އއ. މާޅޮސް ދޯންޏެއްގައި އެއްޗެއް ގޮވި ހާދިސާގައި ފިހުނު މީހަކު ބަގީއެއްގައި މަރުކަޒަށް ގެންދަން އެ ރަށު މީހުން އެހީވަނީ. -- ފޮޓޯ: މިހާރު
04 އޯގަސްޓް 2025 - 15:22
އއ. މާޅޮހު ދޯންޏެއްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 8:45 ހާއިރު ހިނގި އެ ހާދިސާގައި ފިހުނީ "ނަސްރު 7" ދޯނީގައި ގެންގުޅޭ އިންޑިއާގެ ދެ ބިދޭސީންނެވެ. އެއީ 40 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.
އެ ދެ މީހުންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އެރޭ ވަނީ މާލެ ގެނެސްފަ އެވެ.
ފުރަތަމަ ދެ މީހުންނަށް ވެސް ފަރުވާދިނީ އައިސީޔޫގައި، ވެންޓިލޭޓަރުގަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ މީހުން ވެސް ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަށް އަދި ވެސް ފަރުވާދެނީ އައިސީޔޫގައި ކަމަށާއި އަނެއް މީހާ މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދޯނީގެ ވެރިފަރާތް އަހުމަދު ލަތީފު ބުނީ، އެ ދޯންޏަކީ ވެލި ނެގުމަށް ގެންގުޅޭ ދޯންޏެއް ކަމަށެވެ. ދެ މީހަކަށް އަނިޔާވީ ދޯނީގެ އިންޖީނުގެ ބެޓެރި ގޮވައިގެން ކަމަށް އޭނާ ލަފާކުރެ އެވެ.
އެ ހާދިސާގައި ދޯންޏަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy