23 ސެޕްޓެމްބަރ 2025 - 22:22
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރަން އަންނަ އަހަރު ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތޯބުގައި ވިދާޅުވީ މި ޖީލުގެ ދިވެހިންނާ އަންނަ އަހަރު ބައްދަލުވާނެ އެންމެ ހައިބަވަންތަ އަދި އެންމެ ތާރީހީ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިއްމު ދުވަސް ކަމަށެވެ.
އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ އަދި އާއްމުންގެ ގުޅުން ބަދަހިކުރަން އެތައް ހަރަކާތެއް ހިންގަން ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ގައުމީ ހަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނެސްދިން އިލާހީ ނިއުމަތަކީ ހުރިހާ ދިވެހިން އިސްލާމްދީން ގަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ ދީނުގެ އުސޫލުތަކުގެ މައްޗަށް އަނބުރާލުން ކަމަށެވެ.
މީގެ 899 އަހަރުކުރިން ރާއްޖެ އިސްލާމްވީ ހާދިސާއިން ގިނަ އިބްރަތްތަކެއް ހާސިލުވާ ކަމަށާއި އެ ދުވަހުއްސުރެ، ނުވަ ގަރުނު ފާއިތުވެގެން މި ދަނީ ދިވެހިން 100 ޕަސެންޓު މުސްލިމުންގެ ގޮތުގައި ތިބެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކު އެވެ،" ހިތޯބުގައިވެ އެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނުން އަހުލާގު ރަނގަޅު، ހެޔޮލަފާ އިންސާނުން ބިނާކޮށްދޭ ކަމަށެވެ. އަދި ކީރިތި ރަސޫލާ (ސ.އ.ވ) ވެސް ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ އިސްލާމީ އަގީދާ އާއި ރީތި އުޅުމާއި މުއާމަލާތު ދަސްކޮށްދިނުމުގައި ކަމަށާއި ރާއްޖޭގެ ކަންކަން ވެސް ހެޔޮމަގުން ހިންގުމަށް ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް އުމްރާނީ ތަރައްގީ ގެންނަ ގޮތަށް، ހެޔޮލަފާ މީހުން ބިނާކުރުމެވެ.
އޭގެ އިތުރުން ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމާއި އެކަކު އަނެކަކާ ރީތި ބަހުން މުހާތަބު ކުރުމާއި ދީނަށް ލޯބިކުރާ އަދި އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަކީ ވެސް އެއް ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ މި ދެންނެވި ރީތި ސިފަތަކާ ވެސް އެކު އެވެ،" ހިތޯބުގައިވެ އެވެ. "އިރާދަކުރެއްވިއްޔާ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަމެވެ." ހިތާބުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1206
25 September 2025
މިއަދު ރާއްޖޭގެ އިސްލާމީވަންތަ ކަމަކީ ހަމައެކަނި ނަމަކަށް އޮތް ކަމެއް. ހަރާމެއް ހަލާލެއް ވަކިނުވޭ ރޯމާ ދުވާލުވެސް. ޅެންވެރިޔާގެ ބަސް ތެދު. އެންމެން ކިޔެވީ އެއް ފޮތަކުންނޭ ފެންނަ ގޮތުން ދިހަބާރަ ފޮތުންނޭ ނެތް ނުކުރާކަށް ކަމެއް މަދަރިންނޭ ދެން ވެސް ކިޔަނީ އިސްލާމުންނޭ
ޒިމ1
24 September 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު އެހެންވީމަ މީހުން އިސްލާމްވިތާ ކިހާ ދުވަހެއްކަން ބުނެދީބަލަ..
އަބްޑޫޅް +
25 September 2025
ރާއްޖެ، ސަހާދެއް ކިޔައި އިސްލާން ވީމަ އެ ނިމުނިއްޔޭ!
ސުވާދު
24 September 2025
އަދުލު އިންސާފު ޤާއިމު ކޮއްބަލަ!
އޮނަރަބްލް އަފީފު ދީދީ
24 September 2025
މީގެ 899 އަހަރުކުރިން މިއަދު "ރާއްޖެ" ނުވަތަ ކ.އަތޮޅު މާލޭގައި ރަސްކަން ކުރަމުންއައި މީހާ ބޭޒާރުވުމުން މާލޭގެ ރަސްކަމުގައި އޮތް ރަސްމީ ބުދުދީން ދޫކޮށް، މައުރިބް ކަރައިން ކ.މާލެއަށް އައިސްހުރި މީހެއްގެ އަތްމައްޗަށް ރަސްގެފާނު އިސްލާމް ވެ ރަދުންނާއި މާލޭގެ ރަސްކަމުން އިސްލާމްދީން ރަސްމީކޮށް ޤަބޫލު ކުރި ޙަޤީގީ ސަބަބު އަދިވެސް ދިވެހި ތާރީޙްގައި ލިޔަން މާލޭސަރުކާރުގެ ފަރާތުން ބޭނުމެއްނުވޭ. ސައްޙަ ރަނގަޅު ތާރީހެއް އޮންނާނީ މިކަންކަން ރަނގަޅު ކޮށްގެން.
އޮނަރަބްލް އަފީފު ދީދީ
24 September 2025
މައުރިބް ކަރައިން ކ.މާލެއަށް އައިސް ހުރި މީހަކު އެރަށު ރަސްކަމުގެ ކޮއިލު ތެރެއިން ސިއްރިޔާތުގައި ހިންގަމުންދިޔަ އިންސާނިއްޔަތާއި ޙިލާފް ޖަރީމާ އެއް ފަޅާ އަރުވާ ކ.މާލެއަށް އަރަމުން ދިޔަ ރަންނަމާރީގެ ޙަޤީގަތް ދެނެގަނެ މާލޭގެ ރަސްކަމުގައި ތިބިމީހުނަށް ބުދުދީން ދޫކޮށް އިސްލާމްދީން އިޙްތިޔާރުކުރަން މަޖުބޫރު ކުރުމުގެކުރިންވެސް އައްޑޫގައި އޮތީ އިސްލާމް ދީން ކަމަށާއި އައްޑޫ މީދޫއަކީ އިސްލާމީ ހަޞޯރަތެއްކަން އިގޭނެ ތާރީޙީ ހެކި މިހާރުވެސް ފެންނާން އެބަހުރި.
އަބްޑޫޅް +
24 September 2025
ދިވެހިރާއްޖެ އަށް އިސްލާދީން ގެނައީ އައްޑު އަތޮޅު ކަޅައިހާރު ގެ ދޮރާބޫ ކިޔުނު މީހެއް. އޭނާ އަކީ އަރަތްބެއް ނޫން. ދޮރާބޫ އަކީ ފާރިސްކަރައަށް ވިޔާފާރިކަމު ގޮސް އުޅުނު، އައްޑޫ މީހެއް. އެހެންވެގެންނޭ ނަމާދަށް، ސޮލާތު ގެ ބަދަލުގަ ނަމާދު ކިޔަނީ. އަދި ރޯދަޔަށް، ސޯމު ގެ ބަދަލު ރޯދަ ކިޔަނީ. ދެންވެސް ކިތަންމެ ދަލީލެއް އެބަހަށި.
ސައިބޯނި
24 September 2025
އެދުވަސް ފާހަގަ ކުރަން އެއްމެ ރަނގަޅީ ފަތިހުގެ ޖަމާއަތުގައި ހުރިހާ އެއްމެން ބައިވެރިވެ, ނަމާދުކޮށް ދުޢާ ކުރުން, ބަޖެޓު ހުސްކުރަން ހަވާ އަރުވާ މިހާ ދަތި ދުވަސްވަރު ބޭކާރު ޚަރަދު ނުކޮށް ފަހަށް ރައްކާކުރުން
އަބްޑޫޅް +
25 September 2025
ނަމާދު ނުކުރާ މީހުންނާއި، ފަތިހު ތެދުވަން ބޭނުން ނޫން މީހުންވެސް އުޅެޔޭ. އެފަދަ މީހުންނަށްވެސް، ޗުއްޓީ ދަވަސް ދުވަހު، މަޖާ ކޮށްލުމުގެ ފުރުސަތު، ނޫނީ މުޅި ދުވަހު ނިދާލުމުގެ ހުއްދަ ދޭންވާނެ ނޫންތަ؟
އަލީ!
24 September 2025
ރާއްޖެ އިސްލާމްވީ ހުރިހާ އެންމެން އެއްދުވަހަކާ އެއްފަހަރާތޯ؟!
ބޮކިއްޓޭ
24 September 2025
އަވަހަށް ބޮކިފަތިކޮޅެއް ގެންނަންވީ، ބޮޑު އަގުގަ ސަރުކާރަށް ވިއްކަން
އަފްރާސިޔާބު
24 September 2025
އޮފިޝަލް އިވެންޓާއި ތިކަން ހަވާލުކޮށްލުމުން އިސްލާމްވި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވޭނެ.
ގައު މައްޔިތު
24 September 2025
އިސްލާމްވީ ފަސްގަނޑުތަ؟ ތިބި މީހުންތަ؟ މީހުން ވިއްޔާ މިހާރު ވަރަށް ފަހަތުގަ، އެހެންދުވަހެއް ފާހަގަކުރަން ޖެހޭނީ.
އިދުރީހު
23 September 2025
ރަނގަޅު ކަމެއް. ލަވަކިޔުމާ ޑާންސްކުރުމުގެ ސްޓޭޖް ޝޯ ތަކާ މަގުމަތީ ކުޅިވަރުތަކާ ހަވާ އެރުވުމާ ޒުވާނުންގެ ކާރު ރޭސްޖެހުމާ ފެޝަން ޝޯތަކާ... ދެން މިހެންގޮސް އިސްލާމްވި ދުވަހާ ގުޅޭ މިފަދަ ގިނަ ހަރަކާތްތަކެއް ބާއްވަން ވާނެ. ކުލަގަދަ ވާނީ އޭރުން..
އާދަނު33
24 September 2025
ތިހުރީ ހައްތަހާވެސް ރަގަޅުކަންކަން. ގޯސްކަމެއްނެތް ތިޔަކު