އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވާ ނުރައްކާތެރި ގޮތަކަށް ބޮލަށް ހަމަލާދީގެން އަބްދުއްރަހްމާން އާދަމް މަރާލި މައްސަލާގައި މުހިންމު ހެއްކެއް ކަމަށްވާ ޑީއެންއޭ ރިޕޯޓް އަދިވެސް ނުނިމޭ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލާގައި އެރަށު ތިން މީހަކަށް ދައުވާކުރެ އެވެ. އެގޮތުން ނުރައްކާތެރި ހަތިޔާރަކުން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެރަށު ފިޔަ، އަހުމަދު އާޝިދުގެ މައްޗަށް ކުރާއިރު، އެކަމުގައި ބައިވެރިވިކަމުގެ ދައުވާ ކުރަނީ އެރަށު ރަށު ލިލީފެހި، މުހައްމަދު ވިސާމާއި ފިނިވާގެ، އަހުމަދު ފާރިސްގެ މައްޗަށެވެ. 

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. 

މިއަދުގެ އަޑުއެހުމުގައި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ދައުވާ އިއްވި އެވެ. އަދި ޝަރީއަތުން ތިން މީހުންނަށް ވެސް ދައުވާއަށް ޖަވާބުދާރީވާން އެންގި އެވެ. ނަމަވެސް، ތިން މީހުންގެ ވެސް ވަކީލް ޝައްޔާހު ހަލީލު ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް މައްސަލައިގެ ހިމެނޭ ޑީއެންއޭ ރިޕޯޓް މުހިންމު ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެ ރިޕޯޓާ މެދު ގޮތެއް ނިންމައިދިނުމަށް ވަކީލް އެދުނެވެ. 

ދައުލަތުގެ ވަކީލް ވިދާޅުވީ ޑީއެންއޭ ރިޕޯޓް މިހާތަނަށް ވެސް ނުނިމޭ ކަމަށެވެ. އަދި އެ ނޫން ހުރިހާ ލިޔެކިޔުމެއް ދައުވާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. 

ދައުލަތުން ވަނީ އެ މައްސަލާގައި ޖަވާބުދާރީވުމުގެ ކުރިން ވަގުތީ އަމުރަކަށް އެދެން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް، އެ އަމުރުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމާނެ އެވެ. 

ދައުލަތުން އެދިފައިވަނީ އާޝިދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު، ތިން މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށެވެ. އަދި ވިސާމާއި ފާރިސްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު ދެ މިލިއަން ރުފިޔާ އާއި ފަސްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ދައުލަތުން އެދުނެވެ. 

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލި މައްސަލައިގެ ތުހުމަތަށް އެ ތިން މީހުން މިދިޔަ އޮގަސްޓް މަހު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ގޭގައި ނިދާފައި އޮއްވާ ދިން އެ ހަމަލަތަކާ ގުޅިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. އޭނާއަށް ހަމަލާދީފައި އޮއްވާ ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެރޭ ދަންވަރު 1:50 ހާއިރު އެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވާ އެ ގެއަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި އެ ކޮޓަރީގެ ސީލިންގާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.