ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
10 ސެޕްޓެމްބަރ 2025 - 17:27
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުންދޭ ހުރިހާ އިނާޔަތެއް ކަނޑާލަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ތާއީދުކުރައްވައިފި އެވެ.
ކުރީގެ މެންބަރުންނަށާއި ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް ކުޑަކުރަން ނުވަތަ ކަނޑާލަން ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވައިލަމުން އަންނަ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަންކުރާ، އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް އެ ވިސްނުން ހުށަހަޅުއްވައިފަ އެވެ.
ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވައިލައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ މުޅި އުމުރު ދައުލަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައިވާ ކިތަންމެ ބަޔަކު ބޮޑެތި ބަލިތަކަށް ބޭސްކުރަން "ސަލާންޖަހަމުންދާ" ކަމަށެވެ. އެ ފަދަ އެތައް ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ވަޒީފާއިން ވަކިވުމަށް ފަހު އެ ފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަަދަރެއް އިއްޒަތެއް، ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ވީތީ ލިބުމަކީ އިންސާފެއް ނޫން. އެކަން ބަލައެެއް ނުގަނެވޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ކުޑޫ ވިދާޅުވި އެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.
އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަވިޔަނި.
11 September 2025
ދައުރު ނިންމާފަ ނުކުންނަ އިރު ތިޔައިން ކޮންމެ ބޭފުޅެއްގެ ހުރޭ ލަގްޒަރީ ދެތިން އެޕާޓްމެންޓް، ގެސްޓް ހައުސް ވިޔަފާރި ނޫނީ އެހެން ވިޔަފާރި އެއް ފައްޓާފަ. ދެން މިބޭފުޅުންނައް އުޅެވޭނެ ނުން އިތުރު ވަޒީފާއެއްގަ ނޫޅުނަސް. އެއްގޮތަކައްވެސް ދޭން ފެންނަ އިނާޔަތްތަކެއްނޫން ތީކީ. މިޤައުމު މިހާލަތައް މިވެއްޓެނީ މިކަހަލަ ދޯހަޅި ކަންކަން ހުންނާތީ. އަމިއްލައައް ފައިދާވާ ގޮތައް ބިލްފާސްކޮއްގެން މިތިބެނީ ދެއިރު ދެދަޅައައް ސައިފޮދު ހިއްޕަވާލަ ހިއްޕަވާލަ.
މަމެންވެސް
11 September 2025
އެއްވެސް ލާރިއެއް ދައުލަތުން ދޭކަށް ނުޖެހޭނެ. ވެރިންގެ ގޮތުގައި ތިބިއިރު ދޭންޖެހޭ ހުރިހާ އިއްޒަތާ ޝަރަފާއި ޚަރަދު ތައް ހުންނާނީ ބަލަހައްޓާފަ. ވަޒީފާގެ ދައުރު ހަމަވުނުން އެމީހުން ނާޗަރަންގީ ކުޅެން އުޅޭނެހައި ތަނަކު އުޅެން އަދި ކުޅޭނެހައި ކުޅިއެއް ކުޅެއް އެމީހަކު އަމިއްލަޔަށް މަސައްކަތް ކުރަންވީ
ހުސަ
11 September 2025
ރައްޔިތުންގެ މަޖްލީހުގެ މެމްބަރަކު މަޖްލީހުގައި ހަތަރު ދައުރު (20އަހަރު) ޚިދުމަތްކޮށްފިއްޔާ ހަމަ ޕެންޝަންގެ އުސޫލުން ކަނޑައެޅޭ މިންވަރަށް އުމުރަށް ދޭންވީ! އެކަމަކު މިހާރު އެމީހުން އަމިއްލަޔަށް ފާސްކޮށްފައި އޮންނަ ގަވާއިދަކުން އެތާގައި 5 އަހަރު ދައުރެއް އަދާކޮށްފައި ދިޔަޔަސް މުސާރައި 30% އެބަނަގާ! މިއީ ވެގެންވާނެ ގޮތެއްނޫން! ދައުލަތަށް 20 އަހަރު ޚިދުމަތްކޮށްފަ ރިޓަޔަރ ކުރީމާ ފައިސާ ދޭންޖެހޭނީ! މިކަން ބަދަލުކުރަންޖެހޭ!
ފަޅުމަސް
11 September 2025
އެއްކޮށް ކަނޑާލަންވީ އިނާޔަތް.. އިނާޔަތެއް ދެންޏާ ދޭންވީ 1 އަހަރެއްހާ ދުވަހަށް.. އަލުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ފަށައިގަންނަން ދޭ ވަގުތެއްގެ ގޮތުން..
އަލީބާބީ
11 September 2025
މިހާރުގެ މަޖުލީހަކީ އަމިއްލަޔަށް އެމީހުންގެ ގޮޑި ހުސްކުރުމުގެ ބާރު ޕާޓީ ބޮޑުންނަށް ދީގެން ތިއްބެވި އިއްޒައްތެރިން، ދެން އެބޭފުޅުން ބޭނުމެއް ނުވާނެ އިނާޔަތެއްވެސް ހިމާޔާތެއްވެސް، ބޭނުން ފުޅުވާނީ އެޕާޓީއެއްގެ ބޮޑުންގެ ރުހުން
ޖަންބުހުސޭނު
11 September 2025
މަޖުލީސް މެމްބަރުންގެ އެއްޗެހި ކަނޑާ ހުސްކޮށްލާ، ފަނޑިޔާރުންނާއި ރައީސަށް ބަޖެޓް ބޮޑްކޮށް ތަނަވަސް ކޮށްދެއްވާ، އޭރުން ހެޔޮވެރިކަން ކުރެވޭނެ ތޯއްޗެއް
ތުނަބިބީ
11 September 2025
ކީއްކުރާނީ އަމިއްލަ ބާރު ނުހޮގާ މަޖުލީހެއްވިއްޔާ
ސާލިޔާ
11 September 2025
ދައުލަތުގެ ވަޒީފާގައި 35 އަހަރު ޚިދުމަތްކުރަމުން ގެންދާ އިދާރީ މުވައްޒަފަކަށް އަދި ޑިގުރީ ހަދައިގެން އޮފީހެއްގެ އިދާރީ މަޤާމުގަ އަދާކުރާ މީހަކަށް އެންމެ 6000ރ ގެއަށް ގެންދަން ކިރިޔާ ލިބޭއިރު ރާއްޖެތެރޭގެ ކުޑަކުޑަ ޞިއްޙީ މަރުކަޒެއްގައި ވަރަށް ލުއިކޮށް މަސައްކަތްކުރާ ނަރުހުންނަށް 20000- 35000 ރ އާ ދެމެދުގެ މުސާރަތައް ދިނުން މީ ކިހާ ނާައިންސާފެއްތޯއެވެ؟ އަދި މަޖިލިސް މެމްބަރުކަން 5 އަހަރު ކޮށްލީމާ މުޅި ޢުމުރަށް ޢިނާޔަތް ދޭންޖެހޭތޯއެވެ.
ފަންގަތި
11 September 2025
ނަރުހެއްގެ ޒިންމާ ވަރަށް ބޮޑު.
ތަރި2
11 September 2025
ގއ ގައި ބުނާ ހަމަހަމަ ކަން ގެންނަން ވިސްނުން ހުރި ރައީސެއް ބޭނުންވަނީ. ނެތް ފެންނާކަށް.
ޖަލީލީ
11 September 2025
ކުރީގެ ރައީސުންނާ މަޖިލީސް މެންބަރުންނަށް މަގާމުން ވަކިވީމާވެސް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތަށް ދޭކަށް ނުޖެހޭ. ދައުލަތަށް ހިދުމަތްކުރި ދުވަހަށްބަލައި ނިކަމެތި ސިވިލް ސަރވާންޓުންނަށް މި ލިބޭ ޕެންޝަން އެމީހުންނަށް ވެސް ދިނީމާ ރަނގަޅޫ ވާނެ.
ކުޑޫ ބޭބެ
11 September 2025
"...ވަޒީފާއިން ވަކިވުމަށް ފަހު އެ ފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަަދަރެއް އިއްޒަތެއް، ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ވީތީ ލިބުމަކީ އިންސާފެއް ނޫން. އެކަން ބަލައެެއް ނުގަނެވޭނެ،" އެހެންވީމާ ކުޑޫ އަށް އޯކޭއޭ ބުނަންޖެހެނީ