ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ޖަލްސާއެއްގައި: ބްރޯޑްކޮމްގެ ތަމްރީނު ހެދުމުން ނޫނީ ނޫސްވެރިންގެ ފާސް ދޫނުކުރަން ނިންމައި އުސޫލު ވަނީ އާންމުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 އޯގަސްޓް 2025 - 14:15
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސް ދޫކުރާނީ ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ހަމަޖައްސައިފި އެވެ.
މިގޮތަށް ކަނޑައަޅާފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފައިވާ "ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު" ގަ އެވެ. ނަމަވެސް މިގޮތަށް އަދި އަމަލުކުރަން ފަށާނީ ކޮމިޝަނުން އުސޫލު ޝާއިއުކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.
މިއީ ފާސް ދޫކުރުމުގެ އިތުރުން، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުމާއި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަގްސަދުގައި ހެދި އުސޫލެއް ކަމަށް ކޮމިޝަނުން ބުންޏެވެ.
އެ އުސޫލުގެ ދަށުން ޕްރެސް ފާސް ދޫކުރާނީ ޓީވީތަކާއި ރޭޑިއޯތަކުގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ލިޔުންތެރިންނާއި ކޮލަމިސްޓުންނާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓުންނަށެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި، އެކްރެޑިޓްކުރަން ހުށަހަޅާ ނޫސްވެރިންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.
އެކްރެޑިޓްކުރަން ހުށަހަޅާ ނޫސްވެރިންނަކީ ފާއިތުވި ފަސް އަހަރު ތެރޭ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް މި އުސޫލުގައިވެ އެވެ.
- ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު).
- ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް.
- ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރަންވީ ގޮތް.
- ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރަންވީ ގޮތް.
- މުޒާހަރާ އާއި ހަލަބޮލި ހާލަތްތައް ކަވަރުކުރަންވީ ގޮތުގެ ގައިޑްލައިން.
- އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން.
ފަސް އަހަރުގެ މުއްދަތަކަށް ދޫކުރާ އެ ކާޑު ބާތިލުކުރެވޭނެ ހާލަތްތަކާއި ކާޑު ހިފެހެއްޓޭނެ ހާލަތްތަކެއް ވެސް މި އުސޫލުގައި ހިމަނާފައިވެ އެވެ.
- ކާޑު ދޫކޮށްފައިވާ ފަރާތުގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެ ނަމަ ކާޑު ބާތިލުކުރެވޭނެ.
- އެކްރެޑިޓްކޮށްފައިވާ ކާޑު ދޫކޮށްފައިވާ ފަރާތަކަށް ތަކުރާރުކޮށް ކަމެއް އިސްލާހުކުރުމަށް ކޮމިޝަނުން އެންގުމަށްފަހު އެކަމެއް އެ ފަރާތަކުން އިސްލާހުނުކޮށްފި ނަމަ ވެސް އެ ކާޑު ބާތިލުކުރެވޭނެ.
- ކާޑު ދޫކޮށްފައިވާ ފަރާތުން އުފައްދާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާ ކަމަށް ކޮމިޝަނަށް ސާބިތުވާ ނަމަ، ކާޑު ހިފެހެއްޓޭނެ.
- ކާޑު ދޫކޮށްފައިވާ ފަރާތަކުން ނޫސްވެރިކަމުގެ މާޙައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ހިންގިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވެއްޖެ ނަމަ، ކާޑު ހިފެހެއްޓޭނެ.
އުސޫލުގައި ވަނީ ހިދުމަތްދޭ ފަރާތްތަކުގައި މަސައްކަތްކުރުމަށް އެކްރެޑިޓް ކާޑު ދޫކުރެވޭ ފަރާތްތަކުގެ ދަފްތަރެއް ވެސް އެކުލަވާލައި އާންމުކުރަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަމުން
01 September 2025
ނޫސްވެރިކަމަކީ އަބުރުވެރި ފަންނެ. މިހާރު މިފެންނަނީ އަޅުގަނޑު ވިދާޅުވާ ނޫސްވެރިން
ސޫދާ ހަލީމް
01 September 2025
މިކަން ފާސްކުރަން ޖެހޭ. މީގެ ސަބަބުން މުޒާހަރާ ކުރާ ގޮތަށް އުޅޭ ނޫސްވެރިން މަދުވާނެ. ޕްރޮފެޝަނަލް ވާނެ.
ޝަހުމް އާދަމް
01 September 2025
އުފާވެރި ހަބަރެއް. މީގެ ސަބަބުން ހަރުދަނާ ނޫސްވެރިން އުފެދޭނެކަން ޔަގީން.
މުހަންމާގެ
01 September 2025
ދެން މުހަންމާގެ ހުރީ ކޮން ތަމްރީނެކޯ؟ ހެހެހެ
ހިމް
31 August 2025
ތިއީ ވަކި ސަނަދެއް އޮވެގެން ނޫނީ ނުކުރެވޭނެ ކަމެއް ނޫން. އޯލެވެލް އޭލެވެލްގައި ވެސް ޚަބަރު ހަދަން ދަސްކުރާނެ. މިއުޅެނީ ނޫސްވެރިން ގޮތުގައި އާ ކުދިން ނިކުމެދާނެތީ.
ދފދފ
31 August 2025
ގޭތެރެއިން ވެސް ޤުރުއާން ކިޔަވަން ދަސްކޮށްދޭ.
މަފާއު
31 August 2025
މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާ އެއްވެސް މިނިވަން ކަމަކަށް އެއްވެސް އިދާރާ އަކުން ޤާނޫނު އަސާސީގައިވާ ގޮތާއި ޚިލާފު އުނިކަމެއް އަންނަ ބަދަލެއް ގެނެވޭނީ ފުރަތަމަ ޤާނޫނު އަސާސީގެ އެމާދާއަކަށް ބަދަލު ގެނައުމަށްފަހުގައި ދެކެން. އެކަމަކު މިހާރު އެކި ދިމާލުން ފެންނަ މުން މިދަނީ ޤާނޫނު އަސާސީއަށް ބެލުމެއް ނެތި ހިތަށް އެރި ގޮތަކަށް ކަންކަން ކުރަމުންދާ ތަން. މިއީ ހިތާމަ ހުރި ކަމެއް.
އަސްލީ
31 August 2025
މުހައްމާ މެންފަދަ އިލްމެއް ނެތް މީހުންނަށް ކިޔަވައިގެން ތިބި ނޫސްވެރިންނަށް ތަމްރީން ދޭނެގޮތެއް ނޭގިގެން މިއުޅެނީ. ތައުލީމާއި ގާބިލުކަން ނެތް މީހުން އިސް މަގާމުތަކަށް ލުމަކީ އެތަނެއް ފަސާދަ ނުވެ ނުދާނެ ކަމެއް.
ބޮޑުވަރު
31 August 2025
ކާޑު ދޫކުރުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި "އަންހެނުންގެ ހައްގުތައް ހިމާޔަތްކުރަންވީ ގޮތް" ހިމަނާއިރު ކީއްވެ "ފިރިހެނުންގެ ހައްގުތައް ހިމާޔަތް ކުރަންވީ ގޮތް" ނެތީ. ކޮންމެ ކަމެއްގައި މި ތަފާތު ގެންނަމުންގޮސް މިހާރު ދުނިޔެ އޮތީ ދުނިޔެއާއި އިންސާނުންގެ ފިތުރަތު އޮޅޭ ހިސާބަށް ކަންކަން ގޮސް. މިދެން ބޮޑުވަރު. ޓެކްނޮލޮޖީއާ އީޖާދާ ބޭސްފަރުވާ މިހާ ކުރިއަރަމުންދާ އިރެއްގައި ދެން ވަކާލާތުކުރަން ފަށާނީ ފިރިހެނުންވެސް ދަރިން ވިހަންޖެހޭނެ ކަމަށް ކަންނޭނގެ.
މިއީވާ ގައުމެއް
31 August 2025
ދިވެހިންނަށް ދިވެހިރާއްޖޭގައި އުޅެން ހުއްދަނަގަންޖެހެނީ.
ދިއްދާ
31 August 2025
ތަމްރޫން 1: ދެފަހަރު އެއްކަމެއް ކުރުމަށް ކިޔާނީ ކީކޭ؟ ތަމްރީން 2: 8 މަސްދުވަސް އެއީ ކިހާދުވަހެއް؟ ތަމްރީން 3: އޭ.ޓީ.އެމް އެއީ މުހިއްމު ކަމެއްތަ؟ ތަމްރީން 4: މިނިވަން މުއައްސަސާތަކުގެ ރައީސަކީ ކާކު އައްޔަންކުރާ މީހެއް؟ ތަމްރީން 5: ރައީސަކު ބުނެފަހުރި ވާހަކަ އަލުން ޚަބަރު ގޮތުގައި ލިޔުމަކީ ކޮންކަހަލަ ކަމެއް؟ ތަމްރީން 6: އައްބޭނުމޭ ބުނުމުގެ މާނައަކީ ކޮބާ؟ ތަމްރީން 7: ފެންނަ ކަންކަން ނުފެންނަ ކަމަކަށް ހެދޭނެތަ؟ މި ކަހަލަ ސުވާލުތަކެއް ކުރިމަތިވާނެ...