އިސްލާމިކް މިނިސްޓަރު ޝަހީމް: ކައުންސިލަރުންނަށް ހާއްސަ ޚަތީބުކަމުގެ ޕްރޮގްރާމުގައި ބައިވެރިވާން މިނިސްޓްރީން ވަނީ ހުޅުވާލާފައި..- ފޮޓޯ: މިނިސްޓްރީ
17 ޖޫން 2025 - 10:40
ޚަތީބުން ތަމްރީން ކުރަން ކުރިއަށް ގެންދާ ޕްރޮގްރާމްގައި، 50 ކައުންސިލަރުން ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، މިއީ، ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީންގެ ފުރަތަމަ ބުރު ކަމަށެވެ. މި ބުރުގައި 50 ޖާގައަށް ފުރުސަތު ދޭނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުކުރު ކުރުމާއި ޚުތުބާ ކިޔުމުގެ ހުއްދަ ލިބޭ މި ކޯހާ ގުޅޭ ގޮތުން، އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި އިއުލާނުގައި ބުނީ 15 ހަފްތާއަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ފިރިހެން ކައުންސިލަރުންނަށް އެކަނި ކަމަށެވެ. އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާނީ ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 އަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޯހަށް ހޮވުމުގައި ބަލާނީ ގުރުއާން ފަރިތަކަމާ އެކު ކިޔަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ކިޔުމުގެ ފަރިތަ ކަމަށެެވެ.
ޕްރޮގްރާމުގައި ބައިވެރިވާން ސީވީ އާއި އައިޑީކާޑު ފަދަ ތަކެތި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ 1:00 ގެ ކުރިން ކަމަށް މިނިސްޓްރީން ބުންޏެވެ.
ކައުންސިލަރުންނަށް ޚާއްސަ ކޯހެއް ފަށަން ނިންމިއިރު، ޒުވާން ޚަތީބުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން އަންނަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. މިހާތަނަށް 400 އަށް ވުރެ ގިނަ ކުދިން ފުރިހަމަކޮށްފައިވާ އެ ޕްރޮގްރާމަކީ ސްކޫލު ނިންމާފައި ތިބޭ ކުދިންނަށް ޚުތުބާ ކިޔުމާއި ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.
ޚަތީބުންނާ އެކު ހާފިޒުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެ އެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުމެވެ. ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟިރުގާމު
17 June 2025
ކޮންމެވެސް އެއްޗެކޭ ކިޔާފަ ސަހީމު ފޮޓޯ ނޫހުގަ ޖެހޭތޯ އޭނަ ބަލާނެ! ޙާދަވަރަކަށް ޖާހު ބޮޑުކުރަން އުޅޭ މިހެކޭމީ
ކޮރަލް
17 June 2025
ވ ދެރަ ކަމެކެވެ. ވަގުތާއި ފައިސާ ތަކެއް އިސްރާފް ވަނީ އެވެ. ހަތީބް ކަމުގެ ސަނަދު ނެތް މީހުންނަށް ކައުންސިލް ތަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ވީ އެވެ. މަޖްލިސް މެމްބަުންނަށް ވެސް ގާނޫނު ކިޔަވާ ދޭ ވާހަކަ އަޑު އެހީމެވެ. ގާނޫނު ނޭނގޭ ބަޔަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ވީ އެވެ.
ބާރަށު މީހާ
17 June 2025
ބާރަށު ކައުންސިލް ގައި ނެތް ތިޔައް ކުފޫ ހަމަވާ ކައުންސިލަރެއް. އެހާވެސް ކިޔަވައިގެން ތިބި މީހުން ތިބީ!
އުސްމާނުބެ
17 June 2025
ދެންމާދަން ތާކުން ނުޖެހޭ މީހުން އިމާމުންނައްވެގެން އެމީހުންގެ ފަހަތުގައި ނަމާދު ކުރަންކީ ، ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ހައްދެއް އޮންނަންވޭނެ
ކޮބާހޭ.
17 June 2025
އައްޑޫސިޓީ އިސްލާމީ މަރުކަޒު އަޅަނީ ބިމު އަޑިއަށްތޯ ؟ ކޮންދުވަހަކުންތޯ މިތަން ނިމެނީ ؟
ނޫރު.
17 June 2025
އެތަން ނިންމާނީ ރައީސް ރަޝީދު ވެރިކަމަށް އައިސް 2028 ގެ ފަހުން. ޕީޕީއެމް ސަރުކާރަކުން އައްޑޫސިޓީއަށް އެއްވެސް ކަމެއް އެއްވެސް ޒަމާނަކު ކޮށްދީފައި ނެތް.