24 އޯގަސްޓް 2025 - 14:49
ލަންޑަން (އޮގަސްޓް 24) - އަންނަ ހަފްތާ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅުމުގެ ކުރިން، އަމިއްލަ ދަނޑުގައި އާސެނަލްގެ އާ ފޯވާޑް ވިކްޓޯ ޔޯކެރޭސްގެ މޮޅު ގޯލުތަކާ އެކު 5-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޔޯކެރޭސް އަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ނުކުރެވުމުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ އޭނާ ވަނީ އިދިކޮޅު ޑިފެންޑަރުން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ރީތި ގޯލެއް ޖަހައި، އޭނާގެ ރަސްމީ މާސްކު ސެލެބްރޭޝަން ހޯމް ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ.
މިއީ ރަސްމީ މެޗެއްގައި ޔޯކެރޭސް، އާސެނަލް އަށް ލަނޑުޖަހައިދިން ފުރަތަމަ ފަހަރެވެ. އާސެނަލް ވަނީީ ލީގުގެ ފުރަތަމަ މެޗުގައި ނިމުނު ހަފްތާ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ނަމަވެސް އެ މެޗުގައި ޔޯކެރޭސް އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މިޑްފީލްޑަރު ޑޯމަން ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އަށް ލަނޑުތައް ޖަހައިދިނީ ޖާރިއެން ޓިމްބާ އާއި ބުކަޔޯ ސަކާ އެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު ވެސް ޖެހީ ޓިމްބާ އެވެ. އަދި ފަހު ލަނޑު މެޗު ނިމެނިކޮށް ޖަހައިދިނީ ޔޯކެރޭސް އެވެ. މިފަހަރު ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި ޕެނަލްޓީއަކީ އާސެނަލްގެ ޒުވާން މިޑްފީލްޑަރު މެކްސް ޑޯމަން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ. ނޮނީ މަޑުއެކޭގެ ބަދަލުގައި، އުމުރުން 15 އަހަރާއި 235 ދުވަހުގައި ޑޯމަން ކުޅެން އަރައި އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ 15 އަހަރާއި 181 ދުވަހުގައި ކުޅުނު އާސެނަލްގެ އީތަން އެންވަނޭރީ އަތުގަ އެވެ. އޭނާ މި ރެކޯޑް ހެދީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެންޓްފޯޑާ ދެކޮޅަށެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. އަދި އަންނަ މަހު އޮތީ ނޮޓްނަމް ފޮރެސްޓާއި މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.
ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ބާންލީން ސަންޑަލެންޑް 2-0 އިން ބަލިކުރި އިރު، ބޯންމަތު އަތުން ވުލްވްސް ވަނީ 1-0 އިން ބަލިވެފަ އެވެ. އަދި އެސްޓަން ވިލާ ވަނީ 1-0 އިން ބްރެންތްފޯޑް އަތުން ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy