ކުޅުދުއްފުށީގައި ބީއެމްއެލް އިން އިމާރާތްކުރާ ބިޒްނަސް ސެންޓަރުގެ ބިންގާ އިއްޔެ އަޅުއްވައި ދެއްވަނީ.---ފޮޓޯ: ބީއެމްއެލް
27 އޯގަސްޓް 2025 - 08:38
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކު، ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ބޭންކުގެ ތިންވަނަ ބިޒްނަސް ސެންޓަރު ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރުމަށްޓަކައި އިއްޔެ ބިންގާ އަޅައިފި އެވެ.
އެ ރަސްމިއްޔާތު ބޭއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ހަފުލާގައި އެ މަނިކުފާނުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، ކުޅުދުއްފުށީގައި ހަދާ ބީއެމްއެލްގެ ދެވަނަ ބްރާންޗު ވާނީ އެ ސިޓީގެ ބިޒްނަސް ސެންޓަރަށެވެ.
"މިއީ ކުޅުދުއްފުށި ސިޓީ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ބިޒްނަސް ސެންޓަރެކެވެ،" ބީއެމްއެލް އިން ބުންޏެވެ.
ކުޅުދުއްފުށީގައި ބީއެމްއެލް އިން އިމާރާތްކުރާ ބިޒްނަސް ސެންޓަރުގެ ކުރެހުމެއް.---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ބިޒްނަސް ސެންޓަރު މިހާރު ހިންގަނީ މާލޭގެ އިތުރުން އައްޑޫގަ އެވެ.
"މުޅި ރާއްޖެއަށް ބޭންކުގެ ހިދުމަތްތައް ފުޅާކުރަމުން ދާއިރު، އަޅުގަނޑުމެން މި ދަނީ ކުޅުދުއްފުށި ސީޓީ ފަދަ ސަރަހައްދުގެ މައި މަރުކަޒުތަކަށް ވެސް އިސްކަން ދެމުން. މިއަދު ވިޔަފާރިތަކަށް ހާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ މި ސަރަހައްދުގެ ވިޔަފާރި މުޖުތަމައަށް ބޭނުންވާ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެނަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ ހދ. ނޮޅިވަރަންފަރުގައި އިއްޔެ އާ ބްނާންޗެއް ހުޅުވައި، ވައިކަރަދޫ އަދި ނޭކުރެންދޫގައި އޭޓީއެމްގެ ހިދުމަތް ވެސް ފަށައިފަ އެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސާވިސް ބޭންކިން ސެންޓަރު، 213 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ،" ރާއްޖޭގެ އެންމެ މަގުބޫލު ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިއްބަތް އަޒީޒް
27 August 2025
ބީއެމްއެލްގެ ހިދުމަތް ފުޅާވުމަކީ އެތައް ރައްޔިތުން އެދޭ ކަމެއް. އެމީހުން ރަށުގަ. މިއީ މިއަދު ބީއެމްއެލް އިން ކުރާ ވަރަށް މުހިއްމު ރަނގަޅު މަސައްކަތެއް.
އަހްމަދު ސަނީހް
27 August 2025
އަލްހަމްދުﷲ. މީގެ ސަބަބުން މިގައުމިގެ ކަންކަން މި އަތޮޅު ރައްޔިތުންނަށް މާލެ ނުގޮސް ބީއެމްއެލްގެ ހިދުމަތް ފަސޭހައިން ލިބޭނެ.