ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ މައްޗަށް މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމަ އާއި ބައްޕަ މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބަައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި ފުވައްމުލަކު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޝުހާދުގެ މައިންބަފައިންގެ ބަސް ވަނީ ހޯދައިފަ އެވެ. ފުވައްމުލައް ކޯޓު މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގައި ވާހަކަ ދައްކަމުން ޝުހާދުގެ މަންމަ އަދި ބައްޕަ ބުނީ ދަށު ކޯޓުގައި ވެސް ބުނެފައިވާ ފަދައިން އެމީހުން ބޭނުން ވަނީ ފަރީދުގެ ކިބައިން މަރަށްމަރު ހިފަން ކަމަށެވެ.
ޝުހާދުގެ މަންމަ އާއި ބައްޕައަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ކުރިން އެމީހުންނާ އެއްވެސް ވާހަކައެއް ދައްކަން ފަރީދު ބޭނުންތޯ ޝަރީއަތުން އެހި އެވެ. އެކަމަކު، ފަރީދު ބުނީ އެމީހުންނާ އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ފަރީދު ހާޒިރުވެފައިވަނީ ގާނޫނީ ވަކީލަކާ ނުލަ އެވެ. އޭނާގެ މައްޗަށް އޮތް މަރުގެ އަދަބުން ސަލާމަތްވާން ވަކާލާތު ކުރަނީ އަމިއްލައަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މީގެކުރިން ނޮވެމްބަރު 15، 2021ގަ ނިންމާލި އެވެ. އޭރުގެ މައްސަަލަ ބެއްލެވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ކުރީގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ބެންޗުގެ ގިނަ ފަނޑިޔާރުން ވަކިވުމާ ގުޅިގެން މައްސަލަ ބައްލަވާ ބެންޗު ވަނީ ބަދަލުވެފަ އެވެ. މިހާރު ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދެވެ. ދެން ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އާ ބެންޗާ އެކު، މިއަދު އަނެއްކާވެސް ވަނީ ފަރީދަށާއި ދައުލަތަށް މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ފަރީދުގެ މައްޗަށް މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިދޭން އެދިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ފަރީދު ހައްޔަރުކުރުމަށް ފަހު ދޭ ލިޔުމުގައި އޭނާގެ ސޮއި ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ ރިޕޯޓްގައި ފަރީދުގެ ސޮއި ކުރެވިފައިނުވަނީ އޭނާގެ އަތަށް ޒަހަމްތަކެއް ލިބިފައިވާތީ ސޮއި ކުރެވޭ ހާލަތުގައި ނެތީމަ ކަމަށެވެ. އެފަދަ ހާލަތުގައި ލިޔުމުގައި ސޮއިކުރަނީ އެ ހާޒިރުގައި ހުންނަ ފުލުސް އޮފިސަރު ކަމަށެވެ.
ނަމަވެސް، ފަރީދު ބުނީ ސޮއި ނުކުރެވޭ ވަރުގެ ޒަހަމެއް އޭނާއަށް ނުލިބޭ ކަމަށާއި އޭގެ ތިން ދުވަސް ފަހުން ހަނުހުރުމުގެ ފޯމްގައި އޭނާ ސޮއިކުރި ކަމަށެވެ.
ޝަރީއަތުން ވަނީ ސޮއި ނުކުރުވުނު ސަބަބާއި އޭރު ފަރީދުގެ ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ފުލުހުން މެދުވެރިކޮށް ހޯދުމަށް ފަހު ޝަރީއަތަށް ހުށަހަޅަން ދައުލަތަށް އަންގައިފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއީ މަރުގެ މައްސަލައަކަށްވާތީ އެ މައުލޫމާތުތައް ތަފްސީލްކޮށް ހުށަހަޅަން ދައުލަތަށް އަންގާ ކަމަށެވެ. އަދި، އެ ލިޔުންތަކަށް ފަހު ދެން އޮންނާނީ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.