ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ.
18 ޖޫން 2025 - 23:16
ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށް އިނގިރޭސި ވިލާތުގެ ލަންޑަނަށް މިހާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 2017 ގައި ފުރާވަޑައިގެންނެވިއިރު އެއީ އެ ދުވަސްވަރު ރާއްޖޭގައި ހިންގި އެންމެ މުހިންމު މަޝްރޫއު ބެލެހެއްޓުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ހަމަޖައްސާފައިވާ އެންމެ އިސް ފަރާތެވެ. ސިނަމާލެ ބްރިޖުގެ މަޝްރޫއުގެ ކަންކަން ބެލެހެއްޓުން އޭރުގެ ޑެޕިއުޓީ މިނިސްޓަރު މުއްތަލިބާ ހަވާލު ކުރެއްވީ އޭނާގެ ތަޖުރިބާ ވެސް ހުރުމުންނެވެ.
ޕީއެޗްޑީ އަށް ލަންޑަނަށް ފުރާވަޑައިގަތީ ހަޔާތުގައި އޭނާ ކުރައްވާ އެންމެ މުހިންމު ދަތުރަށް ފަހު ރާއްޖެ ވަޑައިގެން ވަޒީފާ ލިބޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެކަމަކު، ޕީއެޗްޑީގެ "ތޮފި" އަޅުއްވައިގެން ރާއްޖެ ވަޑައިގެން އުޅުއްވަން ޖެހިވަޑައިގަތީ ވަޒީފާ އަށް "ސަލާން ޖެހުމުގަ" އެވެ. ވަޒީފާ ދޭނެ މީހަކު ނުވި އެވެ.
ކަލާފާނު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކައިގައި މުއްތަލިބު އެ ސްކޫލްގެ ކުދިންނާއި ބެލެނިވެރިންނާ ހިއްސާ ކުރެއްވީ އެ އުނދަގޫ ތަޖުރިބާތަކުގެ ވާހަކައެވެ.
އޭނާ އެދިވަޑައިގަތީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު، އިންޖީނިއަރިން ފަދަ ރާއްޖެ އަށް ބޭނުންތެރި ދާއިރާތަކުން ކިޔެވުމަށެވެ.
މުއްތަލިބު ވިދާޅުވީ އިންޖީނިއަރިން ކަހަލަ ދާއިރާތަކަކީ ކިޔަވަން އުނދަގޫ ދާއިރާތަކަށް ވާތީ މިހާރަކަށް އައިސް އެ ދާއިރާތައް ދޫކޮށްލާފައި ކިޔަވަން ފަސޭހަ ދާއިރާތަކުން ކުދިން ކުރިއަށްދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މާލޭގައި މައިންބަފައިން ގާތުގައި ތިބެގެން ކިޔަވަން ބޭނުންވާތީ ރާއްޖޭގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ވެސް ކުދިން އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެކަށީގެންވާ ގޮތެއްގައި ކިޔެވުމަށް މަސައްކަތްކުރާ ނަމަ އެ ތަންތަނުގައި ވެސް ކިޔެވުމަކުން މައްސަލައެއް ނެތެވެ. އެކަމަކު، ބޭރަށް ކިޔަވަން ދިއުމަށް ފުރުސަތު ލިބިއްޖެ ނަަމަ އެ ފުރުސަތުގެ ބޭނުން ހިފުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގަތެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ "ކެމްޕަސް ލައިފް" އެއް ތަޖުރިބާ ކުރުމުގެ މުހިއްމު ކަމެވެ. ކިޔަވައިގެން ލިބޭ ނަތީޖާއާ އެއްވަރަށް ޔުނިވާސިޓީ ދިރިއުޅުމުގައި ލިބޭ ތަޖުރިބާއަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކުދިންނާ އެކު އުޅުމާއި އެ އުޅޭ މުޖުތަމައަކުން ދަސްވާ ކަންކަމަކީ ދިރިއުޅުމަށް ކުއްޖާ ތަމްރީނު ވާން މުހިއްމު ކަމެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އޭނާގެ ތައުލީމީ ހަޔާތުގެ އަމިއްލަ ތަޖުރިބާ ވެސް ހިއްސާ ކުރައްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބިވަޑައިގަތުމާ އެކު، ކިޔަވާ ވިދާޅުވުމަށް ލަންޑަނަށް ވަޑައިގަތީ އެކަނި ކަމަށާއި އެއީ ހަޔާތުގައި ރާއްޖެ އިން ބޭރަށް އޭރު ކުރެއްވި ދެވަނަ ދަތުރު ކަމަށް ވިދާޅުވި އެވެ.
އެ ގައުމުގެ ސަގާފަތާއި ދިރިއުޅުން ފެނިވަޑައިގެންފައި ހައިރާން ކަމެއް ލިބިވަޑައިގަތަސް މިވަގުތު ހުންނެވި މަގާމަށް ތައްޔާރު ކޮށްދިން މަގަކީ ލަންޑަނުން ދަސްވި ފިލާވަޅުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލަންޑަނުގައި ކަލްޗަރަލް ޝޮކެއް ލިބުނު. ފުރަތަމަ ދުވަހު ހިތަށް އެރީ މި ތަނުގައި ނުކިޔެވޭނެއޭ. ފާހެއް ނުވާނެއޭ ހިތަށް އެރީ. އެކަމަކު ދުވަސްތަކެއް ފާއިތުވެ، މާހައުލަށް ހޭނި ދަސްވީމަ އެނގުނީ ޔުނިވާސިޓީން ކިޔަވަނީ މަދު މިންވަރެކޭ. އެ މުޖުތަމައުން ދަސްކޮށްދިން އެއްޗަކުންނޭ އަޅުގަނޑު މިއަދު މި ހުރި މަގާމަށް ތައްޔާރު ކޮށްދިނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ ފުރުސަތު ލިބޭ ނަމަ، ކެމްޕަސް ލައިފް ލިބޭ ތަނަކުން ކިޔެވުން މުހިއްމު."
މިނިސްޓަރު ވިދާޅުވީ ހިސާބާއި ސައިންސް ފަދަ ސިކުނޑި ރަނގަޅަށް ތައްޔާރު ކޮށްދޭ މާއްދާތަކަކީ އުނދަގޫ މާއްދާތަކަށް ވިޔަސް އެއީ ދިރިއުޅުމުގައި މުހިއްމު މާއްދާތަކެއް ކަމަށެވެ.
"ކޮންސްޓްރަކްޝަން މިނިސްޓަރުގެ ހައިސިއްޔަތުން އެނގޭ، ސިވިލް އިންޖީނިއަރިން ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް މަދު. ރާއްޖޭ އިން ބޭރަށް ގޮސްގެން ކިޔަވާ އަދަދު ވެސް މަދު،" ކަންބޮޑުވުން ފާޅުކުރައްވަމުން މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކެބިނެޓް ބައްދަލުވުންތަކުގައި ވެސް އެކަމުގެ ކަންބޮޑުވުން ވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާ ވެސް ހިއްސާކުރައްވައިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރުކަމުގައި ފަސް އަހަރު ހޭދަކޮށްފައި. ސިނަމާލޭ ބްރިޖަކީ ފެށުނީއްސުރެ އަޅުގަނޑު ދަންދެން އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރިއަށް ދިޔަ ޕްރޮޖެކްޓެއް. އެކަމަކު އެ ހުރިހާ ތަޖުރިބާ އާއި ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީން ކިޔަވައިގެން އައިސް ވެސް އަޅުގަނޑަށް ވަޒީފާގެ ފުރުސަތެއް ނުލިބުނު،"--- މުއްތަލިބު
މުއްތަލިބު ވިދާޅުވީ ގައުމު އާރާސްތުކުރާއިރު ގައުމަށް މުހިއްމު ދާއިރާތަކުން ސްކޮލާޝިޕް ދީގެން ކިޔެވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެެވެ. އަދި ލޯނު ދިނުމުގައި ވެސް އިސްކަން ދޭންވީ އެ ދާއިރާތަަކަށް ކަމަށް ވިދާޅުވި އެވެ.
ދަރިވަރުންނަށް މިނިސްޓަރު ދެއްވި އަނެއް ނަސޭހަތަކީ ދިރިއުޅުމުގައި ކިތަންމެ ކާމިޔާބު މީހަކަށް ވިޔަސް ދަތިތަކާ ކުރިމަތިވާނެތީ އެ ކަމަށް ކުރިމަތިލުމަށް ތައްޔާރަށް ތިބުމަށެވެ.
ތަޖުރިބާގެ އަލީގައި މިނިސްޓަރު ވިދާޅުވީ ފަސް އަހަރު ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވުމަށް ފަހު 2017 ވަނަ އަހަރު ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވީ ތަޖުރިބާއާ އެކު ކަމަށެވެ. ކިޔަވައި ވިދާޅުވާން ފުރާވަޑައިގަތުމާ ހަމައަށް ވެސް ހުންނެވީ ސިނަމާލޭ ބްރިޖު މަޝްރޫއު ބެއްލެވުމުގެ ކަންކަމުގައި އެންމެ އިސްކޮށް ކަމަށާއި އަދި ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީން ކިޔަވައި ވިދާޅުވާން ލިބިވަޑައިގަތުމަކީ ވަޒީފާ ވަގުތުން ލިބިވަޑައިގަންނަވާނެ ކަމެއް ކަމަށް ގަބޫލު ކުރެއްވި ކަމަށެވެ.
އެކަމަކު ކިޔެވުމަށް ފަހު ވަޑައިގެން ރާއްޖެއިން ވަޒީފާ ނުލިބި، ވަރަށް ބޮޑަށް ހާސްވި ކަމަށް ވިދާޅުވި އެވެ.
"ޑެޕިއުޓީ މިނިސްޓަރުކަމުގައި ފަސް އަހަރު ހޭދަކޮށްފައި. ސިނަމާލޭ ބްރިޖަކީ ފެށުނީއްސުރެ އަޅުގަނޑު ދަންދެން އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރިއަށް ދިޔަ ޕްރޮޖެކްޓެއް. އެކަމަކު އެ ހުރިހާ ތަޖުރިބާ އާއި ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީން ކިޔަވައިގެން އައިސް ވެސް އަޅުގަނޑަށް ވަޒީފާގެ ފުރުސަތެއް ނުލިބުނު،" މުއްތަލިބު ވިދާޅުވި އެވެ.
އެކަމަކު އެ ހާލަތުގައި ވެސް ވިސްނެވީ ކިޔެވި ދާއިރާއަކުން ކުރިއަށް ވަޑައިގަތުމަށް ކަމަށާއި އެކުވެރިއަކާ އެކު ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ފެއްޓެވީ އެ އުނދަގޫތަކާއި ދަތި ދުވަސްތަކަަކަށް ފަހު ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެހެންވެ، މާތްﷲ އަށް ވަކީލު ކުރުމާ އެކު ލިބިވަޑައިގެންފައިވާ އިލްމާއި ތަޖުރިބާއާ އެކު ކުރިއަށް ދާނަމަ، ކާމިޔާބު ލިބޭނެ ކަމަށާއި އޭރުން ވަކި ބައެއްގެ ދަށުން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ސަލީމު
20 June 2025
"އެހެންވެ، މާތްﷲ އަށް ވަކީލު ކުރުމާ އެކު ލިބިވަޑައިގެންފައިވާ އިލްމާއި ތަޖުރިބާއާ އެކު ކުރިއަށް ދާނަމަ، ކާމިޔާބު ލިބޭނެ ކަމަށާއި އޭރުން ވަކި ބައެއްގެ ދަށުން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ." ވަކި ބައެއްގެ ދަށުން މަސައްކަތް ކުރަން ނުޖެހޭނެއޭ މުއްތަލިބު އެބުނަނީ ކިހިނަކުން ކަމެއް ނޭނގޭ. އޭނާ ދެކޭގޮތުގައި މިހާރު ހުރި މިނިސްޓްރު ކަމަކީ މީނާގެ އާއިލީ ވިޔަފާރިއެއްގެ މަޤާމެއް ކަމުގައިތޯ މިދެކެނީ.
އަލީ ސަލީމު
20 June 2025
""ކޮންސްޓްރަކްޝަން މިނިސްޓަރުގެ ހައިސިއްޔަތުން އެނގޭ، ސިވިލް އިންޖީނިއަރިން ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް މަދު. ރާއްޖޭ އިން ބޭރަށް ގޮސްގެން ކިޔަވާ އަދަދު ވެސް މަދު،" ކަންބޮޑުވުން ފާޅުކުރައްވަމުން މުއްތަލިބު ވިދާޅުވި އެވެ." މަދުވެފައި ފެންވަރު ދަށްކަން އެބައެންގޭތާ. ސިވިލް އެންޖިނިއަރުންނާއި، އިމާރާތްކުރުމުގެ މިންގަނޑު ބަލަހައްޓާ މިނިސްޓްރީ އަނދައިގެން ދިޔައީ އިމާރާތުން ފެންވަރު ސަލާމަތީ ވަރަށް ނުހުރެގެން.މީގައި އިހުމާލުވާ މީހާ އަދިވެސް އެހުރީ
އަލީ ސަލީމު
20 June 2025
"އެ މުޖުތަމައުން ދަސްކޮށްދިން އެއްޗަކުންނޭ އަޅުގަނޑު މިއަދު މި ހުރި މަގާމަށް ތައްޔާރު ކޮށްދިނީ،" މިނިސްޓަރު ވިދާޅުވި އެވެ." މުއްތަލިބަށް ލަންޑަނުން ކޯޗެއްބާ މިދަސްކުރީ މިނިސްޓަރުކަން ކުރަން. އެބަޖެހޭ އަހާލަން. އެއީ ޔުނިވާ ސިޓީތަކަކީ މިނިސްޓަރުން ބިނާކުރާ ތަންތަނެއް ނޫން. ފެންނަ އެއްޗަކީ މުއީޒުއާއިއެކު ޔޫކޭގައި ކިޔެވި ގިނަ ބަޔަކު ސަރުކާރުވެ އިސް މަޤާމުތަކަށް މުއީޒު ލާފަ ހުރިކަން
އަލީ ސަލީމު
20 June 2025
"އެ ގައުމުގެ ސަގާފަތާއި ދިރިއުޅުން ފެނިވަޑައިގެންފައި ހައިރާން ކަމެއް ލިބިވަޑައިގަތަސް މިވަގުތު ހުންނެވި މަގާމަށް ތައްޔާރު ކޮށްދިން މަގަކީ ލަންޑަނުން ދަސްވި ފިލާވަޅުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ." އެބުނަނީ މިވެރިން ޔޫކޭގައި ވެރިކަން ހިންގަން ރޭވިގޮތްކަމަށް ބޮޑަށް ބެލެވެނީ. މުއީޒުގެ ސަރުކާރުގައި ޔޫކޭގައި އެއްކޮށް އުޅުނު ކިޔައް މީހުން ތިބިތޯ ބައްލަވާލައި.
އަލީ ސަލީމު
20 June 2025
"ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ "ކެމްޕަސް ލައިފް" އެއް ތަޖުރިބާ ކުރުމުގެ މުހިއްމު ކަމެވެ." ރާއްޖޭން ބޭރުން ކިޔެވުން މުހިންމު. އެކަމަކު މީއެއްނޫން ސަބަބަކީ. ސަބަބަކީ ރާއްޖޭގެ ފެންވަރު ދަށްވުމާއި، ހަޤީޤީ ދުނިޔެއެއްގައި މަސައްކަތު މާހައުލުގައި ކަންތައް ހިނގާގޮތް ދަސްވުން. އަދި އަމިއްލަ ސިކުނޑި މިނިވަންކަމާއެކު ދާއިރާގައި ވިސްނަން ދަސްވުން. ރާއްޖޭގައި މިހާރު އޮންނަނީ ވަކިބަޔަކަށް ވަޒީފާދޭ އާޓިފިޝަލް މާހައުލެއް.
އަލީ ސަލީމު
20 June 2025
"އޭނާ އެދިވަޑައިގަތީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު، އިންޖީނިއަރިން ފަދަ ރާއްޖެ އަށް ބޭނުންތެރި ދާއިރާތަކުން ކިޔެވުމަށެވެ." ރާއްޖޭގައި އިންޖިނިއަރުން ބޭނުންވިޔަސް، އިންޖިނިއަރިން ދާއިރާގައި ކިޔަވާ އެއްޗެއް ބޭނުންކޮށް ތަރައްޤީކުރުމުގެ ފުރުސަތެއް ސަރުކާރަކުން ނުދޭނެ. ހުރިހާ ބޮޑެތި މަޝްރޫޢުތަކުގެ ކޮންސަލްޓަންޓުންނަކީ ބޭރު މީހުން. ލޯކަލީ މީހަކު ހުއްޓަސް ހުންނާނީ ކޮންސަލްޓަންޓަކަށް ނަގާމީހާ.
އަލީ ސަލީމު
20 June 2025
"ޕީއެޗްޑީގެ "ތޮފި" އަޅުއްވައިގެން ރާއްޖެ ވަޑައިގެން އުޅުއްވަން ޖެހިވަޑައިގަތީ ވަޒީފާ އަށް "ސަލާން ޖެހުމުގަ" އެވެ. ވަޒީފާ ދޭނެ މީހަކު ނުވި އެވެ." ވަޒީފާ ނުލިބުނު އެންމެ ގައި ސަބަބަކީ މުއްތަލިބަށް ލިބިަފައިވާ ތަޖްރިބާއަކީ، އެކުވެރިޔާ މުއީޒު ދިން މަޤާމެއްގައި ހައުސިން މިނިސްޓްރީގެ ބޮޑެތި މަޝްރޫޢުތައް މަތިން ބުނާގޮތަކަށް ހިންގުމުގެ ތަޖްރިބާ، މީހުން ނުބަލަ މިފަދަ ތަޖްރިބާއަކީ އެސެޓެއްކަމަކަށް.
އާދަމް ސަލީމް
20 June 2025
"ސިނަމާލެ ބްރިޖުގެ މަޝްރޫއުގެ ކަންކަން ބެލެހެއްޓުން އޭރުގެ ޑެޕިއުޓީ މިނިސްޓަރު މުއްތަލިބާ ހަވާލު ކުރެއްވީ އޭނާގެ ތަޖުރިބާ ވެސް ހުރުމުންނެވެ." ޑެޕިއުޓީ މިނިސްޓަރަކަށް މުއްތޮލިބް އައިއރު މަޝްރޫޢެއް ހިންގުމުގެ ތަޖްރިބާ ހުރި ބޭފުޅެއްނޫން އެއީ، މުއީޒުގެ ރައްޓެއްސަކަށްވާތީ މީނާއާއި ފަޔާޒަށް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންދިނީ. އެވަގުތު އެންޖިނިއަރިންގގެ ދާއިރާއިން ކިޔަވައިގެން ޓެކްނިކަލް އަދި ހިންގުމުގެ ތަޖްރިބާހުރި އެތައްބަޔަކު ތިބި
ސަމްސިއްޔާ
20 June 2025
އެހެންވީމަ ތިނުބަނީ ސިއާސީވެގެންނޭތަ ވަޒީފާ ލިބޭނީ؟؟
ފަޒޫލް
20 June 2025
ކުރީ ސަރުކާރޭ ކިޔަން އުޅޭހެން ހާދަ ހީވެޔޭ!! ގޯތިތައް ..