އެމެރިކާގެ ކޮމީޑިއަން ސްޓީވެން ކޮލްބެއާ.
19 ޖުލައި 2025 - 12:43
އެމެރިކާގެ ކޮމީޑިއަން ސްޓީވެން ކޮލްބެއާގެ ޓޯކް ޝޯ "ދަ ލޭޓް ޝޯ" ހުއްޓާލަން ނިންމައިފި އެވެ.
"ދަ ލޭޓް ޝޯ ވިތު ސްޓީވެން ކޮލްބެއާ" ގެނެސްދޭ ސީބީއެސް ނެޓްވޯކުން އެ ޝޯ ހުއްޓާލަން ނިންމައި އެކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން އެ ޝޯގެ އެންމެފަހުގެ އެޕިސޯޑުގަ އެވެ. އެކަން އިއުލާންކުރީ ވެސް ސްޓީވެން އެވެ.
ސްޓީވެން ބުނީ ސީބީއެސް އިން އަންނަ އަހަރުގެ މެއި މަހު އެ ޝޯ އެއްކޮށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ސީބީއެސް އިން ބުނީ އެ ޝޯ ހުއްޓާލަން ނިންމީ މާލީ ދަތިތަކުގެ ސަބަބުން ކަމަށެވެ.
އެކަމަކު، ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އެ ޝޯ ހުއްޓާލަން ނިންމި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ސީބީއެސްގެ މައި ކުންފުނި ޕެރަމައުންޓް ގްލޯބަލްއާ ދެމެދުގައި ސެޓުލްމަންޓް އެއްބަސްވުމެއް ހަދަން އުޅޭތީ، އެ ޝޯގެ ފަހުގެ އެޕިސޯޑެއްގައި ސްޓީވެން އެކަމަށް ފާޑުކިޔާފައި ވާތީ އެވެ.
އެ ސެޓުލްމަންޓް އެއްބަސްވުމަކީ އެމެރިކާގެ އެންމެފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ސީބީއެސް އިން ގެނެސްދިން، އެ އިންތިހާބުގައި ދެން ވާދަކުރެއްވި އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްގެ "60 މިނެޓްސް" އިންޓަވިއުގައި ޓްރަމްޕަށް ކިޔާފައިވާ ފާޑުކިޔުންތަކާ ގުޅިގެން އެ ނެޓްވޯކާ ދެކޮޅަށް ޓްރަމްޕް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ނިންމާލުމަށް ހަދާ އެއްބަސްވުމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ މައްސަލަ ކޯޓުން ބޭރުގައި ނިންމާލުމަށް 16 މިލިއަން ޑޮލަރު ދޭން ޕެރަމައުންޓް އިން ވަނީ އެއްބަސްވެފަ އެވެ.
ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުން މެހުމާނުންގެ ގޮތުގައި އަންނަ ސްޓީވެންގެ "ލޭޓް ނައިޓް ޝޯ" ފެށީ 2015 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
19 July 2025
އަލްފާލިލު އިޝްޓީވެން އަށް ވެދުން.