އަބްދުއްރަހުމާންގެ ހަށިގަނޑު ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު ބަޔަކު ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
13 ޖުލައި 2025 - 15:18
އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މާލެ ފޮނުވައިލަން ނިންމައިފި އެވެ.
މި ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޭނާ ނިދާފައި އޮއްވައި ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފަ އެވެ.
އޭނާގެ ހަށިގަނޑު މި ވަގުތު މި ރަށު ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު އޮޓޮޕްސީ އަށް ހަދަން މާލެ ފުރުވައިލަން ވަނީ ނިންމައިފަ އެވެ. އާއިލާގެ މީހުންނަށާއި ރަށުގެ މީހުންނަށް މޫނު ދެއްކުމަށް ފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލާނެ އެވެ.
ނަމަވެސް އާއިލާ އިން ބުނީ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ތަހުގީގަށް ހުރަސް އަޅަނީކީއެއް ނޫން. އެކަމަކު އެއީ ހަށިގަނޑަށް ދެވޭ އިތުރު ގެއްލުމެއް ކަމަށް ބެލެވޭތީ ބޭނުން ނުވަނީ އެކަން ކުރަން،" އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަބްދުއްރަހުމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް ދިރިއުޅެނީ އަންހެނުންގެ މާހިޔަ ގޭގަ އެވެ. އެ ދެމަފިރިން ނިދަނީ ދެ ކޮޓަރީގައި ކަމަށް ވާއިރު އަބްދުއްރަހުމާނަށް ހަމަލަ ދިން ކަން ނާޒިމާ ފާހާނައަކަށް އެ ކޮޓަރިއަށް ވަން ވަގުތު އެވެ. އޭރު ފިރިމީހާ ދިޔައީ މަރަށް ތެޅެމުން ކަމަށް ނާޒިމާ ބުންޏެވެ.
"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" އއ. މާޅޮހުގެ ސިއްހީ މަރުކަޒުގައި ފިރިމީހާގެ ހަށިގަނޑު ބާއްވާފައި ވާތީ އެ ތަނުގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ނާޒިމާ ކިޔައިދިނެވެ.
ހަމަލަދީފައި ނުކުމެގެން ދިޔަ މީހާގެ ފައިގެ ނިޝާން ވެސް ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.
މިއީ ކުށް މަދު ރަށަކަށް ވާތީ ގިނަ ގޭގެ ތަޅެއް ނުލަ އެވެ. އެގޮތުގެ މަތިން އަބްދުއްރަހުމާންގެ ދެމަފިރިން ވެސް ނިދަނީ ގެ ތަޅުނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާއިލާގެ ބަސް
13 July 2025
މި ފަހަރު އާއިލާގެ ބަހަށް ހެއްލި އޮޓޮޕްސީ ނަހަދާ ދޫނުކުރާތި. ބަލަންޖެހޭ ހުރިޙާ އެއްޗެއް ބަލާތި. ބޮލަށް ލިބުނު ގެއްލުމުން މަރުވިކަން އެނގުނަސް ހަމަލާ ދިނީ ކޯޗަކުން ކަމާއި ހަމަލާ ދެވުނު ގަޑިއާއި އަދިވެސް ލައްކަ އެއްޗެއް އޮޓޮޕްސީއިން އިނގޭނެ. ފަހުން ފުލުހުން ބޮލުގަ ތި އަޅުވާނީ އިންސާފޭ ކިޔާފަ.
ހަލޯ
14 July 2025
ޖަމިއްޔާ ކޭސްގަ އާއިލާއިން ބުނެގެނެއްނޫން މާލެ ގެންގޮސް އޮޓޯޕްސީނަހަދާ ރަށައް ފޮނުވާލީ.. އިންސާފު ހޯދަން އަޑު އުފުލަން ޖެހެނީ އިންސާފެއް މިތާ ނުލިބޭތީ... ފުލުހުން އެމީހުންގެ ޒިންމާ ރަނގަޅަށް އަދާކުރާ ނަމަ އެމީހުނާ އިދިކޮޅައް ކިޔާނޭ އެއްޗެއް ނޯންނާނެ ހެން ހީވަނީ
އާދަނު123#
13 July 2025
މަރުވި ގޮތް އެނގޭ ދެން ކޮން އޮޓޮޕްސީއެއް ހަދާކަށް، ބޮލުގާ މަރުތެޔޮ ކަހަލަ އެއްތަކުން ޖަހާ ސިކުނޑިވެސް ބޭރުގަ އޮތް ކަމަށްވަނީ އެވަރު ވީމަ މަރުވާނެ، ދެން ކޯޗެއް ހޯދަން މައްޔިތާ ކޮށާ މަށާފަ އޮޓޮޕްސީ ހަދާކަށް، އެކަން ކުރި މީހުން ހޯދަބަލަ