އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލު ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅައިފި އެވެ.
އޮކްޓޫބަރު 2021 ގައި ދަނގެތީ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީގެން މަހްމޫދު މަރާލުމަށް ފަހު، ވަޅެއްގެ ތެރެއަށް ވައްޓާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށެވެ.
އެ މައްސަލާގައި ސާލިމް މެރުމަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމްކުރި އެވެ. އަދި އެ ހުކުމަށް ޖުލައި 15، 2024 ގައި ހައި ކޯޓުން ތާއިދުކުރި އެވެ.
އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަނޭޅުމުން އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅީ ދައުލަތުންނެވެ. ދައުލަތުން މިހާރު ވަނީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ވައްދައިފަ އެވެ. މިދިޔަ ހަފުތާގެ ތެރޭ ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވާ ގޮތުގައި ސާލިމް ދަށު ކޯޓުގައި ވެފައިވާ އިއުތިރާފާއި ދެން ހުރި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވެ އެވެ. މަހްމޫދުގެ ވާރިސުން ބޭނުންވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ސާލިމްގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށް ވާތީ، އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
ސާލިމްގެ މަރު ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، އޭނާގެ ތަހުގީގާއި ދަށު ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން ހައި ކޯޓުގައި އޭނާ އަނެއްކާވެސް އެދުނީ ސާލިމްގެ މަރުގެ ހުކުމް ދެމެހެއްޓުމަށެވެ.