މީގެ 10 އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ. 

ފާތިރު މަރާލި މައްސަލައިގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. 

އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު އިއްޔެ ކްރިމިނަލް ކޯޓުން ކަނޑައެޅީ އިރުފާންގެ މައްޗަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުވާ ކަމަށެވެ. 

މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ޝަރީއަތުގެ ރިޕޯޓް ކޯޓުން ހާމައެއް ނުކުރެ އެވެ. އެހެންވެ، ކޯޓުން އެ ނިންމުމަށް ވާސިލުވި ގޮތުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ. 

ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ހައްޔަރުކުރީ އިތުރު ތިން މީހަކާ އެކު ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އެ މީހުން ދަތުރުކުރި ލޯންޗު ކާޑެއްދުއާ 12 މޭލު ބޭރުގައި އޮއްވައި ތެޔޮ ހުސްވެ ހާލުގައިޖެހިގެން ތިނަދޫ އަށް ގެންދިއުމަށް ފަހުގަ އެވެ. އިރުފާން ލޯންޗު ތެރޭގައި އިންކަން ފުލުހުންނަށް އެނގުނީ އޭގައި ތިބި މީހުންގެ މައުލޫމާތު އޮޅުންފިލުވި ހިސާބުންނެވެ. އެއީ ފާތިރު މަރާލިތާ ތިން އަހަރު ފަހުން، 2019 ވަަނަ އަހަރު އެވެ. 

އިރުފާން ފެނިފައި ވަނީ ފާތިރު މަރާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އޭނާ ހޯދަން އިއުލާން ކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އިރުފާން ހޯދުމަށް ޖޫން، 2016 ގައި ފުލުހުން ވެސް އިއުލާން ކުރި އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ނުފެނެ އެވެ.

ފާތިރު މަރާލުމުގެ އެއް އަހަރު ކުރިން އިރުފާން 2015 ގައި ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް 2016 ވަނަ އަހަރު މާރާމާރީ ހިންގި އިރު، އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެ އެވެ.

ޖޫން 2016 ގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހަރައި ފާތިރު މުހައްމަދު މަރާލި އެވެ.

ފާތިރު މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ. ފުލުހުން އޭރު ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ.