ނޭޕާލުގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގަމުން ދިޔައިރު ފުލުހުން ޝީލްޑުތަކުން ހިމާޔަތް ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
09 ސެޕްޓެމްބަރ 2025 - 09:46
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އާންމުވުމުގެ މައްސަލައިގައި ޒުވާނުން ނުކުމެ ކުރި މުޒާހަރާގައި 19 މީހަކު މަރުވެ މަސްރަހު ގޯސްވެގެން ދިއުމުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް އަލުން ދޭން ފަށައިފި އެވެ.
ކަތުމަންޑޫގައި ހުންނަ އޭއެފްޕީގެ ނޫސްވެރިއަކު ބުނި ގޮތުގައި ސޯޝަލް މީޑިއާގެ އާންމު ހުރިހާ އެޕްތަކެއް ވެސް މިހާރު ލިބެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމުން ފެށުނު މުޒާހަރާގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ގިނަ ބަޔަކު މަރުވި މައްސަލަ ބަލަން ސަރުކާރުން މިހާރު ވަނީ އަންގައިފަ އެވެ.
އާބާދީ 30 މިލިއަނަށް އަރާ ނޭޕާލްގައި ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ފޭސްބުކާއި އެކްސް އާއި އިންސްޓަގްރާމާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނޭހެން 26 ޕްލެޓްފޯމެއް ބަންދުކުރި އެވެ. އެއީ އެ ޕްލެޓްފޯމްތައް ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް ނުހިންގޭނެ ކަމަށް ކޯޓުން ހުކުމް ކުރުމުންނެވެ.
މި އެޕްތަކަކީ މުއާސަލާތީ އެކި ކަންކަމުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާ އެއްޗިއްސަށް ވާއިރު އެކަމާ ގުޅިގެން އުފެދުނު ރުޅިވެރިކަމުގައި އިއްޔެ އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތެވެ. ކަތުމަންޑޫގައި މުޒާހަރާކުރި މީހުން ގާނޫނުހަދާ މަޖިލިސް ދޮށަށް އެއްވެ، ފުލުހުން ބަންދުކޮށްފައިވާ ހިސާބުތަކަށް ވެސް ވަދެފައިވެ އެވެ. އެއާ އެކު ހިނގި ކުރިމަތިލުންތަކުގައި 19 މީހަކު ވަނީ މަރުވެފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި ފުލުހުން ވަނީ އަސްލު ވަޒަން ވެސް އާންމުންނާ ދެކޮޅަށް ބޭނުންކޮށްފަ އެވެ.
ރަބަރު އުންޑަ އާއި ކަރުނަގޭހާއި ފެނާއި މުގުރު ބޭނުންކޮށްގެން މުޒާހަރާ ކޮންޓްރޯލްކުރަން ކުރި މަސައްކަތުގެ ތެރޭގައި އެތައް ބަޔަކު މަރުވި އިރު 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
މި ބޮޑު ހަމަނުޖެހުމަށް ފަހު ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ، 73، ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި މި ބައްދަލުވުމުގައި އިންޓީރިއާ މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޮލީ އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލަން ސަރުކާރުން ތާއީދު ނުކުރާ ކަމަށާއި ސޯޝަލް މީޑިއާ ބޭނުންކުރަން ފަހި މާހައުލެއް ގާއިމް ކުރާނެ ކަމަށެވެ. އަދި މުޒާހަރާތަކުގައި ކަން ހިނގި ގޮތް ބެލުމަށް ތަހުގީގީ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ގުރުންގްއާ ހަވާލާދީ ނޭޕާލުގެ މީޑިއާތަކުން ވަނީ ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން މިހާރު އުވާލާފައިވާ ކަމަށް ބުނެފަ އެވެ.
މިދިޔަ ޖުލައި މަހު ނޭޕާލުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ހުއްދަކުރި އެވެ. އެއީ ނޭޕާލުގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ޓިކްޓޮކުން ބުނުމުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބޭ
09 September 2025
މިހުންނަނީ ޑިމޮކްރެޓިކް ގައުމުތަކުގައި ކަންކަން ހިނގައިގޮތް، ވެރިންނަށްވުރެ ރައްޔިތުން ބާރުގަދަވާކަން، މިހެންވުމުން މިވާގޮތަކީ ކިތަންމެ ރަގަނޅުކަމެއް ސަރުކާރުން ކުރަން އުޅުނަސް ލާހިކެއްނޫން ކުރާކަށް މިފަދަ ކަންކަން ހިނގާތީ ގައުމުތަށް ރަނގަޅުނުވަނީ، ކޮރަޕްސަނަށް ގިނަގައުމުތަށް ގޮސް ހަލާކްވަނީ ވެރިންގެ ކިބައިގާ ގައުމަށް ލޯބިޖެހިގެން ކަމެއްނުކުރެވެނީ، ވެސްޓަން ގާނޫނުއަސާސީ ހިފައިގެން ދިއުންނޫން ގޮތެއް ނޯޥޭ
ޯޕިޔޯނު
10 September 2025
ވެރިންގެ ކިބައިގާ ނުހުންނާނެ ގައުމީ ލޯބި. އެ މީހުން ލޯބިވާނީ ހަމަ އެކަނި ފައިސާއަށް. ވެރިމީހާ އަކީ ރައްޔިތުމީހާއަށް ހިދުމަތް ކުރަން އަންނަ މީހެއް. ތިބޭފުޅާގެ ވިސްނުން ގޯސް.
ސަހަލު އެކަތިވެސް ނެތީއޭ
09 September 2025
ހުރިހާ އެއްޗެއް މަނާކޮށްފަ ނުކުމެ 19 މީހުން މަރުވީމަ ބޮޑުވަޒީރު މިވިދާޅުވީ ތިމަންނައަށް އެނގިގެން ކުރި މަނަލެއް ނޫނޯ އެއީ، ކިހާ ތާހިރު.
ގުޑް
09 September 2025
ޖެންޒީ ދޯ. ރާއްޖޭގައި ޖެންޒީ ޖެއްސުމުން ޕޮލިސް ކޮމިޝަނަރ އިސްތިއުފާ ދިނީ. ޒުވާނުން ނުކުމެ ރާއްޖޭގެ ކޮރަޕްޓް ވެރިން ދުރުކުރަން ނަމޫނާއެއް ދައްކަމާ އަލުން.
ށަނިލް
09 September 2025
ޜާޣްޖެ ގަ ޒުވާނުން އަދި ދުވަހަކުވެސް މުޒާހަރާއެއް ނުކުރޭ ކުރި ކަމެއް ކުރީ ސިޔާސީ ބަޔަކު އެމީހުންގެ އަމިއްލް ބޭނުމެއް އޮވެގެން ކޮންމެސް ކަމެއް ފޮރުވަން ނޫނީ ކޮންމެސް ކަމަކުން ބަޔަކު ސަލާމަތް ކުރަން
ވާ ނު ވާ
09 September 2025
މިފެންނަނީ މީޑިޔާގަ ތަޅުއަޅުވަން އުޅުނީމަ ވާނެގޮތް މީ 80 ގެ އަހަރުތަކެއްނޫން
ސަސި
09 September 2025
ހަމަ ވެރިން ބޭނުންވީމަ ބޭނުންހާ ކަމެއް ނުކުރެވޭނެ