މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

ދެން އިވުނީ ރާއިފު ހަޅޭއްލަވައިގަތް އަޑެވެ. ވެއްޓުނު އަޑު ވެސް އިވުނެވެ. ބައްޕަގެ ނިންމުން އެހައި އަވަސް ކުރާނެ ކަމަކަށް އަތީލާ ހިއެއް ނުކުރެއެވެ. އަންޖަލް ބަލައިލީ އަތީލާއަށެވެ. ޔަގީން ނުވެގެން ބަލާ ކަހަލަ ގޮތަކަށެވެ.

"ކީއް ތި ކުރީ ބައްޕާ؟" އަތީލާ އެހިއެވެ.

"ދައްތަ ސަލާމަތްކުރީ،" ދެބަފައިން ވެސް ވާހަކަ ދެއްކީ އަންޖަލްއަށް ދޭހަވާ ބަހުރުވަޔަކުންނެވެ.

"އިންސާނުންނަށް އިތުބާރު ކުރާކަށް ނުވާނެ. ހިތަށް އެރީ އިންނަންވީ، ހިތަށް އެރީ ވަރިކޮށްލަންވީ! އަނބިމީހާ ކިތަންމެ ރަނގަޅަށް އުޅުނަސް އޭނަ އަތަކު އެއްވެސް ބާރެއް ނޯންނާނެ. ހިތުގަ ޖައްސާނެ، އަނިޔާކުރާނެ، ދަރިން ލިބުނީމަ ދަރިފުޅާ އެބަ ދުރުކޮށްލާ! އަދި ކޮބާ؟ މައިންބަފައިން ވެސް ހަމަ އެހާ ނުބައި. މީހަކާ ދެވާ އިރު ދަރިފުޅު ގާތުގަ ހޭ ވެސް އަހާނުލާނެ."

"ތީ ވެސް ހަމަ އެ ކަހަލަ މީހެއްނު!" އަންޖަލް ބުންޏެވެ.

އަތީލާ ދިޔައީ ސިއްސައިގެންނެވެ. ބައްޕަޔާ އެ ގޮތަށް އަންޖަލް ވާހަކަ ދެއްކީމައެވެ.

"އެތައް ދުވަހެއް ކޮށްފަ އަހަރެން ބޭނުންވާ ކަހަލަ މީހެއް ފެނުނީ،" އަންޖަލް ބުންޏެވެ. "ކޮންމެހެން މަރާލަން ޖެހޭތަ؟ މާދަމާ އަތީލާ އިންސާނެއް ދެކެ ލޯބިވެއްޖެއްޔާ އޭނަ ވެސް މަރާލާނީ؟"

"ކަށަވަރެއްނު!" ޖަދުވާންގެ ޖަވާބު ވަރަަށް ސާދާއެވެ. "އެކަމަކު އަހަރެން ނުރުހޭ ކަމެއް އަތީލާއެއް ނުކުރާނެ. މިހާ އަރާމު ދިރިއުޅުމެއް ކާކު ދޫކޮށްލާނީ؟ އަތީލާ ކައިރީ އަހާބަލަ!"

އަތީލާ ދެކޭ ގޮތް އަންޖަލްއަށް އެނގެއެވެ. އެއީ މާ ކުރިން ދެކެވިފައިވާ ވާހަކައެކެވެ. ވީމާ، ބައްޕައަށް އަތީލާ އެ ޖަވާބު ދޭން އަންޖަލް ބޭނުންވިއެވެ. އަތީލާއަށް ބަލައިލިއެވެ.

"ބައްޕަ ހަމަ ބޭނުން ގޮތެއް." އަތީލާ އެހެން ބުނީ ދުލުކުރިން އެކަންޏެވެ.

ބޮޑާކަމާ އެކުގައި ޖަދުވާން ހީނގަތެވެ. އަންޖަލް ބަލައިލީ އަތީލާގެ ލޮލަށެވެ. ދެއްކި ވާހަކައަކީ ދޮގު ކަމަށް އަތީލާގެ ލޯ ހެކި ދިނެވެ. އެ ލޮލުން އަންޖަލްއަށް ފެނުނީ ބިރެވެ.

"ދަރިފުޅު ވެސް މި މާހައުލުގަ ބޮޑުވި ނަމަ އަތީލާ ކަހަލަ ހަރުދަނާ ތަރުބިއްޔަތެއް ލިބުނީސް،" ފަހުރުވެރިކަމާ އެކުގައި ޖަދުވާން ބުންޏެވެ. "ތަންކޮޅެއް އަމިއްލަ އެދުން ބޮޑުކޮށްފަ، ކުޑައިރު ދަރިފުޅު ޖަހައިގަނެގެން މި ތަނަށް ގެނެވުނު ނަމައޭ މިހާރު ހިތަށް އަރާ! އެކަމަކު މައްސަލައެއް ނެތް. އަދި ލަހެއް ނުވޭ!"

ދެން ޖަދުވާން ދެއްކި ވާހަކަ އަންޖަލްއަކަށް ނޭނގެއެވެ. އަތީލާ ދިން ޖަވާބެއް ވެސް ނޭނގެއެވެ.

"ހިނގާ ދައްތާ!" އަތީލާ ބުންޏެވެ.

"ކޮންތާކަށް؟" އަންޖަލް ހިތްހަމަނުޖެހިފައި ބުންޏެވެ.

ވަކި އެއްޗެއް ނުބުނެ އަތީލާ ދާން ފެށުމުން އަންޖަލް ވެސް ފަހަތުން ދިޔައެވެ. އެ ތަނުން ނުކުތެވެ. ރޭގަނޑު އެ ބަގީޗާއަކީ މުޅީން އެހެން ތަނެކެވެ. އަތީލާ ބުނި އެއްޗެއް އަންޖަލްގެ ހަނދާނަށް އައެވެ. އެ ދުނިޔެއަށް މީހަކު ވަނުމާ އެކު، މުޅި މާހައުލުން އެ މީހަކު ފާހަގަކުރާނެއެވެ. ވަދެފައި ނުކުމެވޭނެއެވެ. އެހެނަސް ނުކުންނަ ހިތެއް ނުވާނެއެވެ. ދުރަކު ވެސް ނުހުރެވޭނެއެވެ. މާ ގިނައިން އެ ތަނަށް އަންނަން ފަށައިފިއްޔާ ދެނެއް އެ ތަނަކުން ނުނިކުމެވޭނެއެވެ.

"ދެން އަހަންނަކަށް ގެއަކަށް ނުދެވޭނެތަ؟" އަންޖަލް ސުވާލުކުރިއެވެ.

"ގެއަށޭ މި ގެންދަނީ،" އަތީލާ ބުންޏެވެ. "ބޭނުންވިޔަސް ނުވިޔަސް، އަހަންނަށް ޖެހޭނީ ބައްޕަ ބުނާ ގޮތް ހަދަން. ނަހަދައިފިއްޔާ ތިމާގެ މީހެއް، ފާރަވެރިއެއް، ދަރިއެއް ބައްޕައަކަށް ނޯންނާނެ. ވަރަށް ވަރުކޮށްލާނެ. ބައްޕަ ހީކުރަނީ ގަދަބާރުން ހުރިހާ ކަމެއް ކުރެވޭނޭ! އެއީ ކާފަ ދަސްކޮށްދިން ގޮތް. ހަރުކަށިވާން ޖެހޭނެ. ބިރުގަންނަވާފަ ބައިތިއްބަން ޖެހޭނީ. އެކަމަކު މީ އެ ޒަމާނެއް ނޫން. މިހާރަކު އެ ގޮތަކަށް ހުރިހާ ކަމެއް ނުކުރެވޭނެ."

ފައިދަށުން ބިންގަނޑު މަޑުމަޑުން ދެމެން ފެށި ކަހަލައެވެ. ގަސްތައް ދިގުވެ، އެއްދިމާއަކަށް ލެނބެން ފެށިއެވެ. އަތީލާ ވަރަށް ސާބިތުވެ، އަންޖަލްގެ އަތުގައި ހިފައިގެން ހުއްޓެވެ.

"ދެން އަހަރެން ގެއަށް ފޮނުވާ!" އަންޖަލް އެދުނެވެ.

"އަހަންނަށް ވެސް ނުކުރެވޭނެ ކަންތައް ހުންނާނެ،" އަތީލާ ފޭދެމުން ގެއްލެމުންދިޔަ އިރު ބުނި އަޑުއިވުނެވެ.

"ދައްތަ ހާސްނުވޭ! ގޮތެއް ހުހެއް ނުވާނެ. އަބަދުވެސް ހަނދާން ބަހައްޓާ! މި ތާ ހުންނަ ހުރިހާ އެއްޗެއް ވެސް ދިރޭނެ. ވާހަކަ ދައްކާނެ. އެހީވަންޏާ އެހީދޭނެ. ލޯބި ވަންޏާ ލޯބި ދޭނެ. އިތުބާރު ދީފިއްޔާ އިތުބާރު ވެސް ކުރާނެ. އިރުކޮޅަކުން ދައްތައަށް ފެންނާނެ އަރާ ފެންތަކެއް. އަސްލު އެއީ ފެނެއް ނޫން. ގޮސް އޭގެ ތެރެއަށް ވަދޭ!"

އެހެން ބުނުމުން އުފެދުނު އިތުރު ސުވާލެއްގެ ޖަވާބު ހޯދުމަށް އަންޖަލް ދެ ފަހަރު އަތީލާއަށް ގޮވައިލިއެވެ. ޖަވާބެއް ނުލިބުނެވެ. ދެން ހަދާނެ ގޮތެއް އަންޖަލްއަކަށް ނޭނގުނެވެ. އެކި ކުލަކުލައިގެ، ބައިވަރު ބޮކިތަކެއް މަގުގެ ދެ ފަރާތުގައި ދިއްލާފައި ހުއްޓައި، އެ މަގުން ބާރު ދުވެއްޔެއްގައި ދަތުރުކޮށްފައިދާ އިރު އަލިތައް ފެންނަހެން ފެނިފެނިފައި، އަތީލާ ބުނި އަރާފެންގަނޑު ފެނުނެވެ. ވަރަށް ބާރަށް ފެންތައް އަރައެވެ. އަރާ ފެންތައް ތިރިއަކަށް ނުފައިބައެވެ. މެދުނުކެނޑި އަރަނީއެވެ. އަންޖަލް ވަރަށް ޖެހިލުންވިއެވެ. އެކަނި ހުރީމައެވެ. ފެން ފަރުދާ ކައިރީގައި، ދެން ހަދާނެ ގޮތަކާ މެދު ވިސްނަން އެތައް އިރަކު އަންޖަލް ހުއްޓެވެ. އެއީ ފެންތޯ ބަލަން ފަރުދާގައި އިނގިލިޖައްސަން އުޅެފައި ހިތަށް އެރިއެވެ. އެހެން ހަދައިފިއްޔާ ވާނީ އިތުބާރު ނުކުރި ކަމަށެވެ. ބަދަލު އަންނާނީ ވެސް އެހެންނެވެ. ގޮތްނުބަލައި އަންޖަލް ކުރިޔަށް ހިނގައިގަތެވެ. ފެންފަރުދާގެ ތެރެއިން އެތެރެއަށް ވަދެވުނެވެ.

އަންޖަލްއަށް ވަދެވުނީ ފެނުގެ ގަނޑުވަރަކަށެވެ. އެއީ، ފަހުން އެ ތަން މީހަކަށް ކިޔައިދޭން ބޭނުންވިޔަސް ކިޔައި ނުދެވޭ ކަހަލަ އަޖައިބު ކުރަނިވި ތަނެކެވެ. ފާރުތައް ވެސް ހުރީ ފެނުންނެވެ. ފުރާޅާއި ބިންމައްޗާއި ގަސްތަކާއި މާތައް ވެސް މެއެވެ. ހުރިހައި ތަނެއްގައި ވެސް ފެން ދަތުރުކުރަނީ ތިރިން މައްޗަށެވެ. ގަސްތައް ހީވަނީ ގަނޑުފެން ހެންނެވެ. އެހެނަސް، ހުއްޓުން އަރައިފައެއް ނުހުރެއެވެ. ގަހެއް ކުރާ ހުރިހައި ހަރަކާތެއް ކުރެއެވެ. ފަތެއް ވެއްޓުނަސް ހީވަނީ ބިއްލޫރިކޮޅެއް ހެންނެވެ. އެކަމަކު ވެއްޓި ތަޅައިގެނެއް ވެސް ނުދެއެވެ. ގަނޑުފެން ވިރޭ ހެނެއް ނުވިރެއެވެ. ނުފެންނަ ކިހައި ގިނަ ކުލައެއް ދުނިޔޭގައި ހުރިކަން ވެސް އަންޖަލްއަށް އެނގުނީ އެ ތަން ފެނުނީމައެވެ. ފެހި ފެއްސަކަށް، ނޫ ނުލަކަށް ނުވެއެވެ. ހީވަނީ ކުލައިގެ ތެރެއިން ކުލަ އުތުރޭ ހެންނެވެ. ބަލައި ފޫހިނުވެއެވެ. އެކަމަކު، އަންޖަލްގެ ޝައުގުވެރި ކަމަށް އެޅިފައިވާ ހިޔަނި ފަނޑެއް ނޫނެވެ. ހިތަށް އެރިއެވެ. ރާއިފުއަށް ވީ ކިހިނެއް ހެއްޔެވެ؟ އަދި އެއްފަހަރު އޭނަ ފެންނާނެ ހެއްޔެވެ؟

"އަހަރެން ގެއަށް ދާން ބޭނުން." އަންޖަލްއަށް ބުނެވުނެވެ.

އެ ވަގުތު ގަހަކުން ވަރަށް ބައިވަރު ފެންކޮކާތަކެއް އުދުހިގަތެވެ. ހުރިހައި ކޮކާލެއް ވެސް ދަނީ ވަކި ދިމާއަކަށެވެ. ހީވާ ކަހަލައެވެ. ކޮކާތައް ބޭނުންވަނީ އަންޖަލް އެ ދިމާއަށް ގެންދާށެވެ. އަންޖަލް ހިނގައިގަތެވެ. ކުރިމަތިން އަލިވާން ފެށިއެވެ. ވަރަށް ގަދަ، ހުދު އައްޔެކެވެ. އެއީ ދޮރުފަތް ނެތް ދޮރެކެވެ. ބޭރުން ފެންނަނީ އަންޖަލްގެ ހަގީގީ ދުނިޔެއެވެ. ދާން ބޭނުންވެގެން ކެތްތެރިކަން ކުޑަވެފައިވާ ތަނެވެ. އެކަމަކު ކޮކާތަކުގެ މިސްރާބު ހުރީ ދޮރާ ދުރަށެވެ. އެނބުރިފައި، ދުވެފައި ގޮސް އަންޖަލްއަށް ދޮރުން ނުކުމެވުނީހެވެ. އެތައް ފަހަރަކު އެހެން ހިތަށް އެރިއެވެ.

އަތީލާ ބުންޏެވެ. އިތުބާރު ދީފިއްޔާ އިތުބާރު ކުރާނެއެވެ. އެ ތަންކޮޅު ހަނދާންވުމުން، ކޮކާތައް ދެއްކި މިސްރާބުން އަންޖަލް ކުރިޔަށް ދިޔައެވެ. ބަލަބަލައި ހުއްޓައި ދޮރު ގެއްލުނެވެ. އަންޖަލް ގެންދިޔަ ދިމާގައި ހުރީ ބޮޑު އެނދެކެވެ. އެނދާއި ގޮދަޑި އާއި ބެޑުޝީޓަށް ދާންދެން ހުރީ ފެނުންނެވެ. އެ ތަނުގައި އޮށޯތުމުން ދެން ވާނީ ކިހިނެއް ކަމެއް އަންޖަލްއަކަށް ނޭނގެއެވެ. އެއީ ހިތްނުތަނަވަސްވި ދަނޑިވަޅެކެވެ. ކޮކާތަކަށް އިތުބާރު ކޮށްފައި އަންޖަލް އެނދުގައި އޮށޯތެވެ.

"އަންޖޫ! އަންޖޫ!" މާމަ ގޮވާ އަޑުއިވުނެވެ.

އަންޖަލްއަށް ހޭލެވުނެވެ. އޭރު އަނދިރިވެއްޖެއެވެ. އަންޖަލް އޮތީ، ބަދިގެ ކައިރީގައި ހުރި ޖޯލީގައެވެ. ކާފަ އާއި ރާއިފު ފެންނާކަށް ނެތެވެ.

"ދޭ އަވަހަށް ނަމާދަށް އަރަން،" މާމަ ބުންޏެވެ. "މީ ދެން ކޮން ގަޑިއެއް ނިދަން؟"

"ކާފަ ކޮބާ؟" އަންޖަލް އެހިއެވެ.

"ކާފަ އެބަ އުޅޭ ރާއިފު ރުކުން ވެއްޓިގެން." މާމަ ބުންޏެވެ.

"ދީބަލަ ފެންފުޅިއެއް." ދުވެފައި އެ ތަނަށް އައި މީހަކު ބުންޏެވެ.

މުހުސިނާ ފެންފުޅިއެއް ދިނުމުން އެ މީހާ އަނެއްކާ ވެސް ދުއްވައިގަތެވެ. އޭނަގެ ފަހަތުން އަންޖަލް ދުއްވައިގަތެވެ. މުހުސިނާ ކިތަންމެ ވަރަކަށް ވެސް ގޮވިއެވެ. އަންޖަލްއަކަށް އެ އަޑެއްނީވުނެވެ. ރާއިފު އޮތީ ފަތްޖެހި އެނދެއްގައެވެ. ކައިރީގައި ދެ މީހަކު ތިއްބެވެ. ދިމްނާ އާއި ޝާފިޔާ ތިބީ ތަންކޮޅެއް ދުރުގައެވެ. ރާއިފުގެ މަންމަ ރުގިއްޔާ ރޮނީއެވެ. ރުގިއްޔާއަށް ހިތްވަރު ދެވޭތޯ ބަޔަކު އުޅުނެވެ. އަންޖަލް ހުއްޓުނީ ފަތްޖެހި އެނދާ ތަންކޮޅެއް ދުރުގައެވެ. ލެއިން ކަޅިވެފައިވާ ރާއިފު މާ ގާތުން ބަލާނެ ހިތްވަރެއް އަންޖަލްއަކަށް ނުލިބުނެވެ. އެ ތަނުގައި ގޮތް ނުކިޔާ މީހަކު ނެތެވެ. މާލެ ގެންދަން އެކަކު ބުނެފިއްޔާ އަނެކަކު ބުނަނީ ރަށަށް ގެންދިޔުން މާ ރަނގަޅުވެފައި އަވަހަށް ފަރުވާދެވޭނެ ކަމުގައެވެ. އަނބުރައިގެންފައޭ އެކަކު ބުނެފިއްޔާ އަނެކަކު ބުނަނީ ހޭނެތިފައި ކަމުގައެވެ. އަންޖަލްއަށް ހުރެވުނު ދިމާގެ ގޮތުން ރާއިފު ރަނގަޅަކަށް ނުފެނެއެވެ. ބައެއް ފަހަރު ރާއިފުގެ ގައިން ތަންކޮޅެއް ފެނެއެވެ.

"ކުޑަކޮށް ދުރަށް ޖެހިލާ ވައިރޯޅިއެއް ޖެހުނަދީބަލަ!" ނިޒާރު ބުންޏެވެ.

ދެ މީހުން ތިބެފައި ދެން ތިބި މީހުން ދުރަށް ޖެހުނެވެ. އަންޖަލްއަކަށް ލެޔެއް، ރާއިފު ހަރަކާތްކުރާ ތަނެއް ވެސް ނުފެނެއެވެ. އަންޖަލް ހިތަށް އެރިއެވެ. އެއްވެސް އަނިޔާއެއް ނުވީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން އޭނަ ސަލަމާތް ކޮށްދިނީ!" އަންޖަލްގެ ފަހަތުން އަޑެއް އިވުނެވެ. "އިރުކޮޅަކުން ހޭއަރާނެ."

އަންޖަލް ބަލައިލި އިރު އެކަކު ވެސް ފަހަތަކު ނެތެވެ. އަންޖަލް ހިތަށް އެރިއެވެ. އެއީ ކާކުބާއެވެ؟

"ބަތޫރު!" ޖަވާބުގައި ބުނި އަޑުއިވުނެވެ. "އަހަރެން އޭނަ ސަލާމަތްކުރީ."

އުފަލުން އަންޖަލް ފެންކަޅިވިއެވެ. އެހެނަސް، ރާއިފު ވެއްޓުނު އަޑުއިވުނު ހަނދާންވިއެވެ.

"އަޑުއިއްވީ އަހަންނޭ!" ބަތޫރު ބުންޏެވެ. "ޖަދުވާނަށް ނުކުރެވޭ ކިތަންމެ ކަމެއް އަހަންނަށް ކުރެވޭނެ. އޭނަ ވަރަށް ފަރުވާކުޑަވާނެ. އެހެން ނޫން ނަމަ ވީ ގޮތް އޭނައަށް އެނގުނީސް. އޭނަ އަބަދު ވެސް ހުންނާނީ ވަރަށް އެނގިފަ."

އަންޖަލް ހިތަށް އެރިއެވެ. ބަތޫރު ހާދަހާ ރަނގަޅެވެ.

"އަހަރެން ރަނގަޅެއް ނުވާނެ،" ބަތޫރު ޖަވާބު ދިނެވެ. "ހަނދާން ބަހައްޓާތި! ހެވެއް ވެސް ނުވާނެ. ވަކި ބޭނުމެއްގަ އެ ކަން ކޮށްދިނީ. އަންޖަލް ޖެހޭނެ އަހަންނަށް ކަމެއް ކޮށްދޭން." (ނުނިމޭ)

8 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑެބީ ދައްތަގެ ބިގެސްޓް ފޭން

14 September 2025

މަށަށް ހީވަނީ ޑެބީ މާ މަޝްހޫރުހެން ބިންބެ އައްތުރެ............ނޯ ހޭޓް...އައި އެމް އަ ބިގް ފޭން

The name is already taken The name is available. Register?

ގާރލް7

14 September 2025

އަންޖަލް ހަމަ ވަގުތުން ކޮންކަމެއްތޯ ސުވާލްކުރުމުން، ބަތޫރު ދޮލަނގެއް ގެނެސްދިނުމަށާއި، އެއީ މިހާރު ރާއްޖޭއަށް މަދުވަނީ ޖިންނިން ފުރާ ހުރި ދޮލަނގެއް ކަމަށްވާތީ ދިވެހިންނަށް އެކަން ކޮށްލަދޭން ބޭނުންވާތީ ކަމަށް ބުނުމުން އަންޖަލް ވަގުތުން ދުއްވައިގަތީ އެރަށުން ދޮލަނގެއް ހޯދުމަށެވެ. (ނުނިމޭ)

The name is already taken The name is available. Register?

ބަތޫލް

14 September 2025

މަށަށް މިއޮއްހާ ދުވަހު ކިޔުނީ ރާފިއު އޭ

The name is already taken The name is available. Register?

މހއމ

14 September 2025

ރާފިއު އާ ހެދި ވަރެއް ވެފަ ދޯ ތިހުރީ؟ :)

The name is already taken The name is available. Register?

2025

14 September 2025

އެހެންވީމާ ރާއިފްއަށް ތިލިބުނީޅެމުގެ ފަރުވާ....ބޮއިހަލަކި

The name is already taken The name is available. Register?

ގުޑުލަކުމުނިޔާ

14 September 2025

"އެއީ ކޮންކަމެއް؟" އަންޖަލް އަހާލިއެވެ. "އެއީ އަންޖަލްގެ ފުރެންޑު ޑެބީއާއި އަހަރެން ސެޓުކޮށްލަދޭން އެބަޖެހޭ! އަދި ލަވައެއް ކިޔާލަން ވެސް ފަސްކޮށްދޭން އެބަޖެހޭ! ސައްޔާރަ ތުތުތޫތޫ...."ބަތޫރު އެހެން ބުނެލި އަޑާއެކު އަންޖަލްއަށް ހިނިތުންވެވުނެވެ. އަދި އެލަވަ ކިޔަންޖެހޭ ރާގަށް ކިޔާލިއެވެ. އެއީ ރާއިފުއަށްވެސް ހޭލެވުނުވަގުތެވެ. އެތާގަތިބި މީހުން ތިބީ ބުނާނެއެއްޗެއްނޭގިފައެވެ. އެކަކުދިގުރުކަކުން ވެއްޓި ކަމެއްނުވެ ހޭއެރީއެވެ. އަނެކަކު ލަވަކިޔަނީއެވެ.

The name is already taken The name is available. Register?

ޑެބީ

14 September 2025

ލަވަ ނުނިމެނީސް އެތަނަށް ޖަދުވާނު އަތުވެއްޖެއެވެ. "ބަތޫރަށް ޑެބީ ސެޓުކޮށްދެންޔާ މަށަށް ޖެހޭނެ ގުޑުލަކުމުނިޔާ ސެޓުކޮށްދޭން" ޖަދުވާނު ކުރީ ލޯބިއެއާއި އެކުވެފައިވާ އަމުރެކެވެ. އަންޖަލް ވަގުތުން އެއްބަސްވިއެވެ. ގުޑުލަކުމުނިޔާ ކައިރީ އަހަން ވެގެން ހޯދިއިރު ކަމަކުދާކަތް ނެތެވެ. ގުޑަލަކުމުނިޔާއާއި ރާއިފު ބަތޫރު ކިޔަމުން ދިޔަ ލަވައަށް ނަށަނީއެވެ. އަންޖަލް ރުޅިއަވެ. ފޫހިވެސްވިއެވެ. ގުޑުލަކުމުނިޔާގެ ހުންނަ ވިޔާނުދާކަމުންނެވެ.

The name is already taken The name is available. Register?

ރެހެންދި

14 September 2025

ބަތޫރު ބުންޏެވެ. ޑެބީއާއި ގުޑުލަކުމުނިޔާއަކީ...." ބަތޫރަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަންޖަލް ބަތޫރު ހުއްޓުވިއެވެ. "ބަތޫރު ރަނގަޅުވާނީ ތިކަންހަނދާންނައްތައިލިއްޔާ! ތިބުނާ ގުޑުލަކުމުނިޔާ އަދި ޑެބީއަކީ ބަތޫރުއާއި ކެރިކުޅަދާނަވެގެންވާ ދެމީހުންނެއްނޫނެވެ. އެމީހުންނާ ގެޅެން ހަދައިގެން ހަލާކުވާނީ ބަތޫރެވެ.އެތިބީ ފިސާރި ކަނބަލުންނެވެ. މީވަރަށްވާހަކައެވެ." އަންޖަލް ބަތޫރަށް ވިސްނައިދިނެވެ. ބަތޫރު ވީދެރައިން ވަރަށް ފޫހިވެއޭ ބުނެ އެތަނުން ރައްކާވިއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454