ނޭޕާލުގައި ކުރި މުޒާހަރާތަކުގައި ފުލުހުންގެ އިމާރާތެއްގައި ހުޅުޖަހައި އަންދާލާފައި: ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައި ޖަލުތަކުން 13،500 އަށް ވުރެ ގިނަ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުނޭ. -- ފޮޓޯ: އޭއެފްޕީ
11 ސެޕްޓެމްބަރ 2025 - 09:37
ނޭޕާލުގެ ވެރިކަން ވައްޓާލި ހަމަނުޖެހުން ބޮޑު މުޒާހަރާކުގެ ތެރޭގައި އެ ގައުމުގެ އެކި ޖަލުތަކުން 13،500 އަށް ވުރެ ގިނަ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"ތިން ފުލުހަކު އިއްޔެ މަރުވެފައި ވާއިރު ގައުމުގެ އެކި ޖަލުތަކުން ވަނީ 13،500 އަށް ވުރެ ގިނަ މީހުން ފިލާފައި،" ނޭޕާލް ފުލުހުންގެ ތަރުޖަމާނު ބިނޯދް ގިމިރޭ ވިދާޅުވި އެވެ.
ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާ އެކު މުޒާހަރާތައް ފެށުނަސް ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާ ދެކޮޅަށް މީހުން ނުކުމެ މުޒާހަރާތައް ހޫނުވެ ފުޅާވެގެން ދިއުމާ އެކު ވަނީ ބޮޑެތި ހަމަނުޖެހުން ހިނގައިފަ އެވެ. ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ އެތައް ބައެއްގެ ގެތަކުގައި ހުޅުޖަހާފައި ވާއިރު ސިޔާސީ އެކި ބޭފުޅުންނަށް ބޮޑެތި އަނިޔާތައް ވެސް ދީފައިވެ އެވެ.
ނޭޕާލްގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަޝޯކް ރާޖް ސިގްޑެލް ވަނީ "ޖެން ޒީ" މުޒާހަރާގެ ބައިވެރިންގެ އިސް މީހުންނާ އިއްޔެ ބައްދަލު ކުރައްވައި ހަމަޖެހުން ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. އެކަމަކު އެ ބައްދަލުވުމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ނޭޕާލުގައި ހިނގި ހަމަނުޖެހުންތަކުގައި އިމާރާތަކާއި އެތަނުގެ ކައިރީ ހުރި ވެހިކަލްތަކުގައި ހުޅުޖަހައި ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ
މުޒާހަރާގެ އިސް މީހުން މިއަދު ބުނި ގޮތުގައި ވަގުތީ ސަރުކާރެއް އެކުލަވާލަން ނިންމައި އެ ސަރުކާރުގެ ވެރިޔަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ ގެނައުމަށް މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.
"މިހާރު އިންތިގާލީ ސަރުކާރުގެ އިސް ވެރިއަކަށް ސުޝީލާ ކާކީގެ ނަން ވަނީ ހުށަހަޅާފައި. އަޅުގަނޑުމެން މިހާރު އިންތިޒާރު ކުރަމުން މި އަންނަނީ ރައީސްގެ ނިންމެވުމަށް،" ސިފައިންގެ ވެރިޔާއާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ރަކްޝަޔާ ބާމް ބުންޏެވެ.
މުޅި ގައުމު ނާމާންކަމުގެ ތެރެއަށް ވެއްޓުނު މުޒާހަރާތަކުގައި 19 މީހަކު މަރުވެފައި ވާއިރު ސިފައިން މިހާރު ގެންދަނީ އަމަން ގާއިމުކޮށް ކަންކަން މަގަށް އަޅުވަން ފިޔަވަޅުތައް އަޅަމުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނިކާރާއްޖެ
13 September 2025
މިރާއްޖޭގައިވެސް 2007 ވަނަ އަހަރު ގޭންގުތަކުންނޭ ކިޔައިގެން ބަޔަކު ނުކުމެ ހަމަނުޖެހުން ނިންމުމަކަށް ގެނައުމަށް ސަރުކާރުގެ އެކި މުއައްސަސާތަކާއެކު ބައްދަލުވެ ނިންމި، އަދި މިބައިމީހުންނަށް ފިޔަވަޅު ނޭޅި ދޫކޮށްލުމުން ރާއްޖެ މިއުޅެނީ އަދިވެސް ގޭންގްތަކުގެ ކިބައިން ސަލާމަތްނުވެވިގެން، ނޭޕާލްވެސް ހަމަ މިމަގުން ދާނީ، ތިޔަ ޖެން ޒީ އަކުން ދެން ސަލާމަތެއް ނުވާނެ، އިސްކޮށް އުޅުނުމީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅަންވީ،