ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 އޯގަސްޓް 2025 - 20:52
އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، އެތަނުން އެ ރަށު ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ރަސްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ވިދާޅުވީ އެ ރަށު ރައްޔިތުން ބޭނުންވާ މަޑިވަރުފަޅު ތަރައްގީކޮށް ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާތީ އެކަން ކޮށްދެއްވާނެ ކަމަށެވެ.
"ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް މަޑިވަރު ފިނޮޅު ތިބޭފުޅުން ބޭނުންވާ ގޮތަށް ހަދައިދިނުމަކީ އަޅުގަނޑުގެ ވައުދެއް. އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްގީކޮށްދީ، އެތަން ހިމާޔަތްކޮށް، ތިބޭފުޅުން ޓޫރިޒަމް ބޭނުމަށް ބޭނުންކުރެވޭނެ ގޮތަށް ހައި ޕްރިއޯރިޓީގައި މަސައްކަތްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
މަޑިވަރު ފިނޮޅަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ޑައިވިން އަދި ސްނޯކްލިންއަށް މަގުބޫލު ޕޮއިންޓުތަކެއް ހިމެނޭ ސަރަހައްދެކެވެ.
މަޑިވަރު ފިނޮޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ އޮކްޓޯބަރު، 2018 ގަ އެވެ. އޭގެ ފަހުން 2019 ގައި އެ ފަޅު ކައިރިން ވިޔަފާރި އުސޫލުންނާއި އަމިއްލަ ބޭނުމަށް މަޑިވަރު ފިނޮޅާ ދުރުން ވެލި ނަގާތީ، އެ ސަރަހައްދުން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެންގި އެވެ. އަދި 2021 ގައި އެ އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުން މަޑިވަރު ފަޅުގެ ބައެއް ގަވައިދާ ހިލާފަށް ހިއްކަމުންދާ ކަމަށް ބުނެ، ރަސްދޫ ރައްޔިތުން އިހުތިޖާޖު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
21 August 2025
ފެންނަ ކޮންމެ ފިނޮޅަކީ ނުވަތަ ފަޅަކީ ކޮންކްރިޓުން "ތަރައްގީ" ކުރަން ޖެހޭ ތަންތަނެއް ނޫން. މިފަދަ ގުދުރަތީ ރީތި ތަންތަން ހިމާޔަތްކޮށް ޖެހެނީ ސާފުކޮށް ބަލަހައްޓަން. އޭރުން އެތަން ތަނަށް ޒިޔާރަތް ކުރާ މީހުން އަތުން ފީނަގައިގެން ރަގަޅު އާއްމުދަނީ އެއް ރަށަށް ލިބޭނެ. ގުދުރަަތީ ރީތި މާހައުލަކީ އިންސާނުން އިތުރަށް "ތަރައްގީ" ކުރަން ނުޖެހޭ މާފުރިހަމަ އަޖައިބުތަކެއް. ކުނި ބުނި ނާޅާ ބަލަހައްޓަންވީ.ފާޚާނާ ވެސް އިމާރާތް ކޮށްގެން ނުވާނެ. ދާ ބޯޓެއްގައެކަންކުރޭ
ޙަކީމް އަލީ
21 August 2025
ބަލަ ރަސްދޫ މީހުން ބޭނުން ހާ ކަމެއް ކުރުން ހުއްދަ ނުދެވޭނެ.
ޖައިސާމް
21 August 2025
މަޑިވަރު ފިނޮޅަކީ ރަސްދޫ މީހުންގެ އެކެނި އެެއްޗެއް ނޫން. އެއީ މުޅި އަތޮޅުގެ ރައުސުލްމާލެއް. މުއިއްޒުއަށް ސަނާ ކިޔަން ޖެހޭ ގޮތަށް، ފައިބުޑަށް ކަންކަން އެދޭން ދާން ޖެހޭ ގޮތަށް ނިޒާމު ބައްޓަން ކުރުމަކީ ބަރޯސާ ކުރުވުން. އަތޮޅު ކައުންސިލާ މަޑިވަރު ހަވާލު ކުރޭ. އޭރުން މުޅި އަތޮޅާއި ގައުމަށް ފައިދާވާނީ.
ޖަޒްރީނާ
21 August 2025
ވައުދު މައްޗަށް ވައުދު ވާ ރައީސްއެއް،
ޗޫޤީ
20 August 2025
މީ ދެވަނަ ދައުރެއް ހޯދުމަށް ފަށައިގެން އުޅޭ ރިޔާސީ ކެމްޕޭނެއްތަ؟ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުތެރޭ ރަށްރަށަށް އަރާފައި ދެއްކި ވާހަކަތައް މިވެރިން ހަނދާން ހުރިބާއޭ ހިތަށް އަރަނީ. އަދި ވައުދުފޮތް ދުވާލަކު ކިތައްފަހަރު މުތޯލިއާ ކުރޭތޯވެސް ހިތަށް އަރާ.