ކުޅިވަރު / ރިއަލް މެޑްރިޑް

ރެއާލްގެ ސަޕޯޓަރުން ފްރެންކޯގެ ނަމުން މަސްޓަންޓުއޯނޯ އަށް ގޮވާތީ ބޮޑު ބަހުސެއް

ފްރެންކޯ މަސްޓަންޓުއޯނޯ: ރެއާލްގެ ސަޕޯޓަރުން އޭނާ އަށް ފްރެންކޯ އޭ މުހާތަބު ކުރާތީ މައްސަލަ ވަނީ ބޮޑު ވެފަ --- ފޮޓޯ: ގެޓީ އިމޭޖަސް

11 ސެޕްޓެމްބަރ 2025 - 11:59

ރެއާލް މެޑްރިޑްގެ ފްރެންކޯ މަސްޓަންޓުއޯނާ އަށް ފްރެންކޯގެ ނަމުން އެ ކްލަބްގެ ސަޕޯޓަރުން ގޮވާތީ، ސްޕެއިންގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

އާޖެންޓީނާގެ ފޯވާޑް އެ ގައުމުގެ ރިވަޕްލޭޓުން މި ސީޒަނުގައި ރެއާލަށް ބަދަލުވެ، އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމުރުން 18 އަހަރުގެ މަސްޓަންޓުއޯނީގެ ޓްރާންސްފާ އަށް ރެއާލުން 73.6 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.

ރެއާލް މަޔޯކޯއާ އަތުން 2-1 ން މޮޅުވި މެޗާއި މި ސީޒަނުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުޅެން ނުކުތުމުން ވެސް ރެއާލްގެ ސަޕޯޓަރުން ވަނީ އޭނާ އަށް ތަރުހީބު ދިނުމުގެ ގޮތުން "ފްރެންކޯ ފްރެންކޯ" ގެ ނަމުން އޭނާ އަށް ގޮވައިފަ އެވެ.

ފްރެންކޯ، އެ ނަމަކީ ސްޕެއިންގެ ކުރީގެ ހުދުމުހުތާރު އަސްކަރީ ވެރިޔާގެ ނަމަވެ. ސްޕެއިންގެ ދާހިލީ ހަނގުރާމަ 1936 ގައި ފެށީ އަސްކަރީ ޖެނަރަލަކަށް ފްރެންކޯ ހުރެގެންނެވެ. އޭގެ ތިން އަހަރު ފަހުން އަސްކަރީ ބަޣާވާތަކުން ވެރިކަމަށް އައިސް 1975 ގައި އޭނާ އަވަހާރަވަންދެން ސްޕެއިންގައި ވެރިކަން ކުރީ އޭނާ އެވެ. އޭނާ ފާހަގަ ކުރެވެނީ އަނިޔާވެރި ވެރިއެއްގެ ގޮތުގަ އެވެ.

މަސްޓަންޓުއޯނޯގެ ނަން ގޮވަން އުނދަގޫކަމުން ރެއާލްގެ ސަޕޯޓަރުން އޭނާ އަށް މުހާތަބު ކުރަނީ އޭނާގެ ފުރަތަމަ ނަން ފްރެންކޯގެ ނަމުންނެވެ.

ރެއާލްގެ ސަޕޯޓަރުން ފްރެންކޯގެ ނަން ސްޓޭޑިއަމްގައި ގޮވާތީ އެ މައްސަލަ ބޮޑުކޮށްލީ ވާދަވެރި އެފްސީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ ސަރައްދުގެ މީޑީއާތަކުންނެވެ. ކެޓަލޯނިއާގެ އެންމެ ބޮޑު ކުޅިވަރު ނޫސް "މުންޑޯ ޑިޕޯޓިވޯ" އަދި "ސްޕޯޓްސް" ގައި ވަނީ އެ މައްސަލަ ފާހަގަކޮށްފަ އެވެ.

އެ ނޫސްތަކުން ފެންމަތި ކުރި އެ މައްސަލަ އަށް ރައްދު ދިނީ ރެއާލުން އެއްބާރުލުން ދީގެން ހިންގާ މީޑިއާތަކުންނެވެ.

ރެއާލްގެ އެއްބާރުލުން ދީގެން ކުރިއަށްގެންދާ ޓެބްލޮއިޑް ޓީވީ ޝޯއެއްގައި ވަނީ އެ މައްސަލަ އަށް ރައްދު ދީފަ އެވެ.

"މީގެ 40 އަހަރުކުރިން ސްޕެއިންގެ ހިނގާފައިވާ ކަންތައްތަކާ ގުޅިގެން ބަހުސް ފަށައިފި. އޭނާގެ މައިންބަފައިން އެ މީހުންގެ ދަރިފުޅަށް ނަން ދިނީ ފްރެންކޯ. އެއީ އޭނާގެ ނަން ކަމުގައި ވާނަމަ ފްރެންކޯ އޭ ނުކިޔެންވީ ކީއްވެ. ސްޕެއިންގައި ހިނގި ހާދިސާތަކާ އާޖެންޓީނާގެ ރައްޔިތަކާ އޮތީ ކޮން ގުޅުމެއް. މަސްޓަންޓުއޯނޯ އޭ ކިޔަން އުނދަގޫ. ދެން ކޮންކަމެއް،" ރެއާލްގެ ވާހަކަތައް ގިނައިން ގެނެސް ދޭ ޓީވީ ޝޯ، "ޗިރިންގުއިޓޯ ޑި ޖުގޯންސް" ގެ ޕްރެޒެންޓަރު ޖޯސެފް ޕެޑްރެރޯލް ޝޯ ހުށަހަޅައިން ދެމުން ބުންޏެވެ.

ރެއާލްގެ ސަޕޯޓަރުން ހިންގާ ވެބްސައިޓެއް ކަމަށްވާ "ލަ ގަލޭނާ" ގައި ބުނެފައި ވަނީ ރެއާލްއަކީ އެ ކްލަބް އުފެދުނު ފަހުން ވެސް ސިޔާސީ ހަރަކާތްތަކުން އެއްކިބާވެފައިވާ ކްލަބެއް ކަމަށެވެ. ފްރެންކޯގެ ނަން ބޭނުންކޮށްގެން ސިޔާސީ ކަމަކަށް ވެދާނެތީ، އެ ވެބްސައިޓުން ބުނީ "މަސްޓަން މަސްޓަން" އޭ މުހާތަބުކޮށް މަސްޓަންޓުއޯނޯ އަށް ގޮވުން މަސްލަހަތު ރަނގަޅު ވާނެ ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454