ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އާއި އާރްޑީސީގެ އެމްޑީ ނަޒީމް: ވިކްޓަރީގެ ހިންގުމާ ހަވާލު ވަނީ އެ ދެ ބޭފުޅުން
21 އޯގަސްޓް 2025 - 11:47
އާ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހިންގުމާ ހަވާލުވެވަޑައިގަންނަވަނީ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޝަރީފާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ނަޒީމް މީގެ ކުރިން ވެސް ވިކްޓްރީގެ ޗެއާޕާސަން ކަމާއި، ވައިސް ޗެއާޕާސަންކަން ކުރެއްވެވި އެވެ. ވިކްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ފަހަރުގެ ޗެއާޕާސަނަކީ ޝަރީފް ކަމަށާއި، ނަޒީމަކީ ވައިސް ޗެއާޕާސަން ކަމަށެވެ.
"އެ ދެ ބޭފުޅުން އިސްކޮށް އުޅުއްވާނީ،" ވިކްޓަރީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ވިކްޓަރީގެ ޗެއާމަންކަން ނަޒީމު (ވ) 2016 ގައި ކުރެއްވި އިރު އެ ޓީމުގެ އޭރުގެ ކޯޗު ލާޒްލޯ ކިސްއާ އެކު --- ފައިލް ފޮޓޯ: މިހާރު
އެކަމާ ބެހޭގޮތުން ނަޒީމުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ޝަރީފް ވިދާޅުވީ މި ވަގުތު އެކަމާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
ވިކްޓަރީގެ އޮފިޝަލް ވިދާޅުވީ އިންތިހާބަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސްޕޯޓްސް މިނިސްޓްރީގައި ވެސް ކުރިން މަސައްކަތްކުރެއްވި ނަޒީމް ވިކްޓްރީ ހިންގެވީ 2016 އިން 2018 އަށެވެ. އޭގެ ދެ އަހަރު ފަހުން 2018 ގައި ބޭއްވި އިންތިހާބުގައި އޭނާ ވަޑައިގެންނެވީ ނައިބަކަށެވެ. އޭރު ޗެއާމަންކަމަށް ވަޑައިގެންނެވީ ވިލިމާލޭ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
ވިކްޓަރީ އަލުން އިންތިހާބަކަށް ދޭން ޖެހުނީ، އެ ކްލަބްގެ ކުރިން އޮތް ބޯޑުގެ ޗެއާޕާސަން ހުސައިން އާދަމް ފިޔަވައި އެހެން މެންބަރުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
21 August 2025
މި ފަދަ ސިޔާސީ މީހުން ކުލަބުތަކުގެ އިސްވެރިންނަށް ވުމުގެ ނަތީޖާ ރާއްޖޭގެ ފުޓުބޯޅަ ވެއްތިފައިވާ މި ޙާލަތު
ދަނިއުސް
21 August 2025
އެފް އޭ އެމް ހަރުދަނާ ވިޔަސް ކްލަބ ތައް ސިޔާސީ މީހުން ހިންގައިގެން ދިވެހި ފުޓްބޯޅައަށް ކުރިއެރުން ލިބޭ ތަނެއް އަދި މިރާއްޖެ އަކުން ނުފެނޭ
ކޮރަލް
21 August 2025
ޑިމޮކްރަސީ އައުމަށް ފަހު މަޖްލިސް މެމްބަރުންނާ ސިޔާސީ މީހުންގެ ކިބައިން މި ކްލަބް ތައް ސަލާމްތް ނުވު އެވެ. ދައުރު ނިމި ވެރިކަން ގެއްލޭ އިރަށް މިމީހުން ފިލާ އެވެ. ދެން ދަރަނީގަ ހަވާލު ވާނޭ މީހަކު ނުހުރެ އެވެ. ކްލަބް އާ ހަވާލުވާން ސިޔާސީ މީހުންނާ މަޖްލިސް މެމްބަރުން އަންނަ ނަމަ އިންވެސްޓްމަންޓް އެއް ނޫނީ ކެޕިޓަލް އަކާ އެކު އާދެ ބަލާށެވެ.