ކޭމްޕުގައި ޓްރީ ޓޮޕްގެ ޑޮކްޓަރަކު ބަލިމީހުން ބަލަނީ.
19 އޯގަސްޓް 2025 - 09:17
ޓްރީޓޮޕް ހޮސްޕިޓަލުން ހއ. ދިއްދޫގައި ބޭއްވި ހެލްތު ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މި މަހުގެ 15 އިން 16 އަށް ބޭއްވި މި ކޭމްޕުގައި 336 މީހުންނަށް ވަނީ ހިދުމަތް ދީފަ އެވެ. މި ކޭމްޕަކީ ދިއްދޫ އަދި ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރަނގަޅު ސިއްހީ ފަރުވާ އާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހިންގި ކޭމްޕެއް ކަމަށް ޓްރީޓޮޕުން ބުންޏެވެ.
މި ހެލްތް ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކަށީގެ ބަލިތައް، ނޭފަތް، ކަންފަތް އަދި ހުރަނދުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި، ކެއިންބުއިމުގެ ނިޒާމުގެ ފަދަ ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުން ހިމެނެ އެވެ. މި ކޭމްޕްގައި ޓްރީ ޓޮޕުން ވަނީ ބައެއް ބަލިތަކަށް ބޭނުންވާ ބޭސްތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، ބައެއް މެޑިކަލް ޓެސްޓުތައް ވެސް ހިލޭ ހަދައިދީފަ އެވެ.
މި ކޭމްޕުގެ ބައިވެރިން ވަނީ މިފަދަ ހިދުމަތްތައް އަތޮޅު ތެރެއަށް ގެނެސްދިނުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް މާލެ އައުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި ޓްރީ ޓޮޕުން އިސްނަގައިގެން ސްޕެޝަލިސްޓުން އެ ރަށަށް ގެނެސް ދިނުމަކީ ލިބޭ ބޮޑު ލުޔެއްގެ ގޮތުގައި ބައިވެރިން ސިފަކުރި އެވެ.
މިއީ ޓްރީޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިޔަށް ގެންދިޔަ ތިން ވަނަ ހެލްތު ކޭމްޕެވެ. މިދިޔަ އޭޕްރިލް މަހާއި މެއި މަހު ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ވެސް ހެލްތު ކޭމްޕް ބާއްވާފައިވެ އެވެ. އަދި އެ ހޮސްޕިޓަލުން މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ވެސް މިފަދަ ހެލްތު ކޭމްޕް ބޭއްވި އެވެ. އެ ހޮސްޕިޓަލުން މިހާތަނަށް ބޭއްވި ހެލްތު ކޭމްޕްތަކުގައި 3،500 އަށް ވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދައިފަ އެވެ.
މި ހެލްތު ކޭމްޕްތަކަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގުރާމުގެ މަގުސަދަކީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފެންވަރު ރަނގަޅު ހިދުމަތްތައް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy