ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ކޭޕީ ޝަރްމާ އޮލީ
09 ސެޕްޓެމްބަރ 2025 - 14:19
ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގައި ނުވަ މީހަކު މަރުވި މައްސަލަ ހޫނުވެ އެންމެފަހުން ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
"ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ... ބޮޑުވަޒީރުކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ރައީސަށް ފޮނުއްވި ސިޓީއެއްގައި، އުމުރުން 73 އަހަރުގެ ބޮޑުވަޒީރު ލިޔުއްވާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމުން ފެށުނު މުޒާހަރާގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވި އިރު 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މުޒާހަރާކުރާ ޒުވާނުން ބުނަމުންދަނީ އެ މީހުން މުޒާހަރާއަށް ނުކުތީ ސޯޝަލް މީޑިއާ މަނާކުރުމުން ކަމަށް ވިޔަސް މިއީ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއެއް ކަމަށެވެ.
މި މައްސަލައާ ހެދި ރޭ ބޭއްވި ކެބިނެޓް ކުއްލި ބައްދަލުވުމުގައި އިންޓީރިއާ މިނިސްޓަރު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އާބާދީ 30 މިލިއަނަށް އަރާ ނޭޕާލްގައި ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ފޭސްބުކާއި އެކްސް އާއި އިންސްޓަގްރާމާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނޭހެން 26 ޕްލެޓްފޯމެއް ބަންދުކުރި އެވެ. އެއީ އެ ޕްލެޓްފޯމްތައް ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް ނުހިންގޭނެ ކަމަށް ކޯޓުން ހުކުމް ކުރުމުންނެވެ. އެކަމަކު މުޒާހަރާތަކާ އެކު ގައުމު ހޫނުވުމުން މިއަދު ވަނީ ސޯޝަލް މީޑިއާގެ ސަސްޕެންޝަން އުވާލައިފަ އެވެ.
މިދިޔަ ޖުލައި މަހު ނޭޕާލުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ހުއްދަކުރި އެވެ. އެއީ ނޭޕާލުގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ޓިކްޓޮކުން ބުނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮޗްމޭން
09 September 2025
73 އަހަރުގެ ބޮޑު ވަޒީރަށް ނޭގުނީ ވަޒީފާއެއް ނެތި ފޫހިވެފައި ތިބި ޒުވާނުންތަކަށް ސޯޝިއަލް މީޑިޔާ އެއްކޮށް ބްލޮކް ކޮށްލުމުން ވާނެ ވަރު. މި ރާއްޖޭގައި އެކަން ވިސްނި ވެރިމީހާ ކުރިން ބްލޮކް ކުރި ވެބްސައިޓްތަަކަށް ވެސް ވަދެވޭ ރާއްޖެތެރޭ މީހުން އެތިބީ މުނިފޫހިފުލުވަން އެ ވެބްސައިޓްތަކަށް ވަދެ.
މަހުވެއި
09 September 2025
މިހެންވާންޖެހޭނެ. މިގައުމުގަ ޒުވާނުންނަށް ނޭގޭ މުޒާހަރާ ކުރާކަށް ދެތިން ދުވާސްވާއިރު ތިބެނީ ހަތަރެސްކަން ހަމަވެފައި ދެން މަގުމަތީގައި ތާސްކުޅޭން ގިޓާ ހިފައިގެން މިއުޒިކު ކުޅޭން މީމުޒާހަރާތައް. ރަގަޅަށް އެއްވެސް ކަމެއް ކުރާކަށްނޭގެ.
ރަދީފްއޮފިޝަލް /
09 September 2025
ސާބަހޭ އިއްޒަތްތެރި ޒުވާނުން.ރާއްޖޭގެ ޒުވާނުން ވެސް ފުތޫހާތުގެ އަސްތަކުގަ ނިކުމެ މިފަދަ ގައުމީ ވާޖިބުތައް އަދާކުރަން ދަސްކުރޭ.