16 ޖުލައި 2025 - 09:50
ކޮލަމްބިއާ ވިންގާ ލުއިޒް ޑިއާޒް ގަތުމަށް ބެޔާން މިއުނިކުން ހުށަހެޅި ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބެޔާނުން ހުށަހެޅީ 67.5 މިލިއަން ޔޫރޯގެ ބިޑެކެވެ. ލިވަޕޫލުން އޭނާ ވިއްކާލަން ކިޔާ އަގަކީ 100 މިލިއަން ޔޫރޯ އެވެ. ބޭނުމަކީ އެއްވެސް ކްލަބަކަށް އޭނާ ގަތުމުގެ ފުރުސަތު ނުދިނުމެވެ. އޭނާ ދޫކޮށްލަން ލިވަޕޫލުން ބޭނުމެއް ނުވެ އެވެ.
އެކަމަކު ލިވަޕޫލް ދޫކޮށްލަން ޑިއާޒް ބޭނުންވެ އެވެ. އެހެންވެ އޭނާ ހުރީ އެ ކްލަބުގެ ކޮންޓްރެކްޓް ވެސް އާކުރާ ގޮތަކަށް ނޫނެވެ.
ބެލެވޭ ގޮތުގައި ބެޔާނުން ވަރަށް އަވަހަށް އިތުރު ބިޑެއް ހުށަހަޅާނެ އެވެ. ޑިއާޒް ކޮންޓްރެކްޓް އާކުރަން ބޭނުން ނުވާ ނަމަ، އަދި ބެޔާނުން ދެން ހުށަހަޅާ ބިޑު ބޮޑު ނަމަ ލިވަޕޫލުން އޭނާ ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ.
ބެޔާނުން ޑިއާޒް ގަންނަން ބޭނުންވަނީ ތޯމަސް މުލާ އާއި ލެރޯއީ ސާނޭ ނެތްތަން ފޫބައްދާށެވެ. އަދި ދާދި ފަހުން ޖަމާލް މުސިއާލާ އަށް އަނިޔާވެފައިވުމުން ވެސް އެޓޭކަރެއްގެ މުހިއްމުކަން އެ ޓީމަށް ބޮޑެވެ.
ޑިއާޒް ގަތުމަށް ބާސެލޯނާ އިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ލިވަޕޫލުން ދެކޮޅު ހެދުމުން ބާސެލޯނާ ފަހަތަށް ޖެހުނީ އެވެ.
ލިވަޕޫލްއާ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގުޅުނު ޑިއާޒް ވަނީ އެ ޓީމަށް 148 މެޗުން 41 ގޯލް ޖަހައިދީފަ އެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލުން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އޭނާގެ ހިއްސާ ބޮޑެވެ. އޭނާ އަކީ ކޯޗު އާންސް ސްލޮޓްގެ ޕްލޭނަށް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy