ބާރަށު ދާއިރާގެ މެންބަރު ޝުޖާއު: ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު ހިޔާލު ހޯދަން ހުށަހެޅި ގަރާރު ވަނީ ބަލައިގެންފައި
18 ޖޫން 2025 - 11:51
ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބަލައިގެންފި އެވެ.
ޕީއެންސީގެ މެމްބަރު ހުށަހެޅުއްވި ގަރާރާ މެދު ގިނަ މެންބަރުންތަކެއް ތިން ދުވަހުގެ މަތިން ވަނީ ބަހުސް ކުރައްވައިފަ އެވެ. ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އެ ގަރާރަަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ގަރާރާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެމްޑީޕީން ސިފަ ކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމް ފުނޑާލާށެވެ.
ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި ގަރާރާ އެއްކޮޅަށް 52 މެންބަރަކު ވޯޓު ދެއްވި އެވެ. ގަރާރު ބަލައި ނުގަތުމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
އެހެންވެ، ގަރާރު ބަލައިގަނެ، ކޮމިޓީއަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
މި ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ، އިގުތިސޯދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅުގައި، ގާނޫނުގައި ބުނާތީ ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ކަމެއްތޯ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ސުވާލުކުރާ ކަމަށެވެ.
އެހެންވެ، އެ ހައްސާސީ މައްސަލައަށް ހައްލު ގެނައުމަށް ކަމާގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި ހުރިހާ މުއައްސަސާތަކަށް އެހީތެރިކަން ހޯދުމަށް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް އެ ގަރާރު ހުށަހެޅުއްވީ ކަމަށް، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ މިހާތަނަށް އެންމެ ގިނަ އިސްލާހު ގެނައި އެއް ގާނޫނެވެ.
ފާއިތުވި 15 އަހަރުގެ ތެރޭގައި ކައުންސިލް ހަތަރު އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުން އިންތިހާބުކޮށް އެތައް ބިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ ކަމަށާއި އެކަމަކު ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ އެ ނިޒާމުގެ ސަބަބުން ރަށްރަށާއި އަތޮޅުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުމެވެ،" ގަރާރުގައިވެ އެވެ.
ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 15 އަހަރުވެގެން ދިޔައިރު ވެސް ގާނޫނަށް އިސްލާހު ގެނައުން ފިޔަވައި ސިޔާސީ ގޮތުން ކޮންމެ ސަރުކާރަކަށް ވެސް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު އޮތުމަކީ ހިތާމައެއް ކަމަށެވެ.
މީހުން ދިރިއުޅޭ 187 ރަށަށް 900 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޤޅާ
18 June 2025
ތި ކައުންސިލްތަކުގެ ކަންކަން ހައްދު ފަހަނަޅައި ގޮސްފި. ގައްދޫ މީހަކު މާލޭގެ ރެޖިސްޓަރީ ގައި ޖެހެންވެގެން ފޯމް ލީމާ އޭނަޔަށް އެންގީ އިދާރީ ފީގެ ގޮތުގައި 5ހާސް ރުފިޔަަ ނަގަމޯ. ކިހާބޮޑު ބލ އެއް މިއީ. ރައްޔަތުންނަށް ދަތިކުރަން މިއުޅެނީ
މުއާވިޔަތް
18 June 2025
މީ ކުރަން ލަސްވެސްވެޖެ ކަމެއް. އިތުރު ކައުންސިލަރުން ތިބުމުގެ މާނައެއް ނެތް. ހަމަ ކަން ނިންމަނީ އޭރަކުން އޮންނަ ސަރުކާރަކުން. އެހެންވީމަ މިބުނަނީ
އަތީގް އަބްދުﷲ
18 June 2025
މި މަޖިލީހުން ކުރާ މިކަހަލަ ކަންކަން އަހަންނަ ނިކަން ކަމުދޭ. މިކަންކަން ކޮށްގެން ނޫން ގޮތަކަށް ދައުލަތުގެ ފިިސިކަލް މާލިއްޔާ ހަމަޔަކަށް ނޭޅުވޭނެ.