15 ޖޫން 2025 - 06:58
(ބުދަ ދުވަހާ ގުޅޭ)
"ނޯނޯނޯ!" ހިބާ ވަރަށް ސީރިޔަސް ވެފައި ބުންޏެވެ.
ނާސިފު ފުރަތަމަ ހީކުރީ ހިބާ ސަމާސައަކަށް ބުނި އެއްޗެއް ކަމަށެވެ. އިރުކޮޅަކުން ހީނގެންފައި ޔޭސްޔޭސްޔޭސްއޭ ބުނާނެ ކަމަށެވެ. އެއީ ހިބާގެ މިޒާޖުގައި ހުންނަ ކަމެކެވެ. އެހެނަސް އެހެނެއް ނުބުންޏެވެ. އެހެން އެއްޗެއް ވެސް ނުބުންޏެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި، ބަންދުވެފައިވާ ކާރެއްގެ ތެރޭގައި، ފުންމިން ނޭނގޭ ހަމަހިމޭންކަމެއްގެ ތެރޭގައި ދެ މީހުން މަންމަން ވެފައި ތިބީއެވެ. ވޭތުވި ކޮންމެ ސިކުންތަކީ، ނާސިފުގެ ލޯތްބަށް ހަގީގަތުގައި ވެސް ހިބާ އިންކާރު ކުރިކަން ނާސިފަށް ކަށަވަރުވި ސިކުންތެކެވެ. އެކަމަކު ވެސް ނާސިފަކަށް އެ ހަގީގަތް ގަބޫލެއް ނުކުރެވުނެވެ.
ނާސިފު ހަނދާން ވަނީ ނާސިފުގެ ކޮޓަރިއަށް ހިބާ އިރުއިރުކޮޅާ އަންނަ އައުމެވެ. ދެ މީހުން އެކުގައި ނެގި ސެލްފީއެވެ. ހިބާގެ މަންމައަށް ނާސިފު ތައާރަފުކުރި ކުރުމެވެ. ނާސިފުގެ ކޮޓަރީގައި ހިބާ ނިދި ރެޔާއި އެކި ކަހަލަ ހެދުން ލައިގެން ނާސިފުގެ ކުރިމައްޗަށް އައި އައުމާއި ދަތުރުގެ ފުރަތަމަ ދުވަހުން ފެށިގެން ހިބާ ބެހެއްޓި ގާތްކަމެވެ. ބަލިވުމުން ވެދިން އެހީތެރިކަމެވެ. ނާސިފުއާ ނުލައި ނޭވައެއް ވެސް ނުލެވިގެން ހިބާ އުޅުނު އުޅުމެވެ. އެ އިން ކޮންމެ ހާދިސާއެއް، ކޮންމެ ހަރަކާތެއް، ކޮންމެ އިޝާރާތެއް އަޑުވީއްލައި ގޮވަމުން ދިޔައީ އެކައްޗެވެ. ލޯތްބެވެ. ލޯބިވެރިޔަކަށް މެނުވީ އެ ވަރުގެ އިތުބާރެއް އަންހެންކުއްޖަކު ނުކުރާނެއެވެ. އެއީ ނާސިފަށް ކުރެވުނު ކުށްހީއެއް ނޫނެވެ. އެ ސުވާލުތައް ކުރަން ނާސިފު ބޭނުންވިއެވެ.
"އެކްގިއުޒް މީ ސަރ!" ޑުރައިވަރު ބުނި އަޑު އިވުނެވެ. "ޓެކްސީ!"
