"އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި."
އަބްދުއްރަހުމާން ދިރިއުޅޭ ގެ ކައިރި ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
13 ޖުލައި 2025 - 14:41
ނާޒިމާ އިބްރާހިމް އޭނާގެ ފިރިމީހާގެ ކޮޓަރިއަށް ރޭ ދަންވަރު 1:30 ހާއިރު ވަނީ އެ ކޮޓަރީގެ ފާހާނާ ބޭނުންކޮށްލުމަށެވެ. އެކަމަކު، އެހެން ރޭތަކާ މުޅިން ތަފާތުކޮށް ނާޒިމާ އަށް އިވުނީ ފިރިމީހާ އަބްދުއްރަހުމާން އާދަމް 65، "މަރަށް ތެޅޭ" އަޑެވެ. ވަރަށް ގަދައަށް ހަޅޭއްވަ އެވެ. ހޭވެރިކަން ނެތް ކަން އެނގެ އެވެ.
"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" އއ. މާޅޮހުގެ ސިއްހީ މަރުކަޒުގައި ފިރިމީހާގެ ހަށިގަނޑު ބާއްވާފައި ވާތީ އެ ތަނުގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ނާޒިމާ ކިޔައިދިނެވެ.
މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހްމާން، ރޭ ދޭއްޖަހަން އުޅެނިކޮށް ޒަހަމްތަކަކާ އެކު އޮއްވާ ފެނުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އެކަމަކު ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
މާޅޮހުގައި އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް ބަންދުކޮށްފައި.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު
މި ރަށު ކައުންސިލް އިދާރާގައި މަސައްކަތްކުރާ ނާޒިމާގެ ފިރިމިހާ އަބްދުއްރަހުމާން މަރަށް ތެޅޭ ތަން ފެނުމުން، ނާޒިމާ ފުރަތަމަ ގުޅީ މާލޭގައި އުޅޭ އޭނާގެ ދަރިފުޅަކަށެވެ. އޭގެ ފަހުން، މި ރަށުގެ އެކި މީސްމީހުންނަށް ގުޅި އެވެ. ރަށުގެ ބައެއް މީހުންގެ އެހީތެރިކަމާ އެކު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އެކަމަކު ބޮލަށް ދީފައިވާ ހަމަލަތަކެއްގެ ބޮޑުކަމުން ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.
އާންމުކޮށް މަސްވެރިކަމުގައި އުޅޭ އަބްދުއްރަހުމާނާއި ނާޒިމާ ދިރިއުޅެނީ ނާޒިމާގެ ގެ މާހިޔައިގަ އެވެ. އެ ދެމަފިރިންގެ ދެ ކުދިން އުޅެނީ މާލޭގަ އެވެ.
"ގޭގައި ދޮންވެލި ލާފައި އޮންނާތީ މީހެއްގެ ގުންފައި ވަރަށް ރަނގަޅަށް ފާހަގަވި. ވަދެފައި ދިޔަ މީހެއްގެ ފައި ވަރަށް ރީއްޗަށް އެނގެން ހުރި،" ނާޒިމާ ބުންޏެވެ.
ހަމަލާގެ ސީރިއަސް ކަން ކިޔައިދޭން މި ރަށު މީހަކު ބުނީ، އަބްދުއްރަހުމާންގެ ބޮލުގެ އެއްފަޅިން "ސިކުނޑި ވެސް ފެންނަން ހުރި" ކަމަށެވެ. އެއް ލޮލުގައި ބާރަށް އެއްޗަކުން ޖެހުމުން އޮތީ ވަރަށް ބޮޑަށް ނޫފައިގެންފަ އެވެ.
"ބޮލުގެ ތިރިން ވެސް ޒަހަމް ހުރި. އަޅުގަނޑު ބުނާނީ ސީދާ މަރާލަންށޭ ހަމަލަ ދީފައި ހުރީ. ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައި ހުރީ،" ހަށިގަނޑު ފެނުނު މީހަކު ކިޔައިދިނެވެ.
މާޅޮހުން ދިމާވާ ކޮންމެ މީހަކު ވެސް ބުނަނީ މިއީ ވަރަށް އަމާން ރަށެއް ކަމަށެވެ. ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ މާޅޮހުގައި ދުވަކު ވެސް މިފަދަ ކަމެއް މިހާތަނަށް ނުހިނގަ އެވެ.
"މި ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ނިދާނީ ދޮރު ތަޅުލައިގެނެއް ނޫން. އަބްދުއްރަހުމާންބެ މެން ވެސް ހަމަ އެހެން. ގޭގެ ދޮރު ތަޅެއް ނުލާނެ. އެއީ މި ރަށުގައި އެ ފާޑުގެ އެއްވެސް ކަމެއް ނުހިނގާތީ ދުވަހަކު ވެސް. ވައްކަމެއް، ޑްރަގެއް މީހުން މެރުން ދުވަހަކު ވެސް އޮތް ރަށެއް ނޫން މިއީ،" ރަށުގެ އިސް މަގާމެއްގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު، މާޅޮހުގެ ބައެއް މީހުން މަރުކަޒު ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފުލުހުން މިހާރު ވަނީ އަބްދުއްރަހުމާން ދިރިއުޅޭ ގެ އެއްކޮށް ބަންދުކޮށްފަ އެވެ. އެ ސަރަހައްދަށް ވެސް އެއްވެސް ބަޔަކަށް ނުވަދެވެ އެވެ. ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދޭތީ އިތުރު ތަފުސީލެއް ނުލިބެ އެވެ.
މި ރަށުގެ ދެ ސަރަހައްދެއްގައި ކެމެރާ ހަރުކޮށްފައި ހުރެ އެވެ. އެކަމަކު އެއީ އަބްދުއްރަހްމާން ދިރިއުޅޭ ގެއާ ވަރަށް ދުރުގަ އެވެ.
މާޅޮހުން ވާހަކަ ދެއްކި އެންމެން ވެސް ތިބީ ޝޮކެއްގަ އެވެ. މިހާ އަނިޔާވެރިކޮށް އޭނާ މަރާލަން ޖެހޭ އެއްވެސް ސަބަބެއް އެ މީހުންނަކަށް ނުވިސްނެ އެވެ.
އޭނާގެ މަރާއެކު ސިހުރުގެ ވާހަކަތަކެއް ދެކެވުނަސް، މީގެ ކުރިން އޭނާގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް ނެތް ކަމަށް ރަށު މީހުން ބުނެ އެވެ.
އެންމެން ވެސް ބުނާ ގޮތުގައި އަބްދުއްރަހުމާނަކީ މީހުންނާ ގުޅޭ އަދި އާދައިގެ ގޮތަކަށް އުޅޭ މީހެއް ކަމަށެވެ. އާމްދަނީ ހޯދަން ކަންނެއްޔަށް ގޮސް އުޅެ އެވެ. އަދި ވަރަށް ގިނައި އުކުޅަހަށް ވެސް ގޮސް ހަދަ އެވެ.
"މަސްވެރިކަމާ ގުޅޭ ކަންކަމުގައި އުކުޅަހުގައި ވަރަށް ގިނައިން އުޅޭނެ. މީގެ 2-3 ދުވަސް ކުރިން ވެސް އުކުޅަހުގައި އުޅެފައި އައީ،" އަބްދުއްރަހުމާންގެ ގާތް މީހަކު ބުންޏެވެ.
"އެއީ ވަރަށް ހެޔޮލަފާ މީހެއް. އޭނާގެ ފަރާތުން ގޯސް ކަމެއް ފާހަގައެއް ދުވަހަކު ވެސް ފާހަގައެއް ނުވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
13 July 2025
ބަންގާޅިން ދިވެނިންނާމެދު މިގޮތަށް އަނިޔާވެރިވެފައި މީގެކުރިންވެސްވޭ، ބަންގާޅިން ދިވެހިންމެރި ދެހާދިސާއެއް މިނޫހުންގެނެސްދިން ހަނދާނެއްވޭ، މިކަންވެސް ޓެކުނިކަލީވިސްނާއިރު ވައްތަރުވަނީ ބަންގާޅީއެއްގެ އަމަލަކާ، މީގެކުރިން މީހުންމަރާފާ ލޯންޗްގަ ބަންގާޅިން ފިލަން އެހެންރައްރަށަށްގޮސްފައިވެސްވޭ، މިއުމުރުގެމީހަކަށް ދިވެހިން މިހާއަނިޔާވެރިވާނެކަމަކަށް އަޅުގަނޑުގެ ވިސްނުންގަބޫލެއްނުކުރޭ! ބަލަމާ ތަހުގީގުންއެނގެކީކޮންކަމެއްތޯ! ތަހުގީގުންކަމެއްހާމަކުރާނެބާ؟
raajje
13 July 2025
އަނބިމީހާއާ ފިރިމީހާ ވަކިދެކޮޓަރިއެއްގައުޅޭކަމަށް އާޓިކަލްއިންދޭހަވަނީ! ދެންފާހަގަކުރެވުނީ ނިދަމުންވެސް ގޭގޭގެދޮރުތައް ތަޅުނުލާވާހަކަ، ވައްކަން ކުރިޔަސް އަދި ނުކުރިޔަސް ގައިމު ތިޔަރަށުގައިވެސް މީހުންގެ އަނބިންނާ ރީތި ފުރާވަރުގެ އަންހެންކުދިންތައްވެސް އުޅޭނެތާ! އެހެންވީމާ ތަޅުނުލާނިދުމަކީ މޮޔަކަމެއް، އަމާންރަށެކޭ ހިތިޔަސް ތިއޮތީއަމާންނޫންކަން ހާމަވެފަ، ކަމެއްވުމުގެކުރިންރައްކާތެރިވާންޖެހޭ،
raajje
13 July 2025
ފުލުހުންގެތަހުގީގުދަނީ ކުރިޔަށް، އަޕުޑޭޓެއްބޭނުމިޔާމުޒާހަރާކުރޭ! އަޕުޑޭޓެއްދޭންމަޖުބޫރުވާވަރަށް މުޒާހަރާކުރެވިއްޖެއްޔާ ނިއުސްބުރީފިންގބާއްވާފަ ކޮންމެވެސް އަރަތެއްކިޔާދޭނަން، ހަނދާންވޭތަ ދާދިފަހުން ގުދަނެއްގެމައްޗަށްވެއްޓިފައޮތް ޔުމްނުމަތިން؟ ފުލުހުންމިކަންތަހުގީގުކުރި އިރުވެސް އަދި ރައީސްއުފެއްދެވި ކޮމިޝަނުންތަހުގީގުކުރިއިރުވެސް ޔުމްނުގެ ބަހެއްނުލިބެޔޯ؟ އޭނަގެބަހެއްނުލާ ކިހިނެއްތަހުގީގުފުރިހަމަކުރާނީ؟ އާއިލާއިންފުރުސަތުނުދިނަސް ބަސްނަގަންޖެހޭ
އައިމިނާ
13 July 2025
ހިތަށް އަރާ އެގަޑީގަ ފިޔަވަޅު ހުރިތޯ ނެތްތޯ ބެލިދާނެ ބާއޭ އަޅުގަނޑު ނަމަ. ހިތަށްއަރާ އެގަޑީގަ ފޯނުން ގުޅިދާނެ ބާއޭވެސް އަޅުގަނޑުނަމަ. އަދި އަވަށުމީހުންނަށް އެހީއަށްއެދި ނުގޮވާ ހުރެވޭނެ ބާއޭވެސް ހިތަށް އަރާ. އަޑުގެ ކޮޅަށް ނުގޮވާހުރެވޭނެ ބާއޭވެސް ހިތަށް އަރާ. ޚިޔާލަކީ ތަފާތު އެއްޗެއް.
ޒައިކް23
13 July 2025
އެ ގަޑީގައޭ އެބަ އޮތްތަ ފިޔަވަޅު ފެނުނީ؟ އެ ވެދާނެ ހެނދުނުކަމަށްވެސް.. ކަމެއް ދިމާވީމަ އެނގޭނީ ހާސްވެގެން ތެޅެންޖެހޭ ވަރު
ވަރަށް އެހެން ކަހަލަ ދެން
14 July 2025
އަނބިމީހާ އަށް އޭގެ ކުރިން އެއްވެސް އަޑެއް ނީވޭބާ؟ މަރަށް ތެޅޭ އަޑު އިވުނީ ކޮޓަރިއަށް ވަނީމަ ބާ؟ ޖެހިގެން ހުންނަ ކޮޓަރީގަ މީހަކު ޗަސް ކޮށްލާ ކޮށާމަށާ ހަދާ އިރު އަޑު ނީވުމަކީވެސް ވަރަށް ސުވާލު އުފެދޭ ކަމެއް. ރޭގަނޑުގެ ކަޅު އަނދިރި ކަމަކީ ސާލެއްގެ ތެރޭގައި ސިއްރުތަކެއް ވަޅުޖެހިގެންދާ ވަގުތުތަކެއް.
ރަދީފްއޮފިޝަލް / ހިތާމަވެރި ދުވަހެއް
13 July 2025
ވަރަށް ފުރިހަމަ އާޓިކަލެއް. ނަމަވެސް މިކަހަލަ އާޓިކަލްތަކުގަ "ރީޑަރ ޑިސްކްރީޝަން" ނޯޓިސް ހިމަނަން ޖެހޭ ކަމަށް ދެކެން.މިހާ ގްރެފިކްކޮށް ސީން ގެންނައިރު އެއީ ނޫސްވެރިކަމުގަ ގެންގުޅޭ ކަމެއް.އާޓިކަލް ކިޔާ ނިމުނުއިރު އަހަރެންގެ ދެފައި ބިންމަތީގަ ހަރުނުލާ.މީހާއަށް ގޮތެއްވިި ހަމަ ޔަގީނުން ވެސް.
ހަފަރާތުން
13 July 2025
އެއްވެސް ރަށެއްގަ ހާދިސާއެއް ހިނގައިގެން އެ ރަށުމީހުންގެ ފަރާތުން އެރަށު މީހުންގެ އެއްވެސް ނުބައި ވާހަކައެއް ކިޔައިނުދޭ. ނުބައި މީހަކު އުޅޭ ކަމަކަށް ނުވޭ. އެހެންވީމަ ދެން ޖެހިގެން އޮތް ރަށްތަކުން އެ މައުލޫމާތު ރަގަޅަށް ހޯދޭނީ. އެހެން ރަށްރަށުގެ ވާހަކަ ދައްކަން ބައެއް ރަށްރަށުގަ ތިބޭ މީހުން ވަރަށް ފޯރި ހުރޭ.
ރަދީފްއޮފިޝަލް / ފިތުނަ ބެރާ
13 July 2025
އެއަށް ކިޔަނީ "ފިތުނަ އާއި ހަސަދަ".އެއީ މުސްލިމުންގެ މެދުގަ އޮންނަން ޖެހޭ ކަމެއް ނޫން.
އަށްކޮ
13 July 2025
ފުލުހުން ރަށު ރައްޔިތުންނަށް ރަށުން ފައިބައިގެން ނުދެވޭ ގޮތައް ރަށުން އަރައިފޭބުން ބަންދު ކުރިބާ؟
ރަދީފްއޮފިޝަލް / ބްރޭކިން
13 July 2025
ޔޭސް.މިކަމާއި ގުޅޭ އެންމެ ފުރަތަމަ ބްރޭކިންގަ އެވާހަކަ އޮތް.
ާސުހާނާ
13 July 2025
ލިޔެފައި ހުންނަ ބައެއް އެއްޗެހިދޯ "އަށްކޮ" އަށް ފެންނަނީ؟ ވަކިވަރަކަށްވުރެ ސިޔާސީވެފައި ވަކި ފަރާތަކަށް ޖެހުނީމައި ވާނީ ތިޔަހެން.
އަށްކޮ
14 July 2025
ކޮންމެ ކަމަކީ ސިޔާސީ އޭކިޔާގެން އޮއްބާލަން ތީހަމަ ސަޅި ޓެކުޓިހެއް އެކަމު ހަޤީގަތަކީ އެއްވެސް ތަހުގީގެއް އެއްވެސް އިންސާފެއް ނުލިބޭނެތީ. ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުވާ ދޭޗެއް އޮވޭ އެކައްޗަކީ ﷲ ދެނެވޮޑިގެންވާކާން ދެވަނައެއްޗަކީ ދިވެހިރާއްޖޭގަ އިންސާފަކީ ވަކި ބައެއްގެ ހައްގެއްކަން.
ހަބީބު.
13 July 2025
ހިޔެއްނުވޭއިންސާފު ލިބޭނެ ހެނެއްދައްތާ ޅެމުން އިންސާފެއް ލިބޭތޯ ބެލުން ދެންއޮތީ
ނުލިބޭނެތާ
13 July 2025
ރަށު މީހުން ރަށުގެ ނަން ރީތިކުރަން ރަށު މީހުން ހިމާޔަތްކުރާހާ ދުވަހަކު މާ ދުރުން އަރާ ފުލުހުންނަކަށް އެއްޗެއް ނުހޯދޭނެ
އަސޭލާ
13 July 2025
ވަރަށް އަމާން ރަށެއް ތިވަރަށް އަމާންވާނީ
ކިމް
13 July 2025
ސަސްޕިޝަސް ވަރަށް. ހަމަ އަޑު ނީވޭ؟ ދަންވަރު ހާދަ ހިމޭންވާނެޔޭ