ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އިސްމާއިލް އާސިފް، އެ ކްލަބްގެ ޕްރެކްޓިސް ސެޝަނެއްގައި ވެލެންސިއާގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ: އެ ކްލަބުން ވަނީ މިހާރު ބިދޭސީ ކުޅުންތެރިންގެ ޖާގަތަށް ފުރިހަމަ ކޮށްފަ (ފޮޓޯ: ވެލެންސިއާ)
19 ސެޕްޓެމްބަރ 2025 - 09:42
ވެލެންސިއާގެ ޓްރެއަލްގައި ބައިވެރިވާން އަމިއްލަ ހަރަދުގައި ރާއްޖެ އައި ކުޅުންތެރިންގެ ފެންވަރު ނެތުމުން ސޮއި ނުކުރުވައި ދޫކޮށްލި ނައިޖީރިއާގެ ދެ ކުޅުންތެރިންގެ ބަދަލުގައި ގެނައި ކުޅުންތެރިންނާ އެކު ވެލެންސިއާގެ ބިދޭސީ ކުޅުންތެރިންގެ ޖާގަތައް ފުރިހަމަކޮށްފި އެވެ.
މި ސީޒަނުގައި ކޮންމެ ކްލަބެއްގައި ޖެހޭނީ ބިދޭސީ ހަތަރު ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވާން ޖެހޭނެ އެވެ.
އޭޝިއާގެ ކުޅުންތެރިޔާގެ ޖާގަ އަށް ވެލެންސިއާއިން ގެނައީ ކިރިގިސްތާނުގެ ޑިފެންޑަރެއް ކަމަށްވާ ދަވްރޯންބެކް އަބްދުވަކޯލްޕޯވް އެވެ.
އަނެއް ތިން ޖާގަ އަށް އެ ކްލަބުން ސޮއި ކުރުވީ ސްޕެއިންގެ ފޯވާޑަކާއި މޯލްޑޯވާގެ ގޯލް ކީޕަރަކާއި މިސްރުގެ ޑިފެންޑަރެކެވެ.
ވެލެންސިއާގެ ޓްރެއަލް އަށް އައި ނައިޖީރިއާގެ ދެ ކުޅުންތެރިންގެ މައްސަލައެއް ފެންމަތިވީ ކްލަބަށް އޮޅުވާލައިގެން ފިލުމުންނެވެ.
އަމިއްލަ އަށް ޓްރެއަލް އަށް އަންނަ ކުޅުންތެރިންގެ އެޖެންޓުންނާ އެކު ވެލެންސިއާގެ އިތުރުން ރާއްޖޭގެ އެހެން ކްލަބްތަކުން އަބަދުވެސް އެއްބަސް ވަނީ، އެ ކުޅުންތެރިޔާގެ ފެންވަރު ރަނގަޅުނަމަ، ރާއްޖެ އައުމަށް ކުރި ދަތުރުގެ ހަރަދަށް ހޭދަވި ފައިސާ ރީއިމްބާސް ކޮށްދޭ އުސޫލުންނެވެ.
ވެލެންސިއާއިން ބުނީ ނައިޖީރިއާގެ ކުޅުންތެރިންގެ ފެންވަރު ދަށްކަމުން އެ ކުޅުންތެރިން އަނބުރާ ގައުމަށް ދާން ހުރިހާ އިންތިޒާމެއް ކްލަބުން ހަމަޖައްސާފައި ވާނެ ކަމަށެވެ. އެކަމަކު ފުރަށް އެއާޕޯޓަށް ގޮސް ތިބި ކަމަށް ބުނެ ކްލަބަށް އޮޅުވާލައިގެން ފިލި މައްސަލަ އެ ކްލަބުން ވަނީ އިމިގްރޭޝަނަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ރަށުތެރެއިން މަސައްކަތަކެއް ހޯދައިގެން، މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔެއްގެ ގޮތުގައި މަސައްކަތްކުރަމުންދާކަމަށް "އަސްލު" ޓީވީން ރިޕޯޓް ކުރި އެވެ.
އެންމެ ފަހުގެ ސީޒަނުގައި ވެލެންސިއާ އޮތީ ފީފާގެ ޓްރާންސްފާ ބޭންއެއް ގަ އެވެ. އެއީ ކުރިން އެ ޓީމަށް ކުޅުނު ސްޕެއިންގެ ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުންނެވެ. އެ ކްލަބްގެ މިހާރުގެ ލީޑާޝިޕުން ވަނީ އެއް މިލިއަން ރުފިޔާގގެ ޓްރާންސެކްޝަނެއް ފީފާ މެދުވެރިކޮށް ހަދައި ބޯހަސްގެ މުސާރަ ހަލާސްކޮށްފަ އެވެ.
މި ސީޒަނުގައި ވެސް ވެލެންސިއާގައި އޮތީ ޒުވާން ސްކޮޑެކެވެ. އޭގެ ތެރޭގައި ސްކޫލު އުމުރުފުރާތަކުގެ ކުޅުންތެރިން ގިނަ އެވެ. މިހާރު ލަންކާގައި ކުރިއަށްދާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ރާއްޖޭގެ ކުޅުންތެރިންގެ ސްކޮޑްގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިންނަކީ ވެލެންސިއާގެ ސީނިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.
ވެލެންސިއާއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަވސބ
19 September 2025
ބިދޭސީން ނުލައި ނެތްތަމިކަން ވާކަށް. ނުލާހިކު ހުނަރުވެރި ދަރީން އެބަފެނޭގައިމު. އެކުދިން މީހުންނަށް ހެދޭވަރުގެ ކޯޗުން ނެތީބާ
ރަގަޅު ޓީމް.
19 September 2025
ބިދޭސީންނާއި އެއްކޮށް ކުޅުމަކީ ވެސް ލިބޭ ތަޖުރިބާ އެކޭ. ތަފާތު ލެވެލް އެއްގެ ކުޅުންތެރިޔެއް ވިއްޔާ އެއީ އަދި ވަކިން ރަގަޅު ކަމެއް. ދިވެހިންނާ އެއްފެންވަރުގެ ކުޅުންތެރިން ވިޔަސް ރަގަޅު 11 މީހުންގެ ޓީމެއް ހަމަ ވުން މުހިންމު.
މުލޭ
19 September 2025
އަހަރެމެންނަށްވުރެ މޮޅެތި މީހުންގެ އެހީއާ ނުލައި އަހަރެމެންނަށް އެއްކަމަކުން ވެސް ކުރިއެރުން ނުހޯދޭނެ. ބޭރުގެ މޮޅެތި ކުޅުންތެރިން ބޭނުންވޭ.