ރިޕޯޓް

ކާކުގެ ސްކީމެއްކަން ވެސް ނޭނގި ދިވެހިން ބޮޑު ސްކޭމަކާ ދިމާލަށް، ޒިންމާވާނެ މީހެއް ވެސް ނޭނގޭ!

ދިވެހި ފުލުހުން އިންޓަޕޮލް މެދުވެރިޮށް ހޯދި މައުލޫމާތުތަކުން އެނގުނީ ޖެމްކިޔު ސްކީމް ހިންގަނީ ވެސް ހަމައެކަނި ރާއްޖޭގައިކަން.

ޖެމްކިޔު.

ގޮތް ނޭނގޭ އެކި ކަހަލަ "އިންވެސްޓްމަންޓް ސްކީމް" ތަކުގައި ދިވެހިން ޖެހި، އެ އިން ސަލާމަތް ނުވެގެން އުޅުމަކީ ވަރަށް އާންމު ކަމެކެވެ. ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފު ކުރުމުން އެއިން އަދިވެސް އުޅެނީ އަރައިނުގަނެގެންނެވެ. މިހާރު މި އުޅެނީ އާ ސްކީމެއްގައި 50،000 އަށް ވުރެ ގިނަ ދިވެހިން ޖެހިގެންނެވެ. އެ ސްކީމުން ލިބޭ ލަނޑުގެ ވާހަކަތައް އަދި ތިލަ ނުވި ނަމަވެސް ފުލުހުން ވަނީ އޭގެ ތެރެއަށް ވަދެފަ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ދިވެހިންގެ ތެރެއަށް ތައާރަފުވި ޖެމްކިޔު ސްކީމަކީ ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓް ކުރެވޭ އެއްޗެކެވެ. ރާއްޖޭގެ ގާނޫނާ ހިލާފަށް ނުވަތަ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް ހިންގާ މި ސްކީމުގައި ހިމެނޭ ޖީއެމްސީއީއަކީ ވެސް ރާއްޖޭގައި ވިޔަފާރިކުރުމުގެ ރަޖިސްޓަރީ އޮތް ކުންފުންޏެއް ނޫނެވެ.

އެކަމަކު އެއްވެސް ބިރެއް، ފަސްޖެހުމެއް ނެތި 50،000 އަށް ވުރެ ގިނަ ދިވެހިން، އެތައް މިލިއަން ޑޮލަރު އިންވެސްޓް ކޮށްފި އެވެ. "ފައިދާ" ވަރަށް ބޮޑަށް ލިބެމުންދާތީ އެ މީހުންގެ ހިތުގައި ހަމަ އެއްވެސް ބިރުވެރިކަމެއް ނެތެވެ. އެކަން ހުއްޓާލުމުގެ ވިސްނުމެއް ވެސް ނެތެވެ.

ޖެމްކިޔު ސްކީމާ ގުޅޭ ގޮތުން މާގިނަ މައުލޫމާތެއް އިންޓަނެޓުން ވެސް ނުލިބެ އެވެ. އެ ތަން ހިންގަނީ ކޮން ގައުމެއް، ކޮން ބައެއް ކަމެއް އެނގޭކަށް ނެތެވެ. އެހެންވިޔަސް މި ވަރުގެ އެއްޗަކަށް ބަޔަކު އިތުބާރުކޮށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ދަނީ ކުރަމުންނެވެ. ބައެއް ދިވެހިންގެ ސިކުނޑި މުޅި ދުވަހު އެއްކޮށް ހުސްކޮށްފައި ވަނީ އޭގެ ނަފާ ހޯދާށެވެ.

އެއީ މިކަހަލަ ޑޮމެއިން ޕްރޮވައިޑަރުންނަށް ފައިސާ ދެއްކީމަ ފުލުހުން ދާނެ އެ ފައިސާ ދައްކާފައި އިނީ ކާކުތޯ ބަލަން. އެ ހިސާބުން މީހާ ޓްރޭސްވީ. އެހެންވީމަ ވަރަށް ނާޒުކޮށް އޮޅުވާލައިގެން ހިންގާ ސްކީމެއްގެ ސިފައަކީ ވެބް އެޕްލިކޭޝަން ހޯސްޓިން އަދި ޑޮމެއިން ގެންގުޅޭ ގޮތް،"-- ނަވީދު

ޖެމްކިޔުއަށް އިންވެސްޓްކުރަމުން އަންނަ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އޭނާ އެ ބޭނުންކުރަން ފެށީ ރައްޓެއްސެއްގެ ފަރާތުން އޭގެ މައުލޫމާތު ލިބިގެންނެވެ. އޭނާ ބުނީ އިންވެސްޓްކުރާ މީހާގެ ގްރޫޕު އިތުރުވާ ވަރަކަށް، އެ އިން ލިބޭ ފައިދާގެ މިންވަރު އިތުރުވާ ކަމަށާއި އެހެންވެ، 100 ޔޫއެސްޑީޓީގެ އިންވެސްޓްމަންޓަކާ އެކު އޭނާ ވެސް އެ ބޭނުންކުރަން ފެށީ ކަމަށެވެ.

މިގޮތަށް ބޭނުންކުރަން ފެށުމުން ކޮންމެ ދުވަހަކު ވެސް ވަކި ޕަސެންޓެއް އިތުރުވަމުންދާ ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި ޖެމްކިޔު މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިދާ ލިބޭ މީހުން އެބަ ތިއްބެވެ. މިގޮތަށް އިންވެސްޓްކޮށްގެން އެ މީހުންގެ ޔޫއެސްޑީޓީގެ އަދަދު މިލިއަނަކަށް އަރަން ގާތްވެފައިވާ މީހުން ވެސް ދިވެހިންގެ ތެރޭގައި އެބަ ތިބި ކަމަށްވެ އެވެ.

މިގޮތަށް އެކަކު އަނެކަކަށް އެއިން ލިބޭ ފައިދާ ކިޔައިދީގެން އެތައް ބަޔަކު ޖެމްކިޔު ބޭނުން ދާއިރު، އަންނައިރު ރާއްޖޭގައި އެ ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ގެންގުޅެނީ ޓެލެގްރާމު ގްރޫޕެކެވެ. އެ ގްރޫޕުގައި ވެސް 41،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ބޭނުންކުރާ މީހުންގެ އަދަދު 50،000 އިން މައްޗަށް އަރާނެ ކަމަށް އޭގައި އުޅޭ ދިވެހިން ބުނެ އެވެ.

"ލަސްނުކޮށް އަވަހަށް ފައިދާ ހޯދާ" ގެ ނަމުގައި މި ގްރޫޕުން ދަނީ މި އަށް އިންވެސްޓް ކުރުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް އޭގެ ތެރެއަށް އިތުރު މީހުން ވައްދަން ބާރު އަޅަމުންނެވެ.

ޖެމްކިޔު ފެށުނީ ރާއްޖެއިން، އެހެން ގައުމެއްގައި ބޭނުމެއް ނުކުރޭ!

ޖެމްކިޔު އިޝްތިހާރު ކުރަން ފެށުމުން އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.

އެ ސްކީމާ ގުޅޭ ގޮތުން މިހާތަނަށް ތަހުގީގަށް ލިބިފައިވާ ބައެެއް މައުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ.

އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.

"ފުލުހުންނަށް ފުރަތަމަ މި މައްސަލަ އައީމާ ފުލުހުން ބެލީ ދުނިޔޭގެ އެއްވެސް ގައުމެއްގައި، އިންޓަޕޮލް މެދުވެރިކޮށް، ހުރިހާ ގައުމުތަކަށް ފޮނުވައިގެން، ބަލައިފިން މީގައި އެހެން ގައުމެއްގައި އުޅޭތޯ. އަޅުގަނޑުމެންނަށް ޖަވާބު އައިސްފައި ހުރީ މިއީ އެ އިން އެއްވެސް ތަނެއްގައި އަދި ފެށިގެން އުޅޭ ކަމެއް ނޫނޭ،" ނަވީދު ވިދާޅުވި އެވެ.

އިންޓަނެޓުގައި ޖެމްކިޔުގެ ނަން ޖެހުމުން ވެސް އަންނަނީ ރާއްޖޭގައި އެކަމާ ގުޅިގެން ލިޔެފައިވާ ޚަބަރުތައް އެކަންޏެވެ. ބޭރު ގައުމެއްގައި މި ބޭނުންކުރާ ވާހަކައެއް ނެތެވެ.

ނަވީދު ވިދާޅުވިގޮތުގައި، ޖެމްކިޔު މުޅި ސްކީމު ކްރިޕްޓޯ ކަރެންސީގައި ހިންގާއިރު ކްރިޕްޓޯ ވެލޮޓް ޓްރޭސިންގެ ތެރެއިން ވެސް ފާހަގަވަނީ އެކަން ފެށިފައި ވަނީ ރާއްޖެއިންނެވެ.

"އެހެންވީމަ ތިއީ ބޭރުގެ ސްކީމެއް ނޫން. ތިއީ [ޖެމްކިޔު] ރާއްޖެއިން ފެށިގެން އުޅޭ އެއްޗެއް."

ފުލުހުންގެ ޕްރެސް ކޮންފަރެންސެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވާހަކަ ދައްކަވަނީ- ފޮޓޯ: ނިޝާން އަލީ | މިހާރު

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ސީއެމްޑީއޭ އިން ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މިއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެއާ އެކު ވެސް ފުލުހުންނަށް ދެން އައި ފާޑުކިޔުުމަކީ ޕެންޝަން ސްކީމުތައް ހިންގަމުން އަންނައިރު އެކަން ނުހުއްޓުވަނީ ކީއްވެތޯ އެވެ.

އޭގެ ޖަވާބުގައި ނަވީދު ވިދާޅުވީ ޕެންޝަން ސްކީމަށް އިންވެސްޓްކޮށް ގެއްލުމެއް ވެއްޖެ ނަމަ ޕެންޝަން އޮފީސް ޖަވާބުދާރީ ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

"ބަޔާން ނެރުނީމަ ފާޑުކި. އެކަމަކު ޕެންޝަނުގައި ހުރި ފަންޑު ގެއްލުނީމާ އަޅުގަނޑުމެންނަށް ޕެންޝަން އޮފީސް ޖަވާބުދާރީކުރުވޭ. އެކަމަކު 100 މިލިއަނެއްހާ ރުފިޔާ ދިވެހި ރައްޔިތުން އަތުން ނަގައިގެން ޖީއެމްކިޔު ހިންގާ މީހުން ފިލާ ދުވަހު މި ގައުމުގެ އިގްތިސާދު އެ ގެއްލުން ވަނީ 100 މިލިއަން ޑޮލަރު،" ނަވީދު ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.

"އެއަށް ޖަވާބުދާރީކުރުވާނީ ވަކި ކާކު. އަޅުގަނޑުމެންނަށް ނޭނގުނަސް ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ."

ޕެންޝަން ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ހިންގަމުން އަންނަ ސްކީމެކެވެ. އެކަމަކު ޖެމްކިޔު ސްކީމު ހިންގަމުން ދަނީ ސީއެމްޑީއޭގެ ހުއްދަ ނެތި އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަ ނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓްގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަނގަޅަށް ދިރާސާނުކޮށް މިފަދަ ސްކީމްތަކަށް އިންވެސްޓްކުރުމުން، ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާ ގެއްލި އިޔާދަ ނުކުރެވޭ ގެއްލުންތަކާ ކުރިމަތިވެދާނެ އެވެ.

އެކަމަކު އެއާ އެކު، މިއަށް އިންވެސްޓްކުރި މީހުން ސުވާލުކުރަން ފެށީ މިކަން ފުލުހުން ހުއްޓާނީ ކިހިނެއްތޯ އެވެ؟ މީގައި އުޅޭ މީހުން ފުލުހުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ އެޅޭނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟

ނަވީދު ވިދާޅުވި ގޮތުގައި މީހުން އެގޮތަށް ދެކޭ ސަބަބަކީ ކްރިފްޓޯ ކަރެންސީގައި ހިނގާ ފައިސާގެ މުއާމަލާތްތައް ހަދަނީ ޕްރައިވެޓް ވޮލެޓަކުން ކަމަށް ވާތީ އެ މައުލޫމާތު ނޭނގޭތީ އެވެ. އެކަމަކު ވޮލެޓް ސާވިސް ޕްރޮވައިޑަރުން މެދުވެރިކޮށް އެ މައުލޫމާތު ފުލުހުންނަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްރިޕްޓޯ ކަރެންސީގައި މިކަން ހިނގާތީ ޗެލެންޖެސްތަކެއް ހުންނާނެ. ވޮލެޓަކީ ކާކުގެ ވޮލެޓެއްކަން. ކްރިޕްޓޯގައި މިވާ ގޮތަކީ ހުރިހާ ޓްރާންސެކްޝަންތަކަކީ ޕަބްލިކް އެއްޗެއް، އެކަމަކު އެ ޓްރާންސެކްޝަން ހަދާ ވޮލެޓަކީ ޕްރައިވެޓް އެއްޗެއް. އެހެންވީމަ އެހެން އެ ބުނަނީ،" އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަވީދު ވިދާޅުވި އެވެ.

"އެކަމަކު ފުލުހުންނަށް ކްރިޕްޓޯ ކަރެންސީ ވިޔަސް ވޮލެޓުގެ ވެރިފަރާތަކީ ކާކުކަން ހޯދޭނެ. ބައެއް ވޮލެޓް ސާވިސް ޕްރޮވައިޑަރުން ފުލުހުންނަށް އެއްބާރުލުންދޭ."

ނަވީދު ވިދާޅުވި ގޮތުގައި ތަހުގީގުގެ މިހާތަނަށް ވެސް ވަނީ ޖެމްކިޔު ބޭނުންކުރާ ބައެއް މީހުންގެ ކްރިޕްޓޯ ވޮލެޓުތަކަކީ ކޮން ބައެއްގެ އެއްޗެއްކަން ވެސް ވަނީ ދެނެގަނެވިފަ އެވެ. އެއީ މި ޕްރޮމޯޓް ކުރުމުގައި އުޅޭ ހަތް ވަރަކަށް މީހެކެވެ. އެކަމަކު ތަހުގީގު ކުރިއަށް ގެންދާތީ އެއީ ކޮން ބައެއްކަން އަދި ހާމައެއް ނުކުރެ އެވެ.

ޕިރަމިޑް ސްކީމެއްކަން އެނގެނީ ކިހިނެއް؟

އިންޓަޕޮލްގެ މައުލޫމާތުތަކުން މިއީ ޕިރަމިޑް ސްކީމެއްކަން ފުލުހުންނަށް ކަށަވަރެވެ. ފުލުހުންނަށް ބަޔާނެއް ނެރެން މަޖުބޫރުވީ ވެސް އެކި ޕްލެޓްފޯމްތަކުގައި މި އިޝްތިހާރުކުރުން ވަރުގަދަކޮށް، އާންމުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތް އެމީހުން ފުޅާކުރުމުން ކަމަށް ނަވީދު ވިދާޅުވި އެވެ.

މިއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވާ ސަބަބުތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ޖެމްކިޔު އެޕްލިކެޝަން ހޯސްޓްކުރުމަށް އަދި އޭގެ ޑޮމެއިންގައި ބޭނުންކުރަނީ ފްރީ ޑޮމެއިން، ފްރީ ހޯސްޓިން ހިދުމަތްތަކެވެ. ފްރީ ޑޮމެއިން އާއި ފްރީ ހޯސްޓިން ސާވިސް ޕްރޮވައިޑަރުތަކުން ޓްރެޔެލްއަށް އާންމުކޮށް ދެނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކުރިއަށް ދެވެނީ ފައިސާ ދައްކައިގެންނެވެ.

އެކަމަކު ޖެމްކިޔު އިން އެ 15 ދުވަހުގެ މުއްދަތު ހަމަވުމުން، ޑޮމެއިން އާއި ހޯސްޓިން ހޮޕްކުރަނީ އެވެ.

އެހެންވެ ނަވީދު ސުވާލު އުފެއްދެވީ ރަނގަޅު ވިޔަފާރިއެއް ކުރާ ބައެއް ނަމަ، ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެން ކުންފުނިތައް ގޮތަށް ރަނގަޅު ހޯސްޓިން ޕްރޮވައިޑާއަކަށް ފައިސާ ދީގެން އެކަން ނުކުރަންވީ ސަބަބަކީ ކޮބައިތޯ އެވެ. އެހެންވެ އެއީ ކާކު ހިންގާ ސްކީމެއްކަން އޮޅުވާލަން އުޅެނީ ކަމަށް ވިދާޅުވި އެވެ.

"އަސްލު އޭގެ ބޭނުމަކީ ތި ސްކީމު ހިންގަނީ ކާކުކަން އޮޅުވާލުން."

ނަވީދު ވިދާޅުވި ގޮތުގައި ޑޮމެއިން ޕްރޮވައިޑަރުންނަށް ފައިސާ ދެއްކުމުން، މައްސަލައެއް ދިމާވިޔަސް އެ ފައިސާ ދެއްކީ ކާކުތޯ ފުލުހުން ބަލާނެ ކަމަށެެވެ. އެކަަމަކު އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ނުކުރާ ސަބަބަކީ މި ހިންގަނީ ކާކުކަން އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ މިކަހަލަ ޑޮމެއިން ޕްރޮވައިޑަރުންނަށް ފައިސާ ދެއްކީމަ ފުލުހުން ދާނެ އެ ފައިސާ ދައްކާފައި އިނީ ކާކުތޯ ބަލަން. އެ ހިސާބުން މީހާ ޓްރޭސްވީ. އެހެންވީމަ ވަރަށް ނާޒުކޮށް އޮޅުވާލައިގެން ހިންގާ ސްކީމެއްގެ ސިފައަކީ ވެބް އެޕްލިކޭޝަން ހޯސްޓިން އަދި ޑޮމެއިން ގެންގުޅޭ ގޮތް،" ނަވީދު ވިދާޅުވި އެވެ.

މީގައި އޮޅުވާލަން ބޭނުންކުރާ އަނެއް އުކުޅަކީ ހަތަރު ފަހަރަށް ފިއްތާލައިގެން އެ އިންވެސްޓްކޮށްފައިވާ މިންވަރު 2.5 ލިބޭ ގޮތަށް އޮތުން ކަމަށް ނަވީދު ވިދާޅުވެ އެވެ.

މި އެޕްގެ އަވާގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޖެހިފައިވާއިރު މިއިން އެނގެނީ އެ މީހުން ގެންގުޅޭ މާކެޓިން މޮޅެތި އުކުޅުތަކާ އެކު، ޓެކްނޮލޮޖީ އަށް ފަރިތަ އެތައް ބައެއްގެ ބޮލާ ކުޅެލި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޔާން ނެރުނީމަ ފާޑުކި. އެކަމަކު ޕެންޝަނުގައި ހުރި ފަންޑު ގެއްލުނީމާ އަޅުގަނޑުމެންނަށް ޕެންޝަން އޮފީސް ޖަވާބުދާރީކުރުވޭ. އެކަމަކު 100 މިލިއަނެއްހާ ރުފިޔާ ދިވެހި ރައްޔިތުން އަތުން ނަގައިގެން ޖީއެމްކިޔު ހިންގާ މީހުން ފިލާ ދުވަހު މި ގައުމުގެ އިގްތިސާދު އެ ގެއްލުން ވަނީ 100 މިލިއަން ޑޮލަރު،"--- ނަވީދު

ނަވީދު ވިދާޅުވީ 100-200 ޑޮލަރު އިންވެސްޓްކޮށްގެން 500،000 އިން ފައިދާ ދީފައި، ފައިސާ އަތަށް އަރާ ކަމަށް ވެސް މި މީހުން ދައްކުވައިދީފައިވާ ކަމަށެވެެ. އެހެންވެ، އެ ލިބުނު މީހުން މެދުވެރިކޮށް އޭގެ ފައިދާ ކިޔައިދީގެން އެތައް ބަޔަކު އެ މަޅީގައި ޖެއްސުމާ ދިމާލަށް އެ ދަނީ އެވެ.

"ޖެމްކިޔު މައްސަލަ ހުއްޓުވަން ނިކުތްއިރު އަޅުގަނޑު ވެސް ހިތަށް އެރި އަޅުގަނޑުމެންގެ ތެރެއިން ޓެކްނޮލޮޖީއަށް ފަރިތަ މީހުންގެ ބޮލާ ތި އެޕްލިކޭޝަނުން ކުޅެލި މިންވަރު. ވަރަށް ހައި ލެވެލް މާކެޓިން ސްޓްރެޓެޖީއެއް ބޭނުންކުރަނީ."

ޖެމްކިޔުއަށް އިންވެސްޓްކުރާ ބައެއް މީހުން.-- ފޮޓޯ: ޖެމްކިޔު ޓެލެގްރާމް

މާލީ ސެކިއުރިޓީ ގާނޫނާއި ގާނޫނުލްއުގޫބާތުގެ 319 ގައި ވެސް އޮންނަނީ ޕިރަމިޑެއްކަން އެނގި ހުރެ އިންވެސްޓްކުރާ ނަމަ އިންވެސްޓް ކުރާ މީހާ ވެސް ކުށްވެރިވާ ގޮތަށެވެެ. މިހާރު ފުލުހުންގެ އިދާރާ އިން އެކަން އާންމުކޮށްފައި އޮއްވައި އޭގައި ބައިވެރިވުމަކީ ކުށަކަށް މީހާ އަމިއްލައަށް ހުށަހެޅުމެވެ.

"މާލީ ސެކިއުރިޓީ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ 319 ގައި އޮންނަނީ މީހަކު ޕިރަމިޑެއްކަން އެނގި ހުރެ މަށަށް ހެވޭ، މަގޭ ލާރިއެއް ނޫންހޭ. މިހެން އިންވެސްޓްކުރާ މީހާ ވެސް ކުށްވެރިވާ ގޮތަށް ގާނޫނުލްއުގޫބާތު މިއޮތީ،" އެއީ ގިނަ ބަޔަކަށް ގެއްލުންވިޔަ ނުދޭން ގާނޫނުތައް ހަދާފައި އެބަހުރިކަން ފާހަގަކުރައްވަމުން ނަވީދު ވިދާޅުވި އެވެ.

ކުއްލިއަކަށް ސްކީމު ހުއްޓިއްޖެއްޔާ ވާނީ ކިހިނެއް؟

މި ސްކީމަށް ގިނަ ބަޔަކު އިންވެސްޓްކުރަމުން ދާއިރު 2022 ގައި ފެންމަތިވި މިފަދަ ބޮޑު ސްކީމެއް ވެސް އެބަ އޮތެވެ. ކިންގްސް ފޮރެކްސްގެ ދަންތުރައިގައި ޖެހި އެއިން އަދިވެސް ގިނަ ބަޔަކު ސަލާމަތް ނުވެ އެވެ. އެތައް މިލިއަނުން ގެއްލުންވެ، އެ ފައިސާ އަދި އަދަށް ވެސް އެ މީހުންނަށް އަނބުރާ ނުލިބެ އެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އިސްކޮށް ތިބެގެން 2021 އަހަރުގައި ހިންގި މި ސްކީމަކީ ވެސް އެކި މީހުންގެ އަތުން ފައިސާ ނަގައިގެން ވަރަށް ފުޅާކޮށް ފެށި ސްކީމެކެވެ.

އިތުބާރު ކުރެވޭ މީހުންގެ ބަހަށް އެ ސްކީމަށް އިންވެސްޓްކޮށްގެން ތިއްބާ، ސްކީމު ބަނގުރޫޓުވެ އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގާތްގަނޑަކަށް 70-80 މިލިއަން ރުފިޔާ އެ ސްކީމަށް ފަންޑުކޮށް، އެ ފައިސާ ދެ ގުނައެއް ނުވެ އުޅެނިކޮށް އިންވެސްޓްކުރި ފައިސާ ވެސް އަތަށް ނުލިބުނީ އެވެ.

އެ ދަލުގައި ޖެހި އެތައް ބަޔަކަށް ލަނޑު ލިބުނަސް އެކަން މިހާރަކު ހަނދާނަކު ނެތެވެ. އަނެއްކާ ވެސް ކާކު ހިންގާ، ކޯއްޗެއްކަން ރަނގަޅަށް ނޭނގުނަސް އެތައް ލައްކައިން އާ ސްކީމަކަށް ދިވެހިން އަނެއްކާވެސް ފައިސާ އަޅަމުން އެ ދަނީ "ފައިދާ" ތިން ހަތަރު ގުނަވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެ ސްކީމު ހުއްޓިއްޖެ ނަމަ އިންވެސްޓްކުރި ފައިސާ ހޯދަން ހަނދާނެ ގޮތެއް، ދާނެ ތަނެއް ނޭނގޭ ހާލުގައި ތިބިއިރު އެހާ ބޮޑެތި އަދަދުތަކުން އެ އަށް އިންވެސްޓްކުރުމާ މެދު ވިސްނާލަން ޖެހެ އެވެ.

150 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 22%
icon angry icon angry 16%
icon wow icon wow 11%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫކޭ

19 June 2025

"މީގައި އޮޅުވާލަން ބޭނުންކުރާ އަނެއް އުކުޅަކީ ހަތަރު ފަހަރަށް ފިއްތާލައިގެން އެ އިންވެސްޓްކޮށްފައިވާ މިންވަރު 2.5 ލިބޭ ގޮތަށް އޮތުން ކަމަށް ނަވީދު ވިދާޅުވެ އެވެ." 4 ފަހަރު ފިއްތާލީމަ އޮޅުވާލުމަކީ ކޮބާ؟!،،، މިޔެއް ސާފު ކޮށްލަދީބަލަ އިނގޭ މީހަކު

The name is already taken The name is available. Register?

ފުލުހޭ

19 June 2025

އެއީ ސިމިއުލޭޝަންއެއް. އަސްލެއް ނޫން. އެއީ އޮޅުވާލުމަކީ.

The name is already taken The name is available. Register?

ހަތަރު ފަހަރު

19 June 2025

ޓްރޭޑަކީ އެހާ ފަސޭހައިން ކުރެވޭ އެއްޗެއް ނޫން. ހަތަރު ފަހަރު ފިތާލީމަ ފައިސާ ލިބޭނަމަ ދުނިޔޭގެ އެންމެންވެސް ކުރާނީ އެކަން ދޯ؟ އޭރުން ފައިސާގެ އެއްވެސް އަގެއް ހުންނާނެތަ؟ އެވަރުވެސް ވިސްނާނުލެވޭ ދިވެހިން ގިނަކަން މިއިން ފާހަނގަވަނީ.

The name is already taken The name is available. Register?

ޙަޖަމް

19 June 2025

ސަރުކާރުގެ ޕެންޝަން ސުކޭމްއަށް ގަދަކަމުން ހުއްދަނުހޯދާ ބުރަމަސައްކަތުން ހޯދާލާރި މިފެލަނީ ކީއްވެ؟ޒުވާންއިރު އިންވެސްޓްކުރަން ނެގެނީއެއްނޫން.އޭގެން ލިބޭ ފައިދާއެއް ނޫނީ އޭގެން އަހަރެމެނަށް ގެއިންވާ އެއްޗެއް ނޭނގޭ.އެކަމު ސަރުކާރަށް ބައިއެޅޭތީ ހަލާލު.އިންވެސްޓަންޓް އެކައުންޓް ހަރާން ނުވަނީ ކީއްވެ؟ޜިސޯޓުތައް ހަދަން ރަލަށް އޫރުމަހަށް އިންވެސްޓް މިކުރަނީ.އޭގެން ފައިދާ މިދެނީ.އަހަރެމެންގެ އަމިއްލަ ލާރިއަށް އަމިއްލައަށް ޒިންމާވާނަން. ޙާސްނުވޭ.

The name is already taken The name is available. Register?

އައްޕަ

19 June 2025

ބަލާބަލަ ޕެންޝަން ވެބްސައިޓް ނޫނީ އެޕް އިން ގެއިންވާ ވާ ވަރުގެ ތަފްސީލު ތިހެން ކޮމެންޓު ކުރުމުގެ ކުރިން

The name is already taken The name is available. Register?

މިޔަށް ކިހިނެއް ހަދަނީ!

19 June 2025

ދެން ރިބާ އަދި އޫރުމަސް އަދި ރާ މި އެއްޗެއްސަށް އަލި އަޅުވާލަމާ، މީގެން ވާ ގެއްލުމާ ދީނީ ގޮތުން މިކަންކަން އޮތް ގޮތްވެސް ބުނެލަދޭންވީނުންތޯ؟ ރިސޯރޓް އޯނަރސް އަށް ހުއްދަ ދެއްތޮ؟ ކެވުނު ގޮތަކަށް ކައި ހެދުނު އެއްޗެއް ހަދަން، ނިކަމެތިކަން ދެއްތޮ މީގަ މައްސަލައަކީ؟

The name is already taken The name is available. Register?

ހުސެންބެއްޔާ

18 June 2025

ފައިސާ ލިބެންޏާ ދިވެހީން ނުބަލާނެ ހަރާމެއް ހަލާލެއް.

The name is already taken The name is available. Register?

ފުލުހޭ

18 June 2025

ކަލޯ އެހެންވީމަ، އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ދިވެހި ބަޖެޓުން ޚަރަދުކުރާ، ދިވެހި ފުލުހުންގެ ޚިދުމަތަށް ވުރެ މަ މާ މޮޅުތާއެވެ. މަށަށް ތިޔަ އެއްޗެއް ދިވެހިންތެރޭގައި އެނބުރޭކަން އިނގުނީ މިދިޔަ ފެބްރުއަރީ މަހުއެވެ. މަގޭ ގޫގުލް އާ އައިކޭން ލުކްއަޕްއާ އަދިވެސް ދެތިން ސައިޓެއް ބަލާލީމާ ތިޔައީ ސައްހަ ބައެއް ނޫންކަން އެނގުނެވެ. ފުލުހުން ތިއެއް ތަހުގީގު ކުރާތާ އެތައް މަހެކޯލައެވެ. ޕިރަމިޑް ސްކީމެއްކަންވެސް މޕސ އަށް އެނގުނީ އިންޓަޕޯލުން ބުނީމަޔޯއެވެ

The name is already taken The name is available. Register?

ހާނަ

18 June 2025

ކަލޭ އެއްޗެެއް ވިއްކީމަ މީހަކު ދޭލާރި އޭނާ ހޯދީ ހަލާލުގޮތުގަތޯ ބަލާފަތަ އަތުލަނީ. ނޫނީ މުސާރަ ލިބުނީމާ އެ ދިންބަޔަކު އެދިނީ ކިހިނަކުން އެމީހުން އެހޯދި ލަރިއެއްތޯ ބަލާތަ? ހަމަޖެހޭ ފަތުވާ ނެރެބަލަ. އި

The name is already taken The name is available. Register?

ކަނބިލިބޯ

19 June 2025

ކޮބާ ފަތުވާ ކިހިނެއް ވަނީ؟

The name is already taken The name is available. Register?

އަލީއެކްސްޕުރެސް

18 June 2025

ފޭސްބުކް،ވައިބާ،ޓެލެގުރާމް،އަލީއެކްސްޕުރެސް،ތެމޫ،ހުސް ސުކޭމް ތިހެންކިޔަންޔާ، ރާއްޖޭގައި ތިކިޔާ ތާކު ރަޖިސްޓުރީއެށްނުކުރެ ބަޔަކު ފައިދާ ހޯދާތީ ކަމުނުދަނީ، ހަރަދު ކުރި ފައިސާ ނަގައިފި ލީމީހަކުވެއްޖާ ދެން ކޮން ގެއްލުމެއް.

The name is already taken The name is available. Register?

އަންކަލް

18 June 2025

ބަޔަކު ފުދިގެން އުޅޭތީ ކަމު ނުދިޔަޢީ ދޯ! ބީ.އެމް.އެލް އިން ލިންކުން ސްކޭމް ޖައްސައިގެން ގެއްލުނު ލާރީގެ ވާހަކަ ދައްކަބަލާ

The name is already taken The name is available. Register?

އަޙްމަދު7

18 June 2025

ތި ސްކީމް ހުއްޓިއްޖިއްޔާ، ކުއްލިގޮތަކަށް ހުއްޓުނަސް، ހުއްޓެމުން ހުއްޓެމުންގޮސް ހުއްޓުނަސް ތި ފައިސާ އަނބުރާ ލިބޭނެ އެއްގޮތެއްވެސް ނޯންނާނެ. ތީތި ނުހުއްޓުނަސް، އިންވެސްޓްމެންޓު ވަކިވަރަކަށްވުރެ މައްޗައް ދިޔައިމަ ދެން ލާރި ރިކަވާ ނުކުރެވޭނެ. ތީގައި އިސްކޮށް ތިބި މީހުން މުއްސަނދިވެދާނެ. އެކަމަކު ވަކި ހިސާބަކުން އެމީހުން ދޭން ބޭނުންވިއަސް މީހުންގެ ފައިސާ އަނބުރާ އެމީހުންނަކަށް ނުދެވޭނެ. ކުދިންނޭ ތި މަޅީގަ ނުޖެހޭ.

The name is already taken The name is available. Register?

ޖުލައި2021

18 June 2025

ކުރިޕްޓޯ އަކީ އެންމެންގެ އެއްޗެއް، ވަކިމީހެއް ވެރިއެއް ހުންނަ އެއްޗެއްނޫން އެއީ. ސަރުކާރުތަަކަށް ކޮންޓުރޯލް ކުރވޭ އެއްޗެއްނޫން އެއީ. އޭގެ ފައިދާ އެންމެންވެސް ނަގަންވީ، އެކަމު ގެއްލުންވެސްވާނެ ކަން އެނގިގެން ދަސްކޮށްގެން.

The name is already taken The name is available. Register?

އެނދިމަރިޔަނބު

18 June 2025

އެއީ ކްރިޕްޓޮއެއް ނޫން. ޓްރޭޑިންގ ޕްލެޓްފޯމެއްވެސް ނޫން. ކްރިޕްޓޯ ދަސްކުރޭ ފުރަތަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454