ތައިލެންޑްގެ ބޮޑުވަޒީރުކަމަށް މިއަދު އިންތިހާބުކުރި އަނޫތިން ޗާންވިރަކުލް. ފޮޓޯ:އޭއެފްޕީ
05 ސެޕްޓެމްބަރ 2025 - 21:38
ތައިލެންޑްގެ ޕާލަމެންޓުން އެގައުމުގެ އާ ބޮޑުވަޒީރުކަމަށް އިދިކޮޅު ކޮންޒަވޭޓިވް ބޫމްޖައިތައި ޕާޓީގެ ލީޑަރު އަނޫތިން ޗާންވިރަކުލް އިންތިހާބުކޮށްފި އެވެ.
ބޮޑުވަޒީރަކަށް ބޭފުޅަކު އިންތިހާބުކުރަން ތައިލެންޑް ޕާލަމެންޓްގައި މިއަދު ވޯޓެއް ނެގީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ޕެޓޮންގްޓާން ޝިނަވަޓްރާ އެ މަގާމުން ވަކިކުރުމުންނެވެ. އޭނާ މަގާމުން ވަކިކުރީ ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ބޯޑަރުގައި ދެގައުމުގެ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކެމްބޯޑިއާގެ ބޮޑުވަޒީރަށް އޭނާ ކުރެއްވި ފޯންކޯލެއްގައި ސުލޫކީ މިންގަނޑާ ހިލާފުވި މައްސަލަ ބެލުމަށް ފަހުގަ އެވެ.
ބޮޑުވަޒީރު އިންތިހާބުކުރަން ޕާލަމެންޓްގައި މިއަދު ނެގި ވޯޓު އަނޫތިން ކާމިޔާބު ކުރެއްވީ ޕޮޕިއުލިސްޓް ފޫތައި ޕާޓީގެ ކެންޑިޑޭޓް ޗައިކަސިމް ނިތިސިރީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ތައިލެންޑްގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ތާއީދާއެކު އޭނާ އެ މަގާމާ ހަވާލުވެ ވަޑައިގަތީ ހަތަރު މަސް ދުވަހުގެ ތެރޭގައި އާއްމު އިންތިހާބު ބާއްވާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ތައިލެންޑް ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގައި 492 މެންބަރުން ތިއްބަވާ އިރު އަނޫތިން އެ މަގާމު ކާމިޔާބު ކުރެއްވީ 311 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމު ހޯދުމަށް ހޯދަން ޖެހޭ ވޯޓުގެ އަދަދަކީ 247 އެވެ.
އޭނާއާ ވާދަކުރެއްވި ޗައިކަސިމް އަށް 152 ވޯޓު ލިބިވަޑައިގެންނެވި އިރު 27 މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އަދި ޗައިކަސިމް ޕާޓީގެ ނުވަ މެންބަރަކު ވެސް ޕާޓީ ވިޕާ ހިލާފަށް ވޯޓު ދެއްވީ އަނޫތިން އަށެވެ.
އަލްޖަޒީރާއިން ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނޫތިން މަގާމުގެ ހުވާ ކުރައްވައި ސަރުކާރު އެކުލަވާލާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާއަށް މަގާމުގެ ހުވާކުރެއްވޭނީ ތައިލެންޑްގެ ރަސްގެފާނު އޭނާ އެ މަގާމަށް ރަސްމީކޮށް އައްޔަން ކުރެއްވުމުންނެވެ.
އުމުރުން 58 އަހަރުގެ އަނޫތިން ތައިލެންޑްގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުން، އެ ގައުމުގެ ނުފޫޒު ގަދަ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ ހާންދާނުގެ ވެރިކަން މިވަގުތަށް ނިމުނީ އެވެ. ތައިލެންޑްގެ ވެރިކަން މިދިޔަ 20 އަހަރު އެކިފަހަރު މަތިން ކުރީ ޝިނަވަތުރާގެ އާއިލާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
20251
06 September 2025
އޭ އިޔޮއްރީތި މަންޖެކޮބާ ބުނޭ އަންނާށޭ މޯޑިސްއަށް ބޯ ހަމަޖައްސާލަން...... ބޮއިހަލަކި
ދުރުމި-2
06 September 2025
ކުރިން އޮތް ގޮތަށް ބޭނުން އިރަކު ޕާޓީ ބަދަލު ކުރެވޭ ގޮތަށް އޮވެފައި މިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައި ނަމަ ކޮންމެ ތިން ދުވަހަކުން ބޮޑު ވަޒީރެއް އައްޔަން ކުރަންޖެހޭނެ .
އަބްޑޫޅް +
06 September 2025
މިހާރު ކޮބައިތަ، ތަކުޝީނު ޗިނަވަތުރާ؟