ނާސިފު ބަލައިލި އިރު އެހެން ކާރެއް ވަރަށް ކައިރިއަށް މަޑުކޮށްފައި އޮތެވެ. އެކަމަކު ހިބާއާ އެކުގައި ދެނެއް ނާސިފެއް ނުދާނެއެވެ. އެ އަށް ވުރެ، ތެމިގެން ގަޑިއެއްހައި އިރު ހިނގިޔަސް، ދެވޭ ނުދެވޭ ތަނެއް ނޭނގިގެން އިންޑިޔާއަށް ގެއްލުނަސް ނާސިފުގެ ހިތަށް މާ ލުޔެވެ. ލޯތްބަށް އިންކާރު ކުރަން ޖެހުނީތީ ހިބާއަށް ކުރި އަސަރު ވެސް ކުޑައެއް ނޫނެވެ. ދެން ވެސް، ނާސިފުއާ އޮތް ގާތް ކަމަށް ބުރުލެއް އަރާކަށް ހިބާ ބޭނުމެއް ނޫނެވެ. ފުރުސަތެއް ދީފި ނަމަ، އިންކާރު ކުރަން މަޖުބޫރުވި ސަބަބު ކިޔައިދޭން ހިބާ އިނީ ތައްޔާރަށެވެ.
"ހިނގާ ދަމާ!" ބެދިފައިވާ އަޑަކުން ހިބާ ބުންޏެވެ. "އެހެން ނޫނީ މާ ބޮޑަށް ބަލި.."
"ހިބާއަށް ކީއް؟" ހިތްހަމަނުޖެހިފައި އެކަމަކު މަޑުމަޑުން ނާސިފު ބުންޏެވެ. "އަހަރެން ބަލިވިޔަސް، މަރުވިޔަސް ހިބާ ނުޖެހޭ އެ ކަމާ ވިސްނާކަށް. އަހަރެންނަށް ދެވުނު ގޮތަކަށް ހިނގައިދާނަމޭ! އެ އޮތީ ޓެކްސީ. އަރައިގެން ދޭ!"
"އޭރުން ނާސިފު.." ހިބާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަންނަށް ތި ވަރަށް ކެއާ ކުރަން ހިބާ ތީ އަހަރެންގެ ކާކުހޭ؟" ތަންކޮޅެއް ބާރަށް ނާސިފު އެހިއެވެ.
ނާސިފު ދެން ވާހަކަ ދެއްކީ ޑުރައިވަރާއެވެ. އިނގިރޭސި ބަހުންނެވެ. "އަދި އެއް ޓެކްސީ ގެނޭ!"
"ސޮރީ ސަރ!" ޑުރައިވަރު ބުންޏެވެ. "ނޮޓް ޕޮސިބަލް!"
"ދެން ހިނގާ!" ހިބާ އެދުނެވެ. "ކުޑަކުއްޖެއްހެން ބޮޑާނަހާކާ!"
"ކޮން ނޮޓް ޕޮސިބަލްއެއް؟" ނާސިފު ހަޅޭއްލަވައިގަތެވެ. "ގުޅައި ވެސް ނުލާ، ބަލައި ވެސް ނުލާ ކިހިނެއް ކަލެއަށް އެނގެނީ ޕޮސިބަލް ނޫންކަން؟ ހަމަ މިހާރު ގުޅާ!"
ބޮޑުބައި ދިވެހިން ބުނުމުން ބިދޭސީއަކަށް ނުވިސްނޭނެ ކަމެއް ނާސިފަކަށް ނުވިސްނުނެވެ. ވާނުވާ އެނގޭ ވަރަށް ވުރެ ނާސިފުގެ ހިތަށް ކޮށްފައިވާ އަސަރު މާ ބޮޑެވެ. ގަޔާވި ތިން މީހުން އެހައި ކައިރިކައިރީގައި ގެއްލުނީމައެވެ. ހުރިހައި ކޮޅަކުން ނާސިފަށް ކޮޅުކެހި ލިބުނީމައެވެ.
"އަހަރެން ދެކެ އައި ރުޅި އޭނައަށް ބާލަނީ ކީއްކުރަން؟" އިސްޖަހައިލައިގެން އިނދެ، މަޑުމަޑުން ހިބާ ބުންޏެވެ. "ރޫމަށް ގޮސް އަހަންނާ ދިމާއަށް ނާސިފު ބޭނުން އެއްޗެއް ކިޔާލާ! އަޑުއަހަން އިންނާނަމޭ! ދެން ހިނގާ ދާން. ޕްލީޒް!"
ނާސިފު އެއްޗެއް ނުބުނެ އިނެވެ. ރުޅިގަނޑު ކޮންޓުރޯލު ކުރެވޭނެ ކަމާ މެދު ނާސިފަށް ޝައްކެވެ. ރުޅި އެކަންޏެއް ނޫނެވެ. އަންހެންކުއްޖެއްގެ ކުރިމަތީގައި އިނދެފައި ހުށައެޅި ލޯތްބަށް އެ ކުއްޖާ އިންކާރު ކުރުމުން ގަތް ލަދު ވެސް، ހުއްޓައިނުލައި ނާސިފަށް މަލާމާތް ކުރިއެވެ. ނާސިފުގެ ހިތް ގޮވަމުން ދިޔައީ ހިބާޔާ ދުރަށް ދާށެވެ. ދުވަހަކު ވެސް ހިބާގެ ކުރިމައްޗަށް ނާންނާށެވެ.
"ހިނގާބަލަ ރޫމަށް ގޮސް ވާހަކަ ދައްކަން!" ހިބާ އެދުނެވެ.
"ވާހަކަ ދައްކާށޭ؟" ނާސިފު ރުޅި އައިސްފައި ބުންޏެވެ. "ތީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށް. ހީވަނީކަން ނޭނގެ ތިމާއަކީ މާ ރީތި މީހެކޭ! އަހަންނަށް ނޯ ބުނެފަ، އެ ވާހަކަ އެންމެން ކައިރީގަ ދައްކާލާ ހިތުން ހިބާއަށް މިރޭ ނުވެސް ނިދޭނެ. އަހަންނަށް ހެވޭ! ދައްކަބަލަ! ނޫހުގަ ވެސް ޖަހާތި!"
އެހެން ބުނެފައި ދޮރު ހުޅުވައިފައި ވާރޭގަނޑު ތެރެއަށް ނާސިފު ނުކުތެވެ. ނާސިފުގެ އަތުގައި ހިބާ ހިފުމުން ނިކަން ބާރަށް ނާސިފު އަތް ހޫރުވައިލިއެވެ. ދެނެއް ފަހަތެއް ނުބަލައެވެ. ދިޔަ ގޮތަށް މަގު ހުރަސްކޮށްލިއެވެ. ކާރުގެ ދޮރު ހުޅުވައިގެން އެތައް އިރަކު ހިބާ ގޮވިއެވެ. އެންމެ ފަހަރަކު ވެސް ނާސިފު ފަހަތެއް ނުބަލައެވެ. އެ ހިސާބުން ހިބާ ވެސް ކޮންމެވެސް ވަރަކަށް ރުޅިއައެވެ. ދެރަ އާއި ރުޅި ބައްދަލުވުމުން ހިބާއަށް ފާޑެއްގެ ހިތްވަރެއް ލިބުނެވެ. ކާރުން ފައިބައިގެން ގޮސް އަނެއް ކާރަށް އެރިއެވެ. އޭރު ނާސިފުގެ ހިޔަނި ވެސް ފެންނާކަށް ނެތެވެ.
ވާރޭ ހައްތަހާ ބޯކުރިއެވެ. ގުގުރައިވިދިއެވެ. ހިބާ އިރުއިރުކޮޅާ ނުކުމެ ނާސިފުގެ ކޮޓަރި ބަލައިލައެވެ. ނާސިފުގެ ހިލަމެއް ނުވެއެވެ. ހިބާ ގުޅުމުން ނާސިފު ފޯނު ނުނަގާނެކަން އެނގި ހުރެ، އެތައް ފަހަރަކު ނާސިފަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. ނާސިފަށް ދެރަ ގޮތެއް ވެއްޖެއްޔާ އެ ޒިންމާ ބޮލުގަ އަޅަން ހިބާ ތައްޔާރެވެ. އެހެނަސް އެއީ ކުށެއް ކަމަކަށް ހިބާ ނުދެކެއެވެ. ހިބާގެ ނަޒަރުގައި، ކަން އޮތް ގޮތަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެވެ. އެ ކަމާ މެދު ހިތްހަމަޖައްސާލައިގެން ހިބާ ނިދީއެވެ.
ހެނދުނު ނާސިފު ސައިބޯކަށް ނާދެއެވެ. ވީމާ ހިބާއަކަށް ވެސް ސަޔެއް ނުބޮވުނެވެ. ހިބާ ހޮޓަލުގެ ރިސެޕްޝަނަށް ގޮސް މޮޅު ވާހަކައެއް ހަދައިލައިގެން، ހޮޓަލުގެ މީހަކު ލައްވައި ނާސިފުގެ ކޮޓަރި ހުޅުވިއެވެ. ކުރިން ވެސް އެ ގޮތަށް ދޮރު ހުޅުވައިގެން މައްސަލައެއް ޖެހިފައި ނުވާތީ ހޮޓަލުން ދެވަނަ ފަހަރަށް ވެސް އެ ކަން ކޮށްދިނީއެވެ. ހިބާ ވަން އިރު ނާސިފު އޮތީ އެނދުގައެވެ. ހީކަރުވައި، ހުން އައިސްފައެވެ. ރަޖާގަނޑު ދަށުގައި އޮތް އިރު ވެސް ނާސިފު ތުރުތުރުއަޅައެވެ.
"ނާސިފު!" ހިބާ ގޮވައިލިއެވެ.
ނާސިފު ކުޑަކުޑަކޮށް ލޯ ހުޅުވައިލިއެވެ. ތެދުވާނެ ހިތްވަރެއް ނެތެވެ. އެ ހާލުގައި ވެސް ހިބާގެ އެހީއެއް ނާސިފު ބޭނުމެއް ނުވިއެވެ.
"ހިބާ.. ނު.. ނުކުމޭ!" ނާސިފު ބުންޏެވެ. "ދެން މި ރޫމަށް ނުވަންނާތި!"
ހިބާ އެ އަޑެއް ނާހައެވެ. ކޮޓަރީގެ އޭސީ ނިއްވައިލިއެވެ. ސައިގެނުވިއެވެ. ހިބާގެ ކޮޓަރިއަށް ގޮސް ޕެނަޑޯލު ހިފައިގެން އައެވެ. ފާހާނައިން ކުޑަ ތުވާއްޔެއް ތެންމައިގެން އައިސް ނާސިފުގެ ނިތްކުރި މަތީގައި ބޭއްވިއެވެ.
"ގޮތް ދޫނުކުރިޔަސް ބޮޑުވަރު،" ހިބާ ބުންޏެވެ. "ތުންދަމާފަ ނުކުމެގެންދިޔަ އިރު ނުވިސްނޭ ތިމާގެ ފެންވަރެއް. ސައިބޯން ތެދުވޭ! ސައިބޮއި، ބޭސްކައި.. ގައިގަ ވަރުޖެހުނީމައެއްނު އަހަންނާ ދިމާއަށް ހަޅޭއް ވެސް ލެވޭނީ. ތެދުވޭ ސައިބޯން."
"ނުބޯނަން.. ސަޔެއް!" ނާސިފު ބުނެލިއެވެ.
ނިތްކުރި މަތީގައި އޮތް ރުމާ އެއްލައިލާފައި ނާސިފު ބިއްދޮށަށް އެނބުރުނެވެ.
"ބޮވޭނެ،" އަތުގައި ހިފައި ނާސިފު ނަގަމުން ހިބާ ބުންޏެވެ. "ކުރަން ނުވާ ކަންކަން ކުރެވޭ އިރު ކުރަންޖެހޭ ކަންކަން ކީއްވެ ނުކުރެވޭނީ؟ ވައިފެއް، ކިޑެއް، ފެމެލީ މީހަކު ހުރީއަކީ ނޫން. ހުރީ އަހަރެން. ފޫހި ހިބާގަނޑު. ދެން ކޮން ރުޅިއެއް އައިސް، ބޮޑައެއް ހާކާކަށް. ތީ މަގޭ ބޭބެތަ؟ ބޭބެ ވެސް ހަމަ ތިހެން ބޮޑާހާކާނެ. މިއަދު ދެން ކްލާހަށް ދާނެ ކަމެއް ނެތް. ރެސްޓް ކުރޭ!"
"ތީ މަގޭ.. މަންމަތަ؟" ނާސިފު ވެސް ރައްދު ދެވޭތޯ ބެލިއެވެ. "އަހަންނާ ހެދި ކޮންމެހެން.. ހިބާގެ ކްލާސް.. ކްލާސް ކަޓުވާނެ ކަމެއް ނެތް. ހިބާގެ އެއްވެސް.. ފޭވަރއެއް އަހަރެން ބޭނުމެއް.. ނޫން. ލީވް މީ އެލޯން."
ނާސިފު ދައްކާ ވާހަކައަށް ބެލުމެއް ނެތި ސޭންޑްވިޗުން އެތިކޮޅެއް ހިބާ ނައްޓައިލިއެވެ. ނާސިފުގެ އަނގަޔަށް ލަވަން އުޅުނެވެ. ވަރަށް ހިތްވަރު ކޮށްފައި ނާސިފު އެ އަތުގައި ޖަހައި ޕާންކޮޅު ވިއްސައިލިއެވެ. ހިބާ ފުންނޭވައެއް ބޭރުކޮށްލާފައި އަނެއްކާ ވެސް ޕާންކޮޅެއް ނަގައި ދިއްކޮށްލިއެވެ. ދެވަނަ ފަހަރު ވެސް ނާސިފު ކަންތައް ކުރީ އެހެންނެވެ. ތިންވަނަ ފަހަރަށް ހިބާ ޕާންކޮޅެއް ދިއްކޮށްލިއެވެ. އެ ފަހަރު ޖަހާކަށް ނާސިފަކަށް ނުކެރުނެވެ. ފުސްމޫނުހަދާފައި އިނީއެވެ.
"ކީއްވެ ނުޖެހީ؟" ހިބާ އެހިއެވެ. "ޖަހާޖަހާ! ކުރިޔަށް ވުރެ ބާރަށް ޖަހާ! އަހަންނަށް އަނިޔާ ކޮށްގެން ނާސިފު އުފާ ވަންޏާ އެ ކަން ވެސް ކޮށްފަ ބަހައްޓާ! އަތުގަ ދަތް އަޅަންވީނު؟ އަތް އަނބުރައިލަންވީނު؟ ތީ ފިރިހެނެއް. ނޯ ގަބޫލުކުރަން ބޭނުން ނުވަންޏާ އަހަންނަށް ގޮތްގޮތް ހަދާލަންވީނު. އަހަރެން މަރާލާ! އޭރުން ހިތްހަމަޖެހޭނެ."
"އަހަރެން... ބަލިވެފަ އޮއްވާ އަހަންނަށް.. ބަވަންތަ ތި އައީ؟" ކުކުރަމުންމުގުރަމުން ނާސިފު ބުންޏެވެ.
ނާސިފު ގޮތްދޫކޮށް، ޕާންކޮޅެއް ކައިލިއެވެ. ދެން ހިބާ ދިން ރޮށިކޮޅާއި މަސްކޮޅު ވެސް ކައިލިއެވެ. ކަރުގައި ރިއްސާ ވަރުން އެ ދިރުވާލާކަށް ފަސޭހައެއް ނުވިއެވެ.
"ބަވާ ވަރު ކުޑައެއްނު!" ހިބާ ސައިޖޯޑު ދިއްކޮށްލަމުން ބުންޏެވެ. "ހޫނުވާނެ. ބީ ކެއާފުލް!"
ނާސިފު އުޅުނީ ވިސްނައިގެން ސައިފޮދެއް ބޯށެވެ. އެކަމަކު، ހީކުރި ވަރަށް ވުރެ ހޫނުކަމުން ސިއްސައިގެންދިޔައެވެ.
"ތުން ފިއްސާލީ!" ހިބާ ބުންޏެވެ. "ދައްކަބަލަ!"
ނާސިފު ދެ ތުންފަތް އެތެރެއަށް ވާ ގޮތަށް ލައްޕައި ތައްބެއްދިއެވެ. ދެން ފެނުނީ ލޮލުން ކަރުނައެއް ފޭދުނު ތަނެވެ.
"އަޅެ ދެން.." ހިބާ ބުނެލިއެވެ.
ހިބާ އުޅުނީ ނާސިފުގެ ކަރުނަ ފުހެދޭށެވެ. ނާސިފު މަޑުމަޑުން ހިބާގެ އަތް ދުރުކޮށްލިއެވެ.
"ހިބާއާ ފޭސްކުރަން މިހާރު އަހަންނަށް ވަރަށް އުނދަގޫ!" ނާސިފު މަޑުމަޑުން ބުންޏެވެ. "ސީރިޔަސްކޮށް. ޖަސްޓް ލީވް މީ އެލޯން."
"ނުދާނަން،" ހިބާ އިންކާރު ކުރިއެވެ. "ތިހާ ބަލިވެފަ އޮއްވާ ނުކުރޭނެ ދާކަށް."
"ކީއްވެހޭ އަހަންނަށް ތިހާ ކެއާރ ތި ކުރަނީ؟" ހިބާއާ ދިމާއަށް ފުންކޮށް ބަލައިލަމުން ނާސިފު އެހިއެވެ.
"ބުނެބަލަ! އަހަންނަށް ހަމަ ނޭނގިގެންނޭ މި އެހީ."
"ކީއްވެ އަހަރެން ދެކެ ލޯބިވީ؟" ހިބާ ވެސް ކުރީ ސުވާލެކެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބާ
15 June 2025
ބަލަ ނާސިފު އުޅެނީ މީހަކާ އިނދެގެނެއްނޫންތަ، ދެއަތްބަށް ނީނދެވޭނެ ކިތައްމެ ބޭނުންވިޔަސް. ހީހީހީ
ޑެބީ
15 June 2025
ނަސީބު ތީގެން އެއްވެސް ކުއްޖެއް ނާސިފަށް ނުލިބުނުކަން. 30 އަހަރުވިޔަސް ނާސިފު ބޮޑެއްނުވޭ. އުޅޭގޮތުން ހީވަނީ ބާލިގުނުވާ ކުޑަކުއްޖެއްހެން. ހިބާ ހަމަ ރަނގަޅު ނޯނޯނޯ ބުނަން. ޑެބީގެ ސަޕޯޓް ހިބާއަށް އޮންނާނެ.
ޔޫކޭ
15 June 2025
އެހިސާބަށް ބުނިތަނާ ރޫމު ތެރެޔަށް ކޮޕުންވާއްޓާލައިފިއެވެ. ނާސިފުގެ ދެ އަތުގައި ބިޑި އަޅުވައިގެން އުފުރާލާއިގެން ގެންގޮއްސިއެވެ.
ހަހަަހަހަހަހަ
15 June 2025
މަ ހީކުރީ ހިބާ ނާސިފުގެ ބިޑިއެޅުވީކަމަށް....... :ޕ
2025
15 June 2025
ކަލޯގަޔާ..... ޔޭ ☝️8:22....ބޮއިހަލަކި
ބިންމާފޭންގާރލް
15 June 2025
ކީއްވެގެންހޭ ބިންމާ މި ވާހަކަ ނިންމަން ނޫޅެނީ... ކިޔުންތެރިންވެސް ކޮށްލީ ސުވާލެކެވެ.
ސަސި
15 June 2025
ރައިވެރިއާގެ ދައިއަށްވެސް ތިނެތިން އެކަތި ނުލިބޭފަަހަރުވެސް އަތުވެދާނެދޯ.