16 ޖޫން 2025 - 21:03
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ އަހަރު ބަލައިގަތް އާމްދަނީގެ 98.9 ޕަސެންޓު ބަލައިގެންފައިވަނީ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.
މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މީރާއަށް ޖުމްލަ 28.1 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.
އޭގެތެރޭގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ބަލައިގަތް 22.77 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.33 ބިލިއަން ރުފިޔާ އެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދަކީ، މިދިޔަ އަހަރު ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ 9.7 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއީ 2023 ވަނަ އަހަރު ލިބުނު ވަރަށް ވުރެ 10.5 ޕަސެންޓު އިތުރު އަދަދެއް ކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޓެކްސް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު ވަނީ 16 ޕަސެންޓަށް ބޮޑުކުރުމާއި، މިދިޔަ އަހަރު ޓެކްސް ކުރެވުނު މުއްދަތުގައ،ި ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު 8.76 ޕަސެންޓުން އިތުރުވުން ވެސް ހިމެނެ އެވެ.
މީގެއިތުރުން، 2023 ވަނަ އަހަރާ އަޅައިބަލާއިރު، މިދިޔަ އަހަރުގެ ޓެކްސް ކުރެވުނު މުއްދަތުގައ،ި ޓެކުހާ ނުލައި ރިޕޯޓުކޮށްފައިވާ ޖުމުލަ ސޭލްސްގެ މިންވަރު ވަނީ 3.6 ޕަސެންޓު އިތުރުވުމާއި، ޓެކުހާ ނުލައި ރިޕޯޓު ކޮށްފައިވާ ޓެކްސް ބިނާކުރެވޭ ސޭލްސްގެ މިންވަރު 3.9 ޕަސެންޓު އިތުރުވުން ހިމެނެ އެވެ.
އަދި މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި ރިޕޯޓުކޮށްފައިވާ މިންވަރު 2023 ވަނަ އަހަރާ އަޅައިބަލާއިރު ފަސް ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ، މިދިޔަ އަހަރަށް ލަފާކުރި މިންވަރަށް ވުރެ 38.5 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
17 June 2025
ކޮބާހޭ އެލާރިތައް؟
މުސްނިދު މުހައްމަދު
17 June 2025
އުފާވޭ ދައުލަތަށް ފައިސާ ވަންނާތީ.
ތިބިޔާން މުހައްމަދު
17 June 2025
ގައުމުގެ އިގްތިސާދު މިދަނީ ހަމަޔަކަށް އެޅެމުން. ކަންކަން މިދަނީ ހަމަޔަކަށް އެޅެމުން. ދެން ދާނީ ރަނގަޅަށް.
ސައްހާފް
17 June 2025
މިކަމުން ދެހަވަނީ ޤައުމުގެ ޑިޖިޓަލް ލިޓްރަސީ ވަރަށް މަތިކަން. ދެން ބަލަން ޖެހެނީ އެ ލިޓްރަސީ އަކީ ޕްރޮޑަކްޓިވްކޮށް ބޭނުންކުރެވޭ އެއްޗަކަށް ހަދަން. އެހެންވެއްޖެ ނަމަ މާބާރަށްވެސް އަޅުގަނޑުމެން ކުރިއަރާދާނެ. މާސް މީޑިއާ އާއި ޓެކްނޮލިޖީގެ ހާދަ ކުޅަދާނަކުދިން ހަމަ އެކަނި ޓިކްޓޮކް ކުޅެލަކުޅެލާ އެބަތިއްބޭ. އެކުދިން އެކަންވެސް ކުރަންވީ އެކަމަކު އެއާއި އެއްމިންވަރަށް ހުނަރު އެހެންދިމަދިމާލުންވެސް ބޭނުންކުރަންވީ. މީރާގެ ސިސްޓަމް ވަރަށް ސަޅި އަސްލު
ލީނާޒް
17 June 2025
މީރާއިން ތިކުރާ މަސައްކަތަށް އައްސަރިބަހާސާބަސް. މިދަތި ދުވަސްތަކުގަ މީރާއިން ކުރާމަސައްކަތުން ގައުމު މިހިފަހައްޓަނީ.