18 ޖޫން 2025 - 07:33
އާދިއްތަ ދުވަހާ ގުޅޭ
"ކީއްވެ އަހަރެން ދެކެ ލޯބިވީ؟" ހިބާ ވެސް ކުރީ ސުވާލެކެވެ.
ހިބާއާ ދިމާއަށް ނާސިފު ބަލައިލިއެވެ. ތިހެން ތި އަހަނީ ހިބާހޭ، ހަމަ އެކައްޗެއް ވެސް ނޭނގޭހެއި އަހާ ކަހަލަ ގޮތަކަށެވެ.
"ސީރިޔަސްލީ؟" ނާސިފަށް ބުނެވުނެވެ. "ހަމަ އެއްވެސް ކަމެއް ނުވޭ؟ ހިބާއަށް ނުވެސް އެނގިތަ އަހަރެން ހިބާ ދެކެ... ނެވަރ މައިންޑް. ހިބާ ދޭ މި ތަނުން، ޕްލީޒް!"
"އަހަރެން އަބަދު ވެސް ބެލީ ފްރެންޑެއް.." ހިބާއަށް ބުނެވުނީ އެ ހިސާބަށެވެ.
"ދޮގު ނަހަދާ ހިބާ!" ތަންކޮޅެއް ބާރަށް ނާސިފު ބުންޏެވެ. "ދޮގު.. ނަހަދާ! އަހަރެން މީ.. އަހަންނަކީ ކުޑަކުއްޖެއް ނޫނޭ! ނުބުނާތި މީ.. މީ އަހަންނަށް ހީވި ގޮތޭ! ޑޭ ވަންއިން ފެށިގެން ހިބާ ބޭނުންވި ގޮތް މި ވީ. ސޭ ޔޭސް."
"ނޯ!" ހިބާ އެއްބަހެއް ނުވިއެވެ. "ނާސިފަކީ ޖަސްޓް އަ ފްރެންޑް. ކީއްވެތަ އަންހެނަކާ ފިރިހެނަކަށް ފްރެންޑުންނަށް ނުވެވެންވީ؟ އަހަންނަކީ ނާސިފުގެ ޓައިޕެއް ވެސް ނޫނެއްނު! ޓެން އަހަރުގެ ޑިފަރެންސް އެބަ ހުރި. ތީ މެރިޑް މީހެކޭ! ކުދިން ވެސް އެބަ ތިއްބެއްނު! އެހެންވެ އަހަރެން ކްލޯސް ވާން ބިރު ނުގަތީ ވެސް."
"އަހަރެން މީހަކާ ނީންނަމޭ! އަޖައިބެއްނު!" ނާސިފު ބުންޏެވެ. "ކިޑެއް ވެސް ނުހުންނާނެ. ނޭނގޭތަ އެ ކަމެއް؟"
ހިބާގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. ނާސިފު އެ ހަދަނީ ދޮގެކޭ ވެސް ހިބާއަށް ހީވިއެވެ.
"ރިއަލީ؟" ހިބާއަށް ބުނެވުނެވެ. "އަހަރެން ހީކުރީ.."
"ކޯޗެއް ހީކުރާކަށް؟" ނާސިފު އެހިއެވެ. "މި ބުނީނު މީހަކާ ނީންނަމޭ! އެހެންވީމަ އޯކޭއެއްނު! އަހަރެންގެ އެއްވެސް މައްސަލައެއް ނެތެއްނު!"
"އަހަރެންގެއޭ މައްސަލަ އޮތީ!" ފުރަތަމަ ފަހަރަށް ހިބާ ބުންޏެވެ. ހަމަހިމޭން ކޯރުގެ ފެންގަނޑުގައި
ހަނދުވަރުގެ ރިހި ގިރިޓީ ބަބުޅަމުންދިޔައެވެ. އައްސޭރީގައި، އެކަނިމާއެކަނި އިށީނދެލައިގެން އިން ހިބާއަށް ދުނިޔެ ހުއްޓިފައިވާ ކަހަލައެވެ. ވަގުތު މަޑުޖެހިފައިވާ ކަހަލައެވެ. ދޮގުގެ ފުލުން ދޮގުތައް ހަދައިފައި ނާސިފުގެ ކޮޓަރިން ހިބާ ނުކުތީ ހިތަށް ފިނިކަމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެހެނަސް ދުވަސް ނިމި، ރޭގަނޑަށް ތަންދިން އިރު ވެސް ހިބާގެ ހިތުގައި އުފެދިފައި ވަނީ ނުފިލާ ރިހުމެކެވެ. ދިގުލީ ތަދެކެވެ. ނާސިފު ބުނީ ތެދެކެވެ. ނާސިފުއާ މެދު ހިބާގެ ހިތުގައި އޮތީ އެކުވެރިކަމެއް ނޫނެވެ. އެ ކަން ހިބާ ގަބޫލު ކުރެއެވެ.
އިންޑިޔާއަށް ދާން ބޯޓަށް އެރުމުގެ މާ ކުރިން ހިބާގެ ހިތް ހިބާއަށް ނުކިޔަމަންތެރި ވެއްޖެއެވެ. ނާސިފުގެ އުނގުގައި ވަޒަންވެރި ވެއްޖެއެވެ. ހިބާ ހީކުރީ ނާސިފަކީ މީހެއްގެ ފިރިއެއް ކަމަށެވެ. ނާސިފުގެ ހިތް ދުވަހަކު ވެސް ހިބާއާ ދިމާއަށް ނޭނބުރޭނެ ކަމަށެވެ. ނާސިފު ކަހަލަ ހަރުދަނާ މީހަކު، ހިބާ ފަދަ މިނިވަން ކޮކާލެއް ނަގައި ހިތުގައި ރައްކާކޮށްފާނެ ކަމަކަށް، ހިބާ ފަހަރެއްގައި ވެސް ހިޔެއް ނުކުރެއެވެ. ނިންމައިގެން ހުރީ، އުފާވެރި ބަގީޗާއެއްގައި އުދުހިލަން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ފަހު، މާލެ އައިސް ހިބާގެ މިސްރާބަށް ހިބާ އެނބުރިދާށެވެ. ނާސިފުގެ އާއިލާއަށް ނާސިފު ދާ ތަން ބަލަން ހުންނާށެވެ. ކޯހުގެ ކުރު ދަތުރު ނިމުމުން ހިބާގެ ހުވަފެނުން ހޭލައި، ހިބާގެ ހަޔާތުގެ ބައިވެރިޔާއާ އެކުގައި ދިރިއުޅުމެއް ފަށާށެވެ. ހިބާ ދެކެ ނާސިފު ލޯބިވެދާނެ ކަމަކަށް، ފަހަރެއްގައި ވެސް ހިބާ ހިއެއް ނުކުރެއެވެ. އެކަމަކު އެހެން ވެއްޖެއެވެ. އެއްކޮޅުގައި ހުރީ ހިބާ އިންނަން ތައްޔާރު ވެފައިވާ ޒުވާނާއެވެ. އުމުރުން އެއްވަރު، ވަރަށް އާދައިގެ މީހެކެވެ. ކައިވެނި ކެންސަލު ކޮށްފި ނަމަ އެތައް ބަޔަކާ ހިބާ ކުރިމަތިލާން ޖެހޭނެއެވެ. އަނެއްކޮޅުގައި ހުރީ ހިބާ ދެކެ އަލަށް ލޯބިވި މީހާއެވެ. ހިބާއަށް ވުރެ މާ ދޮށި، ވަރަށް ފުރިހަމަ މީހެކެވެ. އޭނަ ގެއްލިއްޖެ ނަމަ އެ ފަޅުކަން، ހިޔަންޏެއް ފަދައިން ހިބާއަށް ފާރަލާނެއެވެ.
ހޮޓަލާ ތަންކޮޅެއް ދުރުގައި އޮތް ކޯރެއް ކައިރީ އެތައް އިރަކު އިނުމަށް ފަހު ހިބާ ހޮޓަލަށް އައެވެ. ނާސިފު އިނީ ހިބާގެ އިންތިޒާރުގައި ލޮބީގައެވެ. ނާސިފު ފެނުމުން ހިބާ ވަރަށް ހައިރާންވިއެވެ. އެހައި ބަލިމީހަކު ކޮޓަރިން ނުކުތީމައެވެ.
"ކީއްވެ ތި ތާ ތި އިނީ؟" ހިބާ ސުވާލުކުރިއެވެ.
"ކޮންތާކުން ހިބާ ތި އައީ؟" ބަލި އަޑަކުން ނާސިފު ވެސް ކުރީ ސުވާލެކެވެ. "ހިބާ ހާދަ ގިނައިން.. އެކަނި.. ބޭރަށް ދެޔޭ! މި ތަން ސޭފެއް ނުވާނެ އިނގޭ! ހާދަ ވަރަކަށް ގުޅައިފީމޭ! ހިބާއަށް ކަމެއް ވެއްޖެއްޔާ..."
އެ ހިސާބަށް ހުއްޓައިލިޔަސް ނާސިފު ބުނަން އުޅުނީ ކީކޭ ކަން ހިބާއަށް އެނގެއެވެ.
"ފޯނު ސައިލެންޓަށް ލެވިފަ،" ފޯނަށް ބަލައިލަމުން ހިބާ ބުންޏެވެ. "ދޭ ރެސްޓް ކުރަން. އޭރުން މާދަމާ ކްލާހަށް ދެވޭނީ. މިހާރު ވެސް އެއް ދުވަސް ގެއްލިއްޖެ!"
"އެ އަށް ވުރެ މާ ދެރަވާ ކަންތައް ވެސް ވަނީނު،" ނާސިފު ތެދުވަމުން ބުންޏެވެ. "މިހާރު ކުޑަކޮށް ރަނގަޅޭ! ހިނގާބަލަ ހިނގާލަން. ކޮޓަރީގަ އެކަނި އޮވެއޮވެ ފޫހިވެއްޖެ!"
ހުރި ފިޔަވަޅު މަތިން ހިބާ ގުޑައި ވެސް ނުލިއެވެ. އެ ގުޅުން އިތުރަށް ބަދަހި ކުރުމަކީ ހިބާއަށް ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ނޫން ކަން ހިބާއަށް ވިސްނޭތީއެވެ. ހިނގަމުންހިނގަމުން ގޮސް އެނބުރި ނާދެވޭހައި ދުރަށް ދާކަށް ހިބާ ބޭނުމެއް ނޫނެވެ.
"ކުރިން ވެސް ދިޔައިމެއްނު!" ނާސިފު ބުންޏެވެ. "ދެން ވެސް ދެވޭނެ. ޖަސްޓް ފްރެންޑްސް؟"
އެއީ އެހެން ވާ ކަމެއްބާއޭ ހިބާ ހިތަށް އެރިއެވެ. ލޯބިވާ މީހަކާ އެކުވެރިކަން ބާއްވާނީ ކިހިނެއް ހެއްޔެވެ؟ ދުލުން ކޮންމެ އެއްޗެއް ބުންޏަސް، ލޮލެއް ދޮގެއް ނަހަދާނެއެވެ.
"ޖަސްޓް ފްރެންޑްސް." ހިނިތުންވެލާފައި ހިބާ ބުނެލިއެވެ.
ފިނި ރެއެއް ނޫނެވެ. ކެތްނުކުރެވޭ ވަރުގެ ހޫނުކަމެއް ވެސް ޖައްވަކު ނެތެވެ. ހިނގީ، ކުރީ ރެޔަކު ވެސް ހިނގި މަގުންނެވެ. އެހެނަސް އެއީ، ޔަގީނުން ވެސް ކުރިން ހިނގި ދެ މީހުންނެއް ނޫނެވެ.
"ކާކު އެއީ؟" ނާސިފު އެހިއެވެ.
"ކޮބާ؟" ހިބާއަށް ބުނެވުނެވެ.
ވަށައިގެން ހޯދައިލުމުން ވެސް އެ މަގުން ހިބާއަކަށް މީހަކު ނުފެނުނެވެ.
"މެރީ ކުރަން ތި އުޅެނީ." ކަރު ކެހިލާފައި ނާސިފު ބުންޏެވެ.
"ބުނެފިއްޔާ އެނގޭނެތަ؟" ފޯނު ނަގަމުން ހިބާ ބުންޏެވެ.
"ނޭނގިއްޖެއްޔާ ހިބާ އިންޓްރޮޑިއުސް ކޮށްދޭނީ." ހިނިތުންވެލާފައި ނާސިފު ބުންޏެވެ.
އެ ހިނިތުންވުމަކުން ހިބާއަކަށް އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ. ފެނުނީ މަޑުމޮޅިކަމެކެވެ. މާޔޫސް ކަމެކެވެ. ހިބާ ފޯނު ދައްކައިލިއެވެ. ނާސިފަށް ފެނުނީ އެއްވެސް ހަރުދަނާކަމެއް ނެތް ސިފައެއްގައި ހުރި ޒުވާނެކެވެ. އޭނަ ހެދުން އަޅާފައި ހުރި ގޮތާއި، ތަރުތީބެއް ނެތް އިސްތަށިގަނޑާއި، ކުރަން ހުރި ކަންތަކުން ވެސް ނާސިފުގެ ހިތުގައި ޝަކުވާ ނޫން އެއްޗެއް ނުއުފެދުނެވެ. އޭނަ ހުރީ ސްޕުރޭ ފުޅިޔަކުން ވަންވޭ ބޯޑަކަށް ދަވާދު ސްޕުރޭ ކުރާށެވެ. ގާތުގައި އެހެން މީހަކު ވެސް ހުއްޓެވެ. ދެ މީހުންގެ ޓީޝާޓުގެ ކަރާއި އަތުކުރިޔާ ދިމާއިން ޓެޓޫ ވައްތަރުގެ ކުރެހުމެއްގެ ބައެއް ފެންނަން ހުއްޓެވެ.
"އޭނަ ކީއް އެ ކުރަނީ؟" އެހެން ނާހައެއް ނާސިފަކަށް ނުހުރެވުނެވެ.
"އެ އޭޖްގަ ކުރާ ކަހަލަ ނޯޓީ ކަންތައް،" ވަރަށް ހަމަޖެހިލާފައި ހިބާ ބުންޏެވެ. "ވަރަށް ނައިސްކޮށް ޕެއިންޓް ކުރާނެ. މިޔުޒިކު ވެސް ކުޅޭނެ. ލޯބި ދޯ؟"
"ސަޅި." ނާސިފު ބުނީ، ބުނަން ބޭނުންވި އެއްޗެއް ނޫނެވެ.
"އަހަރެން ކިހާ ލަކީ؟" ހިބާ ބުނެލިއެވެ. "އޭނަގެ ހާދަ ޓެލަންޓެއް ހުރެޔޭ! ޖޮބެއް ހޯދަން ވަރަށް ޓްރައި އެބަ ކުރޭ!"
"ތިއަށް ވުރެ ޑީސަންޓް މީހަކު ހިބާއަށް ހަމަ ނުލިބުނީ؟" އެއީ ނާސިފު އަހަން ބޭނުންވި ސުވާލު ނަމަވެސް އެހެނެއް ނާހައެވެ.
"އެކަމު ވަރަށް ބިޓިން ވާނެ،" އެއީ މޮޅު ކަމެއްހެން ހީވާ ކަހަލަ ރާގެއްގައި ހިބާ ބުންޏެވެ. "ވަރަށް އަވަހަށް ރުޅި އަންނާނެ. މެރީ ކޮށްގެން ދެން ނޫޅެވިއްޖެއްޔާ ޑިވޯސް ވާނީ. ނިމުނީނު."
"އެ ހުރިހާ ކަމެއް އެނގި ހުރެ އޭނަޔާ އިންނަނީ ކީއްކުރަން؟" އެހެން އަހަން ވެސް ނާސިފު ބޭނުންވިއެވެ.
އެ ރޭގެ ހިނގައިލުމުން ނާސިފަށް ވަރަށް ގިނަ މައުލޫމާތު ލިބުނެވެ. އެންމެ ދެރަވި ކަމަކީ، ހިބާއަށް ނާސިފު ދޭން ބޭނުންވި ނަސޭހަތް ނުދެވުނުކަމެވެ. ވެއްޓެން އުޅޭ ވަޅުގަނޑުން ހިބާ ސަލާމަތް ނުކުރެވުނު ކަމެވެ. ހާލަތު އެ ކަމަށް ތަންނުދެނީއެވެ. ހިބާ ދެކެ ލޯބިވާ ވާހަކަ ނުބުނެވި އޮތް ނަމައޭ ނާސިފު ހިތަށްއެރިއެވެ.
"ބޭނުންތަ ރާހިލްއާ ޓޯކް ކޮށްލަން؟" ހިބާ އެހިއެވެ. "ވަރަށް ފްރެންޑްލީވާނެ."
އެ ކަން ކުރާކަށް ނާސިފު އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެހެނަސް، ހިބާއަށް ޓަކައި އެ ކަމަށް އެއްބަސްވިއެވެ. ހިބާ ވަޓްސްއެޕް އިން ރާހިލްއަށް ގުޅިއެވެ. ނާސިފު ބޭނުންވީ އޭނަޔާ ދިމާނުވާށެވެ. ނުގުޅޭށެވެ. ވީ އެހެންނެވެ. ދެވަނަ ފަހަރަށާއި، ތިންވަނަ ފަހަރަށް ވެސް ހިބާ ގުޅިއެވެ. ރާހިލް ފޯނެއް ނުނެގިއެވެ.
"ޔަގީން ފްރެންޑްސްއާ އެއްކޮށް ކޮންމެވެސް މިޝަންއެއްގަ އެ އުޅެނީ،" ހިބާ އެހެން ބުނި އިރު ހީވަނީ އެއީ އެއްވެސް ކަމެއް ނޫން ހެންނެވެ. "މަ ބުނީމޭ އަހަރެންގެ ބޮސްއާ އެއްކޮށޭ އައިސްގެން މި އުޅެނީ. ވަރަށް ނައިސް ބޮސްއެކޭ! އެހެން ނުބުނެފިއްޔާ އޭނަ ވަރަށް ކަޑަވާނެ. ވަރަށް އަނެއް ކަހަލަ ވާނެ."
"ޝައްކު ކުރާނެ؟" ނާސިފަށް އެހެން އަހަން ކެރުނެވެ.
"ޝައްކެއް ނޫން،" އެ ލަފުޒު ބަދަލުކުރަން ހިބާ މަސައްކަތްކުރިއެވެ. "އައި ޑޯންޓް ނޯ ބުނާނެ ގޮތެއް. ތިބެއެއްނު ކެއާ ކުރިކުރީނުން ގޮސް... ވަރަށް އެ ކަހަލަ ވާނެ."
ހޮޓަލަށް އައިސް ނާސިފު ވަނީ ނާސިފުގެ ކޮޓަރިއަށެވެ. އެއްވެސް އެއްޗެއް ނުބުނެ ހިބާ ވަނީ ހިބާގެ ކޮޓަރިއަށެވެ. ދެ ރައްޓެހިންނޭ ބުންޏަސް އެކަކަށް ވެސް އެ ކަމެއް ގަބޫލެއް ނުކުރެވެއެވެ. ނިދަން އޮވެފައި ނާސިފު ހިތަށް އެރިއެވެ. މި ވީ ހާދަހާ ދެރަ ގޮތެކެވެ. ދެން ނިދޭނީ ކިހިނެއް ހެއްޔެވެ؟ ރާހިލްގެ މިޒާޖުގައި ކޮންމެ ސިފައެއް ހުއްޓަސް، ރުޅިގަދަ މީހަކަށް، އެހެން ލޯބިވެރިން ގެންގުޅޭ މީހަކަށް އޭނަ ނުވި ނަމައެވެ. ޝައްކު ކުރާ މީހަކަށް ނުވި ނަމައެވެ. ހިބާއަށް ދިމާވާން އެ އުޅެނީ ކިހައި ދެރަ ގޮތެއް ހެއްޔެވެ؟ އެ ވަގުތު ހިބާގެ ފޯނެއް އައެވެ.
"ކިހިނެއްވީ؟" ނާސިފު އެހިއެވެ.
"އެނގޭތަ ރާހިލްއާ ނުގުޅުނީ ކީއްވެކަން؟" ވަރަށް އުފާވެފައި ހިބާ ބުންޏެވެ. "ފްލައިޓުގަޔޯ އިނީ. އެބަ އާދޭ މި ހޮޓަލަށް އަހަންނާ މީޓް ކުރަން. މިސްވާތީޔޯ! އަޅެ ސޯ ކިއުޓް. ލިފްޓުން އެބަ އަރާ! އާދޭ އިންޓްރަޑިއުސް ކޮށްދޭނަން." (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެތް މަދުވެފާ
19 June 2025
އަދިވެސް ނުނިމެނީތަ މިވާހަކަ؟؟
ބިންމާފޭންގާރލް
19 June 2025
ކޮން ގޮތަކުންބާ ނާސިފު ޕާރޕެކްޓު ވީ؟ އަ މޭން ހޫ ކުޑުންޓް އެކްސެޕްޓް ރިޖެކްޝަން. ހަހަހަހަ.. އުޅުނީވެސް ކުޑަކުއްޖެއް ހެން. ރުޅި އައިސްގެން ކޮންޓްރޯލް ނުވޭ. ހީ އިޒް އަ ރެޑް ފްލެގް. އިއު
ޒައިނަބް
18 June 2025
މި ކޮމެންޓްތައް ކިޔާފަ ކޮންމެ ދުވަހަކު ހީހީ ބަލިވޭ
މަނމް
18 June 2025
ނާސިފް އަށް ތިޔޮތީ ޗާންސްލިބިފަ. ދެން ހިބާޔާ ރާހިލްއާ ދުރުކުރެވޭނެ ރޮކެޓެއް ޖަހާލާ!
ހައްޖައްތަ
18 June 2025
،ކޮން ކަހަަލަ ކަސައުޓީ ގަނޑެއް މީ. ނިންމަން އުޅޭ ބިންމާ
2025
18 June 2025
ޔޭ މަ ☝️ 8:37 ނާސިފަށް ކޮޅުކެހިދޯ މިލިބެނީ.... ބޮއިހަލަކި
ރޫހީލް
18 June 2025
މި ނުނިންމަންޔާ މަ ދެން ލިފްޓުން އަރާނީ
ސުހާނާ
18 June 2025
"ނުނިންމަންޔާ" އެއް ނޫން ދިވެހިބަހުގައި ލިޔެކިޔައި އުޅޭ ގޮތަކީ. "ނުނިންމަންޏާ" ("ޔ" ގެ ބަދަލުގައި "ޏ" އެއް) އޮންނާނީ.
ޑެބީ
18 June 2025
ނުދާންހުރެފަވެސް އެންމެފަހުން ނާސިފު ދިިޔައެވެ. 3 މީހުން އެކީގައި ހިނގާލަންދާން ރާހިލް އެދުނެވެ. ފަޅު އަނދިރި ގޯޅިއަކަށް ވަދެވުމާއެކު ރާހިލް ޖީބުން ފިސްތޯލު ނަގައި ނާސިފާދިމާލަށް އަމާޒުކޮށްލިއެވެ. "ކިހާވަރެއްދީގެން ތިކަމަށް އެއްބަސްވީ؟" ނާސިފު މާޔޫސްކަމާ އެކު ސުވާލުކުރިއެވެ ހިބާ ބިރުން ރޯންފެށިއެވެ. އެއްކޮޅުގައި އިންނަން އުޅޭ ރާހިލްއެވެ. އަނެއްކޮޅުގައި ހަރުދަނާ ނާސިފެވެ. ދެން އިވުނީ ފިސްތޯލު ޖެހިއަޑެވެ. ހިބާ އޮތީ ބިންމަތީގައި ލޭގެ ކޯރެއްގައެވެ.
މާލު
18 June 2025
ނާސިފުކުއްލި ހަރަކާތަކުން 2އަތުން ފިސްތޯލައިގާހިފާ އެކްޝަން ފިލްމުތަކުގަ ހަދާގޮތަށް ކޮނޑުމައްޗަށް ރާހިލް ދަމަިގަނެ ބޯމަތިން ހޫރާލާ ފިސްތޯލަ ދަމާގަތެވެ. ރާހިލް ދިހަވަރަކަށް ފޫޓަށް ވިއްސައިގެންގޮސް އަނގަވަތަށް ޖެހުމާއެކު ޓެޓޫ ޖެހި ގޭންގު6ސޮރު އެތަނަށް ވައްޓާލިއެވެ. ނާސިފު ބަލާކަށް ނުހުރެ ވަކިވަކިން ފިސްތޯލަިގެ ވަޒަންތަށް ހުސްވަނެ ދެން ތަޅާލިއެވެ. ކަންނިމުނު އިރު ގޯޅިގަނޑު ހީވަނީ ބ.އީދަށް ޖަމާއަތުގަ އަލްހިޔާއަށް ބަކަރި ކަތިލާފައިވާ މައިދާނެއްހެނެވެ.
މޮޓޯ
18 June 2025
ނާސިފު ފިސްތޯލަ އެއްލާލާފަ އަވަސްވެގަތީ ހޮޓަލަށް ދާށެވެ. ފެން ވަރާލައިގެން ރެސްޓޯރަންޓަށް ވަދެ ކޮފީއެއް އޯޑަރުކޮށްލިއެވެ. ޢޭރު ޓީވީން ދައްކަނީ ހިބާ އާ ރާހުލްގެ މަރުގެ ޚަބަރެވެ. ހިބާ، އައި މިސްޔޫ. ނާސިފްއަށް ބުނެލެވުނެވެ. “ޢޭނ ކީކޭ؟” ފަހަތުން ހިބާ ބުނިއަޑު އިވުނެވެ. ނާސިފު އެނބުރި ފަހަތް ބަލަިލިއިރު ފަހަތުގައި ހިބާ ހުއްޓެވެ. ނާސިފުއަށް ބޭރަށް ދެވުނީ އަސްލު ހިބާ އާ އެއްކޮށް ނޫންކަން ވިސްނުނީ ދެނެވެ.
އެނަހުލާ
18 June 2025
އެވަގުތު ނާސިފުގެ ފޯނަށް ޖޮއޭންގެ މެސެޖެއް އައެވެ. "ހިބާ އަށް ޓްރަސްޓް ކުރުން ރަނގަޅެއްނުވާނެ" ޝައްކުގެ ނަޒަރަކުން ނާސިފު ހިބާއަށް ބަލާލިއެވެ. ނާސިފު ކޮފީތަަށި ހިބާގެ މޫނަަށްޖެހިއެވެ. "ހިބާ ދާންއުޅޭ މިތަނުން. އަހަރެންގެ ކުށަކީ 3 އަންހެންކުދިންދެކެ އެއްފަހަރާ ލޯބިވުންތަ؟" ނާސިފު ހަޅޭލަވައިގަތެވެ. ހިބާ ގިސްލަގިސްލާފައި ރޯންފެށިއެވެ. ކައިރީގަ ހުރި ވެއިޓަރަށްވެސް އޭރު ރޮވިއްޖެއެވެ. ވެގެން އުޅޭގޮތެއް ހިބާއަކަށް ނޭނގެއެވެ.
ހިބާނާސިފުޖޮއޭންބިންމާ
19 June 2025
ވެއިޓަރު ރޮމުން ރޮމުން ގޮސް ނާސިފުގެ ކޮޓަރިއަށްވަދެ ތަޅުލިއެވެ. ވެގެން އުޅޭގޮތް ހިބާއަށް ރޭކާލީ ދެނެވެ. ނާސިފު މިހާރު ލޯބިވަނީ ވެއިޓަރު ދެކެއެވެ.
ސަސި
18 June 2025
ވާހަކައެއް ވީމަ ކޮންމެ ފަދަ ކަމެއްވެސް ވެދާނެދޯ