މި ދުނިޔޭގަ އަހަރެން އުޅޭ ހިތްވާނެ ކަމަކަށް. ކީއްކުރަން އުޅެންވީ؟ ކާކަށްޓަކާ؟ އެކްސިޑެންޓަށް ފަހު އަހަރެން އަބަދުވެސް ހިތަށް އަރާ ކީއްވެގެންބާއޭ އަހަރެން ދުނިޔޭގަ މި ހުންނަނީ؟ ކާކަށް ޓަކާހޭ އަހަރެން ދިރިހުންނަންވީ؟ މިހާރު ވިސްނިއްޖެ! ތީ އެ މީހަކީ. ހެޔޮތަ ނާސިފު ދެކެ އަހަރެން ލޯބިވިޔަސް؟"

ނާސިފުގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އެއް ލޯބި ގެއްލުނު ދުވަހު އަނެއް ލޯތްބަށް ދައުވަތު ލިބުނީއެވެ. އެހެނަސް ނާސިފު ލޯބިވަނީ ކާކު ދެކެ ހެއްޔެވެ؟ ނާސިފު ހިތަށް އެރިއެވެ. އެލިޒަބަތަށް ނޫނެކޭ ބުނާނީ މޮޔައެކެވެ. ހިބާއަށް ފުރަގަސް ދޭނީ ނިއުމަތަށް ޝުކުރުވެރި ނުވާ މީހެކެވެ. އެކަކު ދިހަ އަހަރު ހަގެވެ. އަނެކަކުގެ ނިޔަތެއް ނާސިފަކަށް ނޭނގެއެވެ. ކާރު ހުއްޓާނީ ކޮން މަންޒިލަކަށް ކަމެއް، ވާން މި އުޅެނީ ކިހިނެއް ކަމެއް ނާސިފަކަށް ނޭނގެއެވެ.

"ތީ ވަރަށް ރީތި ކުއްޖެއް،" ނާސިފު ބުންޏެވެ. "އެ ކަމާ ދެބަސްވާނެ އެކަކު ވެސް ހިޔެއް ނުވޭ ހުންނާނެ ހެނެއް. ތި ކަހަލަ ކުއްޖަކު ލޯބިވާން އަހަރެން މީ ކާކު؟ މީ އިންޑިޔާ. ރީތި، މުއްސަނދި ފިރިހެނުން ލައްކައިން ގުނައިލެވޭ ތަނެއް މީ. އަހަރެންގެ ސުވާލަކީ.."

އެ ވަގުތު ނާސިފަށް ފޯނެއް އައެވެ. ފޯނު ބަލައިލި އިރު އަރާފައި އޮތީ ހިބާގެ ނަމެވެ.

"މި ކޯލަށް އެބަ ޖެހޭ ޖަވާބެއް ދޭން." ފޯނަށް ބަލަހައްޓައިގެން އިން ނާސިފު ބުންޏެވެ.

"ފޯނު ނުނަގާތި!" އެލިޒަބަތު ބުނި އަޑުއިވުނެވެ.

އަޑުގައި ހުރި މަޑު ހަރުކަށި ކަމެއްގެ ސަބަބުން އެލިޒަބަތާ ދިމާއަށް ނާސިފަށް ބަލައިލެވުނެވެ. ނާސިފު ދިޔައީ ސިއްސައިގެންނެވެ. އެލިޒަބަތު އިނީ ފިސްތޯލައެއް ދިއްކޮށްގެންނެވެ. ޖޮއޭން ބުނި ވާހަކަ ނާސިފަށް ގަބޫލު ކުރެވުނީ ދެނެވެ. އެ ހިސާބުން މުޅި މަންޒަރު ބަދަލުވިއެވެ. އިރުކޮޅަކުން ފޯނު ކެނޑުނެވެ.

"ކުރިމަތީގަ ތިހިރަ ވަތްގަނޑު ދަމައިލާފަ އޭގަ ފޯނު ބާއްވާ!" އެލިޒަބަތު އެދުނެވެ. "ޕްލީޒް!"

ނާސިފު ހިތަށް އެރިއެވެ. މިއީ ވާ ދަތުރެކެވެ. އެއް ކަމުން ރަނގަޅަށް ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއް ކަމެއްގައި ހައްޔަރުވީއެވެ. އަތުން ފޯނު ދޫކޮށްލުމަކީ މޮޔަ ކަމެކެވެ. ނާސިފު ފޯނު ލީ ނާސިފުގެ ފަޓުލޫނުގެ ޖީބަށެވެ.

"އަހަރެން ބުނި އެއްޗެއް..." އެލިޒަބަތަށް ބުނެވުނީ އެ ހިސާބަށެވެ.

އެލިޒަބަތުގެ ފޯނު ރަނގަބީލު ވާން ފެށިއެވެ. ނާސިފު ހިތަށް އެރިއެވެ. އޭނަ ފޯނު ނަގާނީ ކޮން އަތަކުން ހެއްޔެވެ؟ މިއީ ރަނގަޅު ދަނޑިވަޅެކެވެ. ފުރުސަތުގެ ބޭނުން ހިފަން ވާނެއެވެ. އެލިޒަބަތު ހުންގާނުގެ ތަނަކަށް ފިތައިލުމާ އެކު ފޯނު ނެގުނެވެ.

"ސްޕީކަރަށް ލާފަ ހުރީ!" އެ ތަންކޮޅު އިނގިރޭސިން ބުނެފައި ދެން އެލިޒަބަތު ފެށީ އަރަބި ބަހުންނެވެ. ކިއި އެއްޗެއް ނާސިފު ޖެހުނީ ލަފާކުރާށެވެ. އެލިޒަބަތު ގަޑިއަށް ބެލިއެވެ. ކާރުގައި ޕެޓުރޯލު ހުރި ވަރާ ބެހޭ ގޮތުން އެއްޗެއް ބުނިހެން ހީވިއެވެ. އެއް އަތުން ހުންގާނު ހިފައިގެން އިނދެ ކާރުގެ ދުވެލި ބާރު ކުރިއެވެ. ފޯނު ބޭއްވިއެވެ.

"ކިހާ ވަރަކަށް އަހަރެން ތި ވިއްކާލަނީ؟" ނާސިފު އެހިއެވެ. އެލިޒަބަތު ޖަވާބެއް ނުދިނެވެ. "މީހަކަށް ހެޔޮކޮށް ހިތީމަ، އެހީވެދިނީމަ ތިހިރީ ކަންތައް ކުރާ ގޮތް. ކިހިނެއް އަރަބި ދަސްކުރީ؟"

ދެން ވެސް އެލިޒަބަތު އެއްވެސް ޖަވާބެއް ނުދިނެވެ. ބުނެވޭ އެއްޗަކުން ބޭޒާރު ވެދާނެތީ އޭނަ ބިރު ގަންނަ ކަހަލައެވެ.

"ދެބަފައިންގެ ބިޒްނަސްއެއްތަ ނޫނީ ޕާޓްޓައިމް ކަމެއްތަ؟" ނާސިފު ސުވާލުކުރިއެވެ.

"ތީ ވަރަށް ރަނގަޅު މީހެއް،" އެލިޒަބަތު ބުންޏެވެ. "އަހަރެން އުޅުނިން މި ކަމުގެ ތެރެއަށް ނުވަންނަން. މާނައަކީ، މި ޑީލްއަށް އެއްބަސް ނުވާން ވަރަށް މަސައްކަތް ކުރީމޭ! އެކަމަކު އެއް މިލިޔަން ޑޮލަރު އެއީ.. އަހަރެން ކީއްކުރަން އެ ހުރިހާ ތަފުސީލެއް މި ކިޔައި ދެނީ؟ މި ވަގުތަށް އެންމެ މުހިންމު ވާހަކަ ބުނަން؟ ގަދަ ނަހަދާތި! އަހަރެން ބޭނުން ވީހާ ވެސް އޮމާންކޮށް މި ކަން ނިންމާލަން. ސޮރީ ބުނަން ވެސް އެބަ ހިތަށް އަރާ!"

"ކޮންމެ ގޮތެއް ވިޔަސް އަހަރެން ދެނެއް ސަލާމަތެއް ނުވާނެއްނު!" ހިތުވިންދު އަވަސް ވެފައިވާ ނާސިފު ބުނެލިއެވެ. "އަޅެ ބުނެބަލަ! ކިހިނެއް ލިޒް ތި ކަމުގެ ތެރެއަށް ވަނީ؟ އޯކޭ! އެ ވާހަކަ ބާއްވާ! ކިހާ ވަރެއް ދީފިއްޔާ އަހަރެން ސަލާމަތް ވާނީ؟ ކިތަންމެ ބައިވަރެއް ބުންޏަސް ހެވޭ!"

ނާސިފުގެ އަޑާއި ފައި ވެސް ކުޑަކޮށް ތުރުތުރު އެޅިއެވެ. ބިރަށް ވުރެ ބޮޑަށް ނާސިފަށް ހީވަނީ ބަލި ބޮޑުވަމުން އަންނަ ކަމުގެ އަލާމަތެއް ހެންނެވެ.

"އަހަރެން ވަރަށް ދެރަވޭ ރަނގަޅު މީހުންނަށް ގޯސްކޮށް ކަންތައް ވާތީ،" އެލިޒަބަތު ބުންޏެވެ. "ތީ ބައްޕަގެ ވެސް ނުލާހިކު ގާތް ރައްޓެއްސެއް. ބައްޕައަށް މި ކަންތައް އެނގިއްޖެއްޔާ ވަރަށް ސަކަރާތްވާނެ. ކިހިނެއްތަ އަޅެ ހަދާނީ؟"

އެލިޒަބަތުގެ ހިޔާލު ބަދަލުވޭތޯ ނާސިފު ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ބައެއް ފަހަރު އެލިޒަބަތަށް ވިސްނޭހެން ވެސް ހީވެއެވެ. އެހެނަސް ނުވިސްނުނެވެ. ކޮންމެވެސް އެހެން ސަބަބެއް އޭނާއަށް ވަނީ ހުރަސް އަޅައިފައެވެ. އެއީ ފައިސާ ކަމެއް ނުވަތަ މަޖުބޫރީއެއް ކަމެއް އެލިޒަބަތު ނުބުނެއެވެ. ކާރު ގޮސް މަޑުކުރީ ފާލަމެއް ކައިރިއަށެވެ. މީހުން މަދު، ފަޅު ތަނެކެވެ. އެ ތަނުގައި ލޯންޗެއް ފުރަން ތައްޔާރު ވެފައި އޮތެވެ. އިންޖީނު ހުރީ އިސްޓާޓު ކޮށްފައެވެ. ފާލަން މަތީގައި އެކަކު، ލޯންޗުގައި ދެ މީހުން ސަމާލުވެގެން ތިއްބެވެ.

"މީގެ އެއް ދުވަސް ކުރިން އަހަރެން ކައިރީގަ މީހަކު ބުނި އެއްޗެއް އެނގޭތަ؟" ނާސިފު ބުންޏެވެ. "ލިޒްއާ ގުޅުން ކަނޑާލާށޭ! ކީއް ކުރާނީ؟ އަހަންނަކަށް އެހެނެއް ނެހެދުނު. އަހަރެންގެ ހުންނާނެ މަންމައަކާ، ބައްޕައަކާ، ކޮއްކޮއެއް. އަހަރެން ގެއްލިއްޖެއްޔާ އެ މީހުން ވަރަށް ދެރަވާނެ. ވަރަށް ހޯދާނެ. ބުނޭ އަހަރެން އެކްސިޑެންޓެއް ވެގެން މަރުވީއޭ އިނގޭ!"

އެލިޒަބަތު އެއްޗެއް ނުބުންޏެވެ. އެހެނަސް އޭނަގެ ހިތަށް ކޮންމެވެސް އެއްޗެއް އެރިހެން ނާސިފަށް ހީވިއެވެ.

"ދެން ނޭނގެ އަހަރުމެން ދިމާވާނެ ކަމެއް،" ހިތާމަވެރި ރާގެއްގައި، ހިނިތުންވެލަމުން ނާސިފު ބުންޏެވެ.

"ގުޑްބައި."

"ފައިބާ!" ރަހުމެއް ނެތް ރާގެއްގައި އެލިޒަބަތު ބުންޏެވެ.

ކިޔަމަންތެރިކަމާ އެކުގައި ނާސިފު ކާރުން ފޭބިއެވެ. އެލިޒަބަތު ކާރު ދުއްވައިލިއެވެ. ތަންކޮޅަކަށް ގޮސްފައި ހުއްޓިއެވެ. ކާރުން ފޭބިއެވެ. އޭރު ނާސިފު ގެންގޮސް ލޯންޗަށް އަރުވަނީއެވެ. އެންމެ ފަހުން ނާސިފު ދެއްކި ވާހަކަތަކުން އެލިޒަބަތަށް ވަރަށް ފުން އަސަރުތަކެއް ކޮށްފިއެވެ.

"ދެން އެލިޒަބަތު ދޭ!" ނާސިފު ކައިރީގައި ހުރި މީހަކު އިނގިރޭސިން ބުންޏެވެ. "އަހަރުމެން އޭނަޔާ ހަވާލުވެއްޖައީމޭ!"

ނާސިފު ބަލައިލި އިރު އެލިޒަބަތު ހުއްޓިގެން ނާސިފުއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނާސިފު ކުރިޔަށް ހިނގައިގަތެވެ. ކުއްލިއަކަށް އިވުނީ ބަޑިޖަހަން ފެށި އަޑެވެ. ނާސިފު ހެދީ ފިލްމުތަކުން އާންމުކޮށް ފެންނަ ގޮތެވެ. ބިންމަތީގައި ބަންޑުން އޮށޯތުމެވެ. އަޑުފައްގަނޑު ކެނޑުނެވެ. ހަމަހިމޭންކަން ފެތުރުނެވެ. އިރުކޮޅަކު އޮތުމަށް ފަހު ނާސިފު ބޯ ހިއްލައިލިއެވެ. ވަށައިގެން ބަލައިލިއެވެ. ދިރިހުރި މީހަކު އެ ތާކު ނެތެވެ. ލޭގެ ކޯރެއް ތެރޭގައި އެލިޒަބަތު ވެސް ހަރަކާތެއް ނެތިފައި އޮތެވެ. ވީ ކިހިނެއް ކަމެއް ނާސިފަކަށް ނޭނގެއެވެ. ހިރެމުން ފިރުކެމުން ކަހަލަ ގޮތަކަށް ތަންކޮޅަކަށް ގޮސްފައި، ތެދުވެގެން ދުއްވައިގަތީއެވެ. ނާސިފު ހިތަށް އެރިއެވެ. އޮތަސް މަރެވެ. ތެދުވިޔަސް މަރެވެ. ކޮންމެހެން ފުލުހަށް ގުޅައިގެން މަޅިއެއްގައި ބެދޭކަށް ނާސިފު ބޭނުމެއް ނޫނެވެ. އަތުގައި ފޯނު އޮތުމުން، ފަސޭހަކަމާ އެކު ޓެކުސީއެއް އަތުޖެހުނެވެ.

ހެނދުނު ހުރިހައި ނޫހެއްގައި އޮތީ އެ ވާހަކައެވެ. އެ ކަމާ ގުޅުން ހުރި އިތުރު ބަޔަކު އިންޑިޔާގައި އުޅޭތޯ ފުލުހުން ބަލަން ފެށި ވާހަކަ ވެސް އޮތެވެ. ނަސީބަކުން އެ ހާދިސާ ހިނގި ތަނަކީ އެއްވެސް ކެމެރާއެއް ފާރަލާ ތަނެއް ނޫނެވެ. ނޫސްތަކުން އެ ނޫހަކަށް ފެނުނު ގޮތަކަށް ވާހަކަ ބަދަލުކޮށް، ފުރޮޅައިގެން ލިޔުނީއެވެ.

ނާސިފަށް އޮތް ހަމަ އެކަނި ބިރަކީ، އެލިޒަބަތުއާ އެކުގައި ނާސިފަށް އެކި ތަންތަނުގައި އުޅެވިފައި ވުމެވެ. ކޮންމެވެސް ކެމެރާއަކަށް ދެ މީހުން އެކުގައި ފެނި، ރިކޯޑު ވެފައި އޮތުމެވެ. ކޮންމެ ވަގުތަކު ވެސް ނާސިފު ހޯދަން ހޮޓަލަށް ނުވަތަ ކުލާހަށް ފުލުހުން އަތުވެދާނެހެން ނާސިފަށް ވަރަށް ހީވިއެވެ. މީހަކު ލޮލުގެ ކުޑަކޮޅުން ބަލައިލިޔަސް ނާސިފު ހީކުރަނީ އެ މީހަކަށް ނާސިފު އެނގުނީ ކަމަށެވެ. ވަގުތުން އަނެއް ކޮޅަށް އެނބުރެއެވެ. ރެސްޓޯރަންޓުގައި ސައިބޯން އިން އިރު ވެސް ނާސިފު އިނީ އެ ތާކު ނޫނެވެ. ކުރިމަތީގައި އިން ހިބާ އިނީ ޓީވީއަށް ނަޒަރު ހުއްޓައިލައިގެންނެވެ. ޓީވީގެ އަޑު ހުރީ ކަނޑައިލަފައެވެ. ލިޔުންތައް އަރަނީ އިނގިރޭސި ބަހަކުން ނޫނެވެ.

"އެ ގާލް ހާދަ ފެމިލިއަރހެން ހީވެޔޭ!" ހިބާ ބުންޏެވެ.

ހިބާއަށް އެލިޒަބަތު ފެނުނީ ނާސިފަށް ވީޑިޔޯ ކޯލު ކުރި ފަހަރުއެވެ. އެ ހަނދާންވާ އިރަށް ނާސިފުއާ ހިބާ ސުވާލު ކުރާނެއޭ ނާސިފު ހިތަށް އެރިއެވެ. އޭގެ ކުރިން އެ ވާހަކަ ބުނަން ނާސިފު ނިންމިއެވެ.

"ހޭ ވެއިޓް! އެއީ ނާސިފުގެ ފްރެންޑެއްނު!" ހިބާ ބުންޏެވެ. (ނުނިމޭ)

8 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސސސއ

08 June 2025

ބިންމާބެ ދެން ހިނގާ ދޯ ނިންމަން ހިފަމާ.. ހިބާގެ ފިސްތޯލައިން ނާސިފު މަރު ނުވަނީސް...

The name is already taken The name is available. Register?

2025

08 June 2025

ކަލޯ ބިރެއް ނުގަނޭތަ އަދިވެސް ކޮފީތަކުގަ މާލެ އަންނަން ހިތައްވެސްނާރާ...... ބޮއިހަލަކި

The name is already taken The name is available. Register?

މޮޔަވެދާނެ

08 June 2025

ފޫހިވެއްޖެ ނިންމާލަން އުޅޭ ދެން

The name is already taken The name is available. Register?

ޑެބީ

08 June 2025

ބިންމާގެ ފުރަތަމަ ރޮމޭންޓިކް އެކްޝަން ތްރިލާ ވާހަކަ. ނަމަނަމަ މިއުޅޭ ސީޒަން ނޫނީ ޔޫއްޕެއާ ހަވާލު ނުކުރާތި މިވާހަކައަށް ފިލުމެއް ހަދަން. ހަދާނިމޭއިރު އިންނާނީ ރޮމޭންޓިކް ކޮމެޑީ ރަޖުނީކާންތު ފެންޓަސީ ފިލުމަކަށް ބަދަލުވެފަ.

The name is already taken The name is available. Register?

ކކކކ

08 June 2025

ތިވަރު ބޮޑެތި ކަންކަން ހިނގީމަ ވެސް ގޮސް ރެސްޓޯރަންޓުގަ ސައިބޯންތަ އިންނަނީ. މަނަމަ ވަގުތުން އަންނނީ

The name is already taken The name is available. Register?

ކޮސްވެއްޖެ

08 June 2025

މި ދެން ހަމަ ކަސޯޓީ އެއްނު. ހަމައެއް ނުޖެހޭ. ދެން އަނެއްކާ ޖޮއޭނު އަތުވެދާނެ. ހިބާ ވެސް ތި ނާސިފު ފަހަތުން ނުދުވެ އެކޮއި ސަލާމަތުން ދެވޭތޯ ބަލާ.

The name is already taken The name is available. Register?

ހަސަނާހާ

08 June 2025

ބޮންޑު. ނާސިފު ބޮންޑު ފިރިން ޓެމޫ

The name is already taken The name is available. Register?

ސަސި

08 June 2025

ދެން ބާކީ ހުރީ ހިބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454