އިޒްރޭލުގެ ޖަލަކުން މިނިވަންކުރި ފަލަސްތީނު ބަޔަކު ގައުމީ ދިދައާ އެކު: އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނާ ގައުމުތަކުގެ ލިސްޓަށް މިހާރު ވަނީ ބެލްޖިއަމް ވެސް އިތުރުވެފައި. -- ފޮޓޯ: އޭއެފްޕީ
02 ސެޕްޓެމްބަރ 2025 - 06:38
މި މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ބެލްޖިއަމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފި އެވެ.
"އދ.ގެ ބައްދަލުވުމުގައި ބެލްޖިއަމުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނަން. އަދި އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯޓް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ މި މަހުގެ 9 އިން 23 އަށް ނިއު ޔޯކްގައި ބާއްވަން ހަމަޖެހިފައިވާ އދ.ގެ ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތެއް ފްރާންސުން ބަލައިގަންނާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރަން އޭނާ އެދިވަޑައިގެންފައިވެ އެވެ.
ޔޫރަޕްގެ ބާރުގަދަ ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފައި ވާއިރު އދ.ގެ 193 މެންބަރުންގެ ތެރެއިން 147 ގައުމަކުން ފަލަސްތީނުގެ ދައުލަތް މިހާރު ގަބޫލުކުރެ އެވެ.
މިދިޔަ މަހު ވަނީ އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފަ އެވެ. ކެނެޑާއިން ވެސް މިގޮތަށް ނިންމާފައި ވާއިރު އިނގިރޭސި ވިލާތުން ވަނީ ޣައްޒާގައި އިޒްރޭލުން ހަމަލާތައް ހުއްޓާނުލައިފި ނަމަ އެ ގައުމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ ދެ އަހަރު ވާން ގާތް ވެފައި ވާއިރު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 70،000 އާ ގާތްކުރެ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން އިތުރުވަމުންދާ ވަރަކަށް ފަލަސްތީނުގެ ދައުލަތަކަށް ވަކާލާތުކުރާ ގައުމުތަކުގެ އަޑު އަންނަނީ ގަދަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy