ގަސްތު މަރުގެ މައްސަލަތަކުގެ އިސްތިއުނާފީ ކޮންމެ މަރުހަލާއެއްގައި ވާރިސުން ކޯޓަށް ހާޒިރުކޮށް ގާތިލް ކިބައިން މަރަށް މަރު ހިފަން ބޭނުންތޯ އަދި ގާތިލަށް މާފުދޭން ބޭނުންތޯ ސުވާލު ކުރުމަކީ އިހްސާންތެރިކަމާއި އަދުލުވެރިކަމާ ދުރު އިޖުރާއަތެއް ކަމަށް ހައި ކޯޓުން ބުނެފި އެވެ. 

ހައި ކޯޓުން މިހެން ބުނެފައިވަނީ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ ކަރަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުވާ ލިބުނު އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓި ހުކުމުގަ އެވެ. 

ފަނޑިޔާރު ދީބާނާޒް ފަހުމީ އިއްވެވި ހުކުމުގައި ބުނީ ގަސްދުގައި މީހަކު މެރުމުގެ މައްސަލައެއްގައި ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމުގެ ބޭނުމަށް އިސްތިއުނާފީ މަރުހަލާގައި މައްސަލަ ކުރިއަށްދާއިރު ވާރިސުން ހާޒިރުކޮށް ވާރިސުންގެ ފަރާތުން ކުށްވެރިޔާއަށް މައާފުކުރަންތޯ ޝަރީއަތުން ސުވާލުކޮށް، އަލުން ބަލަންޖެހޭކަމަށް ނުދެކޭ ކަމަށެވެ. 

"އެހެނީ މައާފުކުރުމަކީ ވާރިސުންގެ މައްޗަށް ވާޖިބު ކަމެއް ނޫނެވެ. މަރަށްމަރު ހިފުމަކީ ވެސް އަދި މައާފުދިނުމަކީ ވެސް ވާރިސުންނަށް ލިބިގެންވާ ހައްގުގެ ތެރެއިން ކޮންމެ ވާރިސަކަށްމެ ލިބިފައިވާ އިހްތިޔާރެކެވެ،" ހުކުމްގައި ބުންޏެވެ. 

ޝަރީއަތަށް ވާރިސުން ހާޒިރުކޮށް ގާނޫނީ އަދި ޝަރުއީ ހަމަތަކުގެމަތިން ވާރިސުންގެ ހައްގު އަދާކޮށް ގަސްދު މަރާ ގުޅިގެން އަމަލުކުރަން އެދޭ ގޮތާމެދު ޝަރީއަތުން ވާރިސުންގެ ބަހެއް ހޯދަންޖެހެނީ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި މަރުގެ އަދަބުކަނޑައަޅާ މަރުހަލާގަ އެވެ. 

ފަނޑިޔާރު ވިދާޅުވީ ވާރިސުންގެ އަމިއްލަ އިސްނެގުމަށް ވާރިސުންނަށް ލިބިގެންވާ ހައްގަކާ މެދު އަމަލުކުރަން ބޭނުންވާ ގޮތާ މެދު ޝަރީއަތަށް އަލުން ކަމެއް ހުށަހެޅުމަކާ ނުލައި، މަރުގެ އަދަބާ ގުޅޭގޮތުން އަލުން ވާރިސުންނާ ސުވާލުކުރުމަކީ އިހްސާންތެރިކަމާއި އަދުލުވެރިކަމާ ދުރު އިޖުރާތެއް ކަމަށެވެ. 

އޭގެ ސަބަބަކ،ީ ފަނޑިޔާރު ވިދާޅުވި ގޮތުގައި މައިންބަފައިންގެ ތަބީއީ މަރަކީ ވެސް ދިރިތިބީން ތަހައްމަލުކުރާ ފުން ހިތާމައަކަށްވާއިރު، އަނިޔާވެރިކަމާއެކު މީހެއްގެ ފުރާނަ ނިގުޅައިގަންނަ ގަތުލުގެ ހާދިސާއެއްގައި ހިތާމައިގެ އިތުރުން ގާތިލުގެ މައްޗަށް ވާރިސުންގެ ކިބައިގައި ވެދާނެ ރުޅިވެރިކަމާއ،ި ނަފުރަތާއ ނާއިންސާފުގެ ފިކުރުތަކާއި ހިތްނުތަނަވަސްކަން ތަފާތުވާނެތީ އެވެ. 

"ފަސޭހަނުވާ ފާރުގަނޑެއްގެ ކުރަމަގާލި ގަނޑު ނައްޓައި ފާރުގަނޑު އައުކުރާބީދައިން އިސްތިއުނާފުގެ ކޮންމެ މަރުހަލާއެއްގައި ވާރިސުންކުރެން އަދިވެސް ގާތިލުގެ ކިބައިން މަރަށްމަރުހިފަން ބޭނުންތޯ އާއި ކުށްވެރިޔާއަށް މައާފުދޭން ބޭނުންތޯ ސުވާލުކުރުމަކީ ވާރިސުންނަށްދެވޭ އިތުރު އަނިޔާއެއް،" ފަނޑިޔާރު ލިއުއްވާފައިވެ އެވެ. 

މަރުގެ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވާރިސުން ހާޒިރުކޮށް އެމީހުންގެ ބަސް އަލުން ނަގަ އެވެ. މިފަހުން ވެސް ސުޕްރީމް ކޯޓުން ވާރިސުންގެ ބަސް ނަގަން އަޑުއެހުމެއް ބާއްވާފައިވެ އެވެ. 

އެއީ ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ މައްޗަށް ހިންގާ ޝަރީއަތުގަ އެވެ. ޝުހާދުގެ މަންމަ އާއި ބައްޕަ ސުޕްރީމް ކޯޓުގައި ޝަރީއަތުގައި އެދިފައިވަނީ ފަރީދުގެ ކިބައިން މަރަށްމަރު ހިފުމަށެވެ. 

ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބަައެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ޝުހާދު މަރުވިއިރު ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެހެންކަމުން ޝުހާދުގެ ގާތިލް ކުރިމައްޗަށް އޭނާގެ މައިންބަފައިންނަށް އަނެއްކާވެސް އަންނަން ޖެހުނީ ހާދިސާ ހިނގިތާ ވެސް 16 އަހަރު ފަހުންނެވެ